ތަޢާރަފް:
އެކްސެސްޓު ޖަސްޓިސް ނުވަތަ ޝަރުޢީ ދާއިރާގެ ޚިދުމަތްތަކަށް އަވަސްގޮތަކަށް ވާސިލުވުމަށް ޤާއިމުކުރެވޭ ލީގަލް ކްލިނިކަކީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އިސްނެންގެވުމުގެ މަތީން ކުރިއަށް ގެންދެވޭ ޚާއްސަ މަސައްކަތެކެވެ.
މި ޕްރޮޖެކްޓްގެ ބޭނުމަކީ، ޤާނޫނީ އެހީތެރިކަމަށް ބޭނުންވާ ފަރާތްތަކަށް އެފަދަ އެހީތެރިކަން ފޯރުކޮށްދީ، ކޯޓުތަކަށް ހުށަހެޅޭ މައްސަލަތަކާގުޅިގެން ޢާއްމުފަރާތްތަކުން ޢަމަލުކުރަންޖެހޭ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި އުޞޫލުތައް އޮޅުން ފިލުވައިދީ ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 53 ވަނަ މާއްދާއިން ލިބިދީފައިވާ ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދުމަށްޓަކައި ބޭނުންވާނެ މަޢުލޫމާތު ފަސޭހަކަމާއެކު ފޯރުކޮށްދީ ޤާނޫނުއަސާސީ އިން ލިބިދީފައިވާ ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ލިބުމުގެ ޙައްޤު އިތުރަށް ކަށަވަރު ކުރުމެވެ.
ދުނިޔޭގެ އެއްވެސް ޤައުމެއްގައި ރައްޔިތުންނާ ގާތުން ޝަރުޢީ ކޯޓުތަކުން ޚިދުމަތް ނުދެވޭ މިންވަރަށް ފަސޭހައިން ޢަދުލު އިންޞާފު ލިބުމަށް ދިވެހިރާއްޖޭގައި މަޤުފަހިކޮށް ދިނުމެވެ. ރާއްޖޭގެ ކޮންމެ އަބާދީއަކަށްވެސް ހިނގާފައި ފަސޭހަކަމާއެކު ދެވޭ ހިސާބެއްގައި ކޯޓެއް ހުންނާނެއެވެ.
ދިވެހިރާއްޖޭގައި ކޯޓުތައް ގިންތިކުރެވިފައިވަނީ އާބާދީގެ ނިސްބަތާއި ހުށަހެޅޭ މައްސަލަތަކަށް ބަލައިގެންނެވެ.
ދިވެހިރާއްޖޭގެ ޖުޑީޝަލް މެޕް އެކުލަވައިލާފައިވަނީ ކޮންމެ އަތޮޅަކީ ޖުޑީޝަލް ދާއިރާއެއް ކަމުގައި ބަލައިގެންނެވެ. އަދި އާބާދުވެފައިވާ ކޮންމެ ރަށެއްގައި ކޯޓެއް ހުންނަން ލާޒިމުވާ ގޮތަށެވެ. އަދި އާބާދީގައި 500 ހަމަވާ ކޮންމެ ރަށެއްގައި މެޖިސްޓްރޭޓަކު ޤާއިމުވެ ހުންނަވާ ގޮތަށެވެ.
ލީގަލް ކްލިނިކްގެ މަޤްޞަދު:
- މި ކްލިނިކް ގެ މައިގަނޑު މަޤުޞަދަކީ، ދިވެހިރާއްޖޭގެ ޤާނޫނޫއަސާސީގެ 53 ވަނަ މާއްދާއިން ލިބިދީފައިވާ ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ލިބިދިނުމުގެ ޙައްޤު އިތުރަށް ކަށަވަރުކުރުމުގެ ގޮތުން އެ ޙައްޤު ލިބިގަތުމުގައި އެހީތެރިކަމަށް ބޭނުންވާ އެންމެހައި ރައްޔިތުންނަށް އެހީތެރިކަން ފަސޭހަކަމާއި ހަލުވިކަމާއެކު ފޯރުކޮށް ދިނުން.
- ކޯޓުތަކުގެ މަސައްކަތް ހަމަޖެހިފައިވާގޮތުގެ މަޢުލޫމާތު ދިނުމާއި ދެބަސްވުން ހައްލުކުރުމަށް ޝަރީއަތުން ލިބެންހުރި ފަރުވާމީހުންނަށް އަންގައި ދިނުން.
- ޤާނޫނީ ވަކީލުންގެ މަސައްކަތް ހަމަޖެހިފައިވާ ގޮތާއި ވަކީލަކު ހޯދާނެގޮތާއި ވަކީލުންގެ ދަފްތަރާބެހޭ މަޢޫލޫމާތު ދިނުން.
ލިބޭނެ ޚިދުމަތްތައް:
1- ޤާނޫނީ ވަކީލުންގެ ގޮތުގައި ރަޖިސްޓްރީ ވެފައިވާ ފަރާތްތަކާ ގުޅޭނެ ގޮތުގެ މަޢުލޫމާތު ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފޯރުކޮށްދިނުން
2- ޝަރުޢީ މައުޛޫނުންނާ ގުޅޭނެ ގޮތުގެ މަޢުލޫމާތު އެކަމަށް އެދޭ ފަރާތްތަކަށް ފޯރުކޮށްދިނުން
3- ކޯޓުތަކަށް ހުށަހެޅޭ މައްސަލަތަކާގުޅިގެން ޢާންމުފަރުދުން ކުރަންޖެހޭ އެކިއެކި ކަންކަން ކުރުމުގައި ޢަމަލުކުރަންޖެހޭ ގޮތުގެ މަޢުލޫމާތު ފޯރުކޮށްދިނުން
4- ޤާނޫނުތަކާއި ޤަވާޢިދުތައް ހޯދަން ބޭނުންވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުން
5- އަދި މިނޫންވެސް ޢަދުލު އިންޞާފާ ގުޅުންހުރި މަޢުލޫމާތު ބޭނުންވާ ފަރާތްތަކަށް އެފަދަ މަޢުލޫމާތު ފޯރުކޮށްދިނުން
މި ކްލިނިކް ގެ ޚިދުމަތް ލިބޭނެތަން:
މި ޚިދުމަތަކީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އިސް ނެންގެވުމުގެ މަތީން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުގައި ޤާއިމުކޮށސްފައިވާ ލީގަލް ކްލިނިކުން ފޯރުކޮށްދެވޭ ޚިދުމަތަކަށްވާތީ، މި ޚިދުމަތް ފޯރުކޮށްދޭނީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުންނެވެ. ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަން ހުންނަނީ މާފަންނު ތީމުގެ އާބުރުޒު ހިނގުމުގައެވެ.
ޚިދުމަތް ހޯދާނެގޮތް:
މި ކްލިނިކް ގެ ޚިދުމަތް ހޯދުމަށް ބޭނުންވާ ފަރާތްތަކުން އެކަމަށް އެދި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ހުށަހެޅުމުން އެފަރާތަކަށް މި ޚިދުމަތް ލިބިގެންދާނެއެވެ. މިގޮތުން ޚިދުމަތް ބޭނުންވާ ފަރާތްތަކުން މި ޑިޕާޓްމަންޓަށް ޙާޟިރުވެގެންވެސް ޚިދުމަތް ހޯދިދާނެއެވެ. އަދި މީގެއިތުރުން، ފެކްސް ނުވަތަ އީމެއިލްގެ ޒަރީޢާއިން ހުށަހެޅުންތައް ހުށަހެޅުމުން އެފަރާތަކާ ފޯނުން ގުޅައިގެން ޚިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތް ޑިޕާޓްމަންޓުން ކުރަމުން ގެންދާނެއެވެ.