ޤާނޫނީ ވަކީލުކަމުގެ ހުވާކުރުން މިރޭ. އަލަށް ހުވާ ކުރައްވާ ވަކީލުންގެ %60 އަކީ އަންހެނުން

fai

ޤާނޫނީ ވަކީލުކަމުގެ ހުވާކުރުމަށް މިރޭ ދަރުބާރުގޭގައި ބާއްވާ ރަސްމިއްޔާތުގައި 139 ޤާނޫނީ ވަކީލުން ހުވާ ކުރައްވާނެއެވެ. މިރޭގެ މިޙަފްލާއަކީ ދިވެހިރާއްޖޭގައި ޤާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތްކުރުމުގެ ހުއްދަ ދިނުމުގެ ޤަވާޢިދު (ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2015/SC-RU/03 ރޫލިންގ) ގެ 4 ވަނަ މާއްދާ އާއި 5 ވަނަ މާއްދާ އާ އެއްގޮތްވާ ގޮތުގެމަތީން ދިވެހިރާއްޖޭގައި ޤާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތްކުރުމުގެ ހުއްދަ ދިނުމަށްޓަކައި ބާއްވާ ފުރަތަމަ ރަސްމިއްޔާތެވެ. މިރަސްމިއްޔާތުގައި އަލަށް ހުވާ ކުރައްވައި ލީގަލް ޕްރޮފެޝަނާ ގުޅިވަޑައިގަންނަވާ ވަކީލުންގެ %60 އަކީ އަންހެން ބޭފުޅުންނެވެ. އެގޮތުން 83 އަންހެން ބޭފުޅުންނާއި 56 ފިރިހެން ބޭފުޅުން މިރޭ ހުވާކުރައްވާނެއެވެ.

އިތުރަށް ވިދާޅުވުމަށް...

ބަންދުގެ މުއްދަތު އިތުރުކުރުމަށް 15006 މައްސަލަ 2015 ވަނަ އަހަރު ހުށަހަޅާފައިވޭ

unnamed

ޝަރުޢީ ކޯޓުތަކުގެ 2015 ވަނަ އަހަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ޖިނާއީ ކުށުގެ ތުހުމަތުގައި ބަންދުގެ މުއްދަތު އިތުރުކުރުމަށް 15006 މައްސަލަ 2015 ވަނަ އަހަރު ވަނީ ހުށަހަޅާފައިވެއެވެ. މި މައްސަލަތަކުގެ ތެރެއިން އެންމެ ގިނަ މައްސަލަ ހުށަހަޅާފައިވަނީ ކްރިމިނަލް ކޯޓަށެވެ. އެކޯޓަށް 8795 މައްސަލަ ހުށަހަޅާފައިވާއިރު، ޖުވެނައިލް ކޯޓަށް 597 މައްސަލަ، އަދި މެޖިސްޓްރޭޓް ކޯޓުތަކަށް 5614 މައްސަލަ ހުށަހަޅާފައިވެއެވެ.

އިތުރަށް ވިދާޅުވުމަށް...

02 އޮކްޓޫބަރުން 08 އޮކްޓޫބަރުގެ ނިޔަލަށް 355 މައްސަލަ ނިންމައި، 440 އަޑުއެހުން ބޭއްވި

stat2

02 އޮކްޓޫބަރުން 2016 އިން 08 އޮކްޓޫބަރު 2016 އަށް ނިމުނު ހަފްތާގައި ޝަރުޢީ ކޯޓުތަކުގެ ޕަރފޯމަންސަށް ބަލާއިރު ޖުމްލަ 355 މައްސަލަ ނިންމައި، ކޯޓުތަކުން 440 އަޑުއެހުން ވަނީ ބާއްވާފައެވެ. އެހަފްތާގައި ނިންމި މައްސަލަތަކުގެ ތެރެއިން ދިވެހިރާއްޖޭގެ ހައިކޯޓުންނާއި ސުޕީރިއަރ ކޯޓތަކުން ނިންމާފައިވާ މައްސަލާގެ ޢަދަދަކީ 154 އެވެ. އަދި މެޖިސްޓްރޭޓް ކޯޓުތަކުން ވަނީ 201 މައްސަލަ ނިންމައި ޙުކުމް ކޮށްފައެވެ.

އިތުރަށް ވިދާޅުވުމަށް...

ކުށުގެ ރެކޯޑް ސާފުކޮށްދިނުމުގެ ޚިދުމަތް ދިނުމުގައި ދިމާވި ދަތިތަކާގުޅޭ

މި ޑިޕާޓްމަންޓުން ޢާންމު ރައްޔިތުންނަށް ފޯރުކޮށްދެމުންދާ ކުށުގެ ރެކޯޑް ސާފުކުރުމުގެ ޚިދުމަތް ދިނުމުގައި 2016 އޮކްޓޫބަރު 11 ވީ އަންގާރަ ދުވަހު ދަތިތަކެއް ކުރިމަތިވެފައިވާ ކަމުގައި ދަންނަވަމެވެ. ކުށުގެ ރެކޯޑްސާފުކުރުމުގެ މަސައްކަތަކީ ވަރަށް ގިނަ ފަރާތްތަކެއްގެ އެހީތެރިކަމާއެކު މި ޑިޕާޓްމަންޓުން ކުރަމުންދާ މަސައްކަތަކަށްވުމާއެކު، ކޮންމެ ދުވަހަކުވެސް ކުށުގެ ރެކޯޑް ސާފުކުރުމަށް ހުށަހަޅާފޯމްތައް ޖެހިގެން އަންނަ ދުވަހުގެ ކަނޑައެޅިފައިވާ ގަޑިއަށް ނިންމަމުން ގެންދިއުމަކީ މި ޑިޕާޓްމަންޓުން ވަރަށް އިސްކަންދީގެންކުރާ މަސައްކަތެކެވެ. ނަމަވެސް މިއަދު ކުށުގެ ރެކޯޑް ސާފުކުރުމުގައި ދިމާވި ދަތިތަކަށް މި ޑިޕާޓްމަންޓުން ނިހާޔަތަށް މަޢާފަށްއެދެމެވެ.


އިޢުލާނު ވިދާޅުވުމަށް

ދިވެހިރާއްޖޭގައި ޤާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތްކުރުމުގެ ހުއްދަދިނުމުގެ ރަސްމިއްޔާތާގުޅޭ

Legalpractitioners-oathtaking-ceremony17-10-2016

ދިވެހިރާއްޖޭގައި ޤާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތްކުރުމުގެ ހުއްދަ ދިނުމަށްޓަކައި ބާއްވާ ހުވާކުރުމުގެ ރަސްމިއްޔާތު އޮންނާނީ 2016 އޮކްޓޫބަރު 17 ވާ ހޯމަ ދުވަހުގެ ރޭ 21:00 ގައި ދަރުބާރުގޭ ފާށަނާ މާލަމުގައެވެ.

މި ރަސްމިއްޔާތުގެ ޑްރެސް ކޯޑަކީ ކޯޓު ފަޓުލޫނެވެ.

މި ރަސްމިއްޔާތުގެ ރިހާސަލް ބޭއްވުމަށް ހަމަޖެހިފައިވަނީ 2016 އޮކްޓޫބަރު 17 ވާ ހޯމަދުވަހުގެ 13:00 ގައި ދަރުބާރުގޭ ފާށަނާ މާލަމުގައެވެ.

މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމުގެ ފުރުޞަތު ދެވިފައިވާ ފަރާތްތައް ރަސްމިއްޔާތު ފެށުމަށް ހަމަޖެހިފައިވާ ގަޑީގެ 45 މިނިޓްކުރިން ދަރުބާރުގޭ ފާށަނާ މާލަމަށް ޙާޟިރުވެވަޑައިގަންނަވަން ވާނެއެވެ.

 

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ އިޢުލާނު ވިދާޅުވުަމަށް

ޝަރުޢީ ދާއިރާއަށް މެދުނުކެނޑި 44 އަހަރު ޚިދުމަތް ކޮށްދެއްވާފައިވާ އަލްފާޟިލް އާދަމް އިބްރާހީމް ރިޓަޔަރ ކުރައްވައިފި

r3

ޝަރުޢީ ދާއިރާއަށް މެދުނުކެނޑި 44 އަހަރު ޚިދުމަތް ކޮށްދެއްވާފައިވާ މ. ޕެންޒީ ހައުސް އަލްފާޟިލް އާދަމް އިބްރާހީމް ރިޓަޔަރ ކުރައްވައިފިއެވެ.

މ. ޕެންޒީ ހައުސް އަލްފާޟިލް އާދަމް އިބްރާހީމް އަކީ 24 ޖެނުއަރީ 1972 ން ފެށިގެން މެރީޖް ރަޖިސްޓްރޭޝަން ޑިވިޜަންގެ ޕިއޯނުކަމުގެ މަޤާމާއި، މިނިސްޓްރީ އޮފް ޖަސްޓިސްގެ ދޭވާނީ ކަމުގެ މަޤާމާއި، މިނިސްޓްރީ އޮފް ޖަސްޓިސްގެ ސަރުދާރުކަމުގެ މަޤާމާއި، މިނިސްޓްރީ އޮފް ޖަސްޓިސްގެ އަގުކޮމިޓީގެ މެމްބަރުކަމުގެ މަޤާމް އިޚްލާޞްތެރިކަމާއެކު އަދާކުރައްވާފައިވާ ޚިދުމަތްތެރި ބޭފުޅެކެވެ. ރިޓަޔަރ ކުރެއްވި އިރު ހުންނެވީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ އަގުކޮމިޓީ މެމްބަރުކަމުގެ މަޤާމުގައެވެ.

އިތުރަށް ވިދާޅުވުމަށް...

2014 ވަނަ އަހަރާއި 2015 ވަނަ ކޯޓުތަކަށް ހުށަހެޅުނު ޖިނާއީ މައްސަލަތަކުގެ އަދަދު އެހެން އަހަރުތަކަށް ވުރެ މަދު !

 crc1

ދިވެހި މުޖުތަމަޢަކީ ކުށްކުރުން މަދު މުޖުތަމަޢަކަށް ހެދުމަށްޓަކައި ދައުލަތުން ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު، ފާއިތުވި 2014 ވަނަ އަހަރާއި 2015 ވަނަ އަހަރު ކޯޓުތަކަށް ހުށަހެޅުނު ޖިނާއީ މައްސަލަތަކުގެ ޢަދަދު އެހެން އަހަރުތަކާ އަޅާކިޔާއިރު ވަރަށް ބޮޑުތަން މަދުވެފައިވާކަން ޝަރުޢީދާއިރާގެ ތަފާސްހިސާބުތަކުން ދައްކައެވެ. އެގޮތުން 2014 ވަނަ އަހަރާ 2015 ވަނަ އަހަރު އެކުޖުމްލަ ރާއްޖޭގެ ކޯޓުތަކަށް ހުށަހެޅިފައިވަނީ 4295 ޖިނާއީ މައްސަލައެވެ. އެއީ އެދެއަހަރު ކޯޓުތަކަށް ހުށަހެޅުނު މައްސަލަތަކުގެ %11.5 މައްސަލައެވެ. އޭގެ ތެރޭގައި ހިމެނެނީ 2015 ވަނަ އަހަރު ހުށަހެޅުނު 2033 މައްސަލައާއި، 2014 ވަނަ އަހަރު ހުށަހެޅުނު 2262 މައްސަލައެވެ. 2014 ވަނަ އަހަރާއި 2015 ވަނަ އަހަރަކީ ރޫލް އޮފް ލޯ ނެގެހެއްޓުމުގައި ކާމިޔާބު ދެއަހަރުކަން މި ނަތީޖާއިން ހާމަވެގެންދެއެވެ.

އިތުރަށް ވިދާޅުވުމަށް...

25 ސެޕްޓެމްބަރ 2016 އިން 1 އޮކްޓޯބަރ 2016 ވަނަ ދުވަހުގެ ނިޔަލަށް ކޯޓުތަކުން ނިންމި މައްސަލަތަކުގެ އަދަދު އިތުރުވެއްޖެ

case

25 ސެޕްޓެމްބަރ 2016 އިން 1 އޮކްޓޯބަރ 2016 ވަނަ ދުވަހުގެ ނިޔަލަށް މެޖިސްޓްރޭޓު ކޯޓުތަކުން ނިންމި މައްސަލަތަކުގެ އަދަދު އޭގެ ކުރީ ހަފްތާއާ އަޅާ ބަލާއިރު 81 މައްސަލަ އިތުރުވެއްޖެއެވެ. މެޖިސްޓްރޭޓު ކޯޓުތަކުން 290 މައްސަލަ ނިންމާފައި ވާއިރު އޭގެ ކުރީ ހަފްތާގައި ނިންމާފައިވަނީ 209 މައްސަލައެވެ. ހައިކޯޓު އަދި މާލޭގެ ސުޕީރިއަރ ކޯޓުތަކުން މިދިޔަ ހަފްތާގައި 364 މައްސަލަ ނިންމާފައިވެއެވެ.

އިތުރަށް ވިދާޅުވުމަށް...

ދިވެހިރާއްޖޭގައި ޤާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތްކުރުމުގެ ހުއްދަދޭ ކޮމިޓީގެ ދެވަނަ ބައްދަލުވުން ބާއްވައިފި

ދިވެހިރާއްޖޭގައި ޤާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތްކުރުމުގެ ހުއްދައަށް އެދި ހުށަހަޅާފައިވާ ބައެއް އެޕްލިކޭޝަންތަކާމެދު ގޮތެއް ނިންމަވައި، އަދި ހުވާކުރުމުގެ ރަސްމިއްޔާތު ބާއްވާނެ ތާރީޚެއް ކަނޑައެޅުމަށްޓަކައި ދިވެހިރާއްޖޭގައި ޤާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތްކުރުމުގެ ޤަވާޢިދުގައި ބަޔާންކޮށްފައިވާ ހުއްދަދޭ ކޮމިޓީގެ ދެވަނަ ބައްދަލުވުން 05 އޮކްޓޫބަރު 2016 ވީ ބުދަދުވަހުގެ ރޭ 21:00 ގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ބާއްވައިފިއެވެ.

މި ބައްދަލުވުމުގައި ދިވެހިރާއްޖޭގައި ޤާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތްކުރުމުގެ ހުއްދައަށް އެދި ހުށަހަޅާފައިވާ އެޕްލިކޭޝަންތަކުގެތެރޭގައި ހިމެނޭ އިތުރު މަޢުލޫމާތު ބޭނުންވާ އެޕްލިކޭޝަންތަކުގެ ތެރެއިން، އެ މަޢުލޫމާތު ހުށަހަޅާފައިވާ ފަރާތްތަކުގެ އެޕްލިކޭޝަންތަކަށް ހުއްދަދޭން ފެންނަކަމަށް ކޮމިޓީގެ ދެވަނަ ބައްދަލުވުމުގައި ވަނީ ނިންމަވާފައެވެ. އަދި 16 ފަރާތެއްގެ އެޕްލިކޭޝަންއާމެދު ގޮތެއް ނިންމުމަށްޓަކައި އިތުރަށް މަޢުލޫމާތު ހޯދައި ދިރާސާކުރުމަށް އެދިވަޑައިގަތެވެ.

އިތުރަށް ވިދާޅުވުމަށް...

ކޭސް މެނޭޖްމަންޓް ސޮފްޓްވެއަރއާގުޅޭ ރިވިއު ބައްދަލުވުމެއް ބާއްވައިފި

case mgmt

ޝަރުޢީދާއިރާއިން ޑިވެލޮޕް ކުރަމުންދާ ކޭސް މެނޭޖްމަންޓް ސޮފްޓްވެއަރއާގުޅޭ ބައްދަލުވުމެއް 2016 އޮކްޓޫބަރު 05 ވީ ބުދަ ދުވަހު ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގައި ބާއްވައިފިއެވެ. މި ބައްދަލުވުމުގައި ސިވިލް ކޯޓުގެ އިސް ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ޢަލީއާއި، ފެމިލީ ކޯޓު ހިންގެވުމާ ޙަވާލުވެ ހުންނެވި ޤާޟީ އަލްއުސްތާޛު އިބްރާހީމް މާހިރުއާއި، ޑްރަގް ކޯޓު ހިންގެވުމާ ޙަވާލުވެ ހުންނެވި ޤާޟީ އަލްއުސްތާޛު ޢަބްދުއްސައްތާރު ޢަބްދުލް ޙަމީދު ބައިވެރިވެ ވަޑައިގެންނެވިއެވެ. ޑިޕާޓްމަންޓުގެ ފަރާތުން މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތީ ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ ޙަސަން ސަޢީދާއި ޑިޕާޓްމަންޓުގެ އައިޓީ ޑިވިޝަނުގެ ޑިރެކްޓަރ އިމްރާން ވަޖުދީ، ކޮމްޕިއުޓަރ ޕްރޮގްރާމަރ މުޙައްމަދު އަމީން، އަދި ކޮމްޕިއުޓަރ ޕްރޮގްރާމަރ މުޙައްމަދު އިފާހު އެވެ.

cms 1

މި ބައްދަލުވުމުގައި ކޭސް މެނޭޖްމަންޓް ސޮފްޓްވެއަރ ޑިވެލޮޕް ކުރުމުގެ މަސައްކަތް މިހާރު ގޮސްފައިވާގޮތުގެ މަޢުލޫމާތު ފަނޑިޔާރުންނާއި ހިއްސާ ކުރެވުނެވެ. އަދި ގެންނަޖެހޭ ބައެއް ބަދަލުތަކާއި، ކޯޓުތަކުގައި ކޭސްމެނޭޖެމެންޓް ސޮފްޓްވެއަރގެ އެކި ބައިތައް އިމްޕްލިމެންޓް ކުރެވޭނެ ގޮތުގެ ޓައިމްލައިނަކާއި ގުޅޭ ގޮތުން ވެސް ވާހަކަ ދެކެވި މަޝްވަރާ ކުރެވުނެވެ. މިގޮތުން ސިވިލް ކޯޓާއި، ފެމިލީ ކޯޓާއި، ޑްރަގް ކޯޓުގައިވެސް ބޭނުންކުރެވޭނެ މޮޑިއުލްތައް ބޭނުންކުރަން ފަށައި، ޖެނުއަރީ 2017 އަށް ކޭސް މެނޭޖްމަންޓްގެ ސޮފްޓްވެއަރ މި ތިން ކޯޓުގައި ފުރިހަމައަށް ބޭނުން ކުރުމަށް ތާވަލް ކުރެވުނެވެ.

ކޭސް މެނޭޖްމަންޓް ސޮފްޓްވެއަރ ތިން ސުޕީރިއަރ ކޯޓެއްގައި މިވަގުތު ބޭނުން ކުރަން ފެށިފައިވެއެވެ.ސްޓެޓިސްޓިކްސް މޮޑިއުލްއާއި، އިބްތިދާއީ މޮޑިއުލް ފިޔަވައި ދެންހުރި ބައިތައް މިހާރު ޑްރަގް ކޯޓުގައިދަނީ ބޭނުން ކުރެވެމުން ދާއިރު އަދި ފެމިލީ ކޯޓުގައި އެންޓްރީ، ރަޖިސްޓްރާރ، ޖަޖް، ޗީފް ޖަޖް، އަދި ރިޕޯޓިންގ ގެ ބައިތައް ބޭނުން ކުރެވެއެވެ. ސިވިލް ކޯޓުގައި އަދި ބޭނުންކުރަން ފަށާއިފައި ވަނީ އެންޓްރީ މޮޑިއުލް އެކަންޏެވެ.

މި ސޮފްޓްވެއަރ ބޭނުންކުރަން ފެށުމުން ކޯޓުގެ ކޭސް މެނޭޖްމަންޓް އޮޓޮމޭޓްވެގެން ދާނެގޮތުގެ ބައިތަކުގެ ބައެއް ސްކްރީން ޝޮޓްތައް ބެއްލެވުމަށް

ދިވެހިރާއްޖޭގައި ޤާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތްކުރުމުގެ ހުއްދަދިނުމުގެ ރަސްމިއްޔާތު ފަސްކުރުމާގުޅޭ

މި ޑިޕާޓްމަންޓުގެ ނަންބަރު 198-L/2016/131 (07 ސެޕްޓެމްބަރ 2016) އިޢުލާނާ ޙަވާލާދީ ދަންނަވަމެވެ.

2016 އޮކްޓޫބަރު 05 ވާ ބުދަދުވަހުގެ ރޭ ބޭއްވުމަށް ތާވަލުކުރެވިފައިވާ، ދިވެހިރާއްޖޭގައި ޤާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތްކުރުމުގެ ހުއްދަ ދިނުމަށްޓަކައި ބާއްވާ ހުވާކުރުމުގެ ރަސްމިއްޔާތު މިހާރު ވަނީ ފަސްކުރެވިފައެވެ.

މި ރަސްމިއްޔާތު އޮންނާނެ ތާރީޚާއި ތަން ފަހުން އިޢުލާނު ކުރެވޭނެއެވެ.


ދިވެހިރާއްޖޭގައި ޤާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތްކުރުމުގެ ހުއްދަ ދިނުމަށްޓަކައި ބާއްވާ ހުވާކުރުމުގެ ރަސްމިއްޔާތު ފަސްކުރުމާގުޅޭ އިޢުލާނު ވިދާޅުވުމަށް