ފުވައްމުލަކު އަދި އައްޑު އަތޮޅު ހިތަދޫގެ ސަރުކާރިގެ އޮފީސްތަކަށް ޝަރުޢީދާއިރާގެބެހޭގޮތުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ބާއްވައިފި

ފުވައްމުލަކާއި އައްޑޫ ސިޓީ ހިތަދޫގައި ހުރި ސަރުކާރު އޮފީސްތަކުގެ އިސް ބޭފުޅުންނަށް އަމާޒު ކޮށްގެން، ދިވެހިރާއްޖޭގެ ޝަރްޢީ ދާއިރާއާ ބެހޭގޮތުން މަޢުލޫމާތު ދިނުމުގެ މަސައްކަތުބައްދަލުވުންތަކެއް ބާއްވައިފިއެވެ.
ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ފަރާތުން "އިންޓްރޮޑަކްޝަން ޓު ދަ މޯލްޑިވިއަން ޖުޑީޝަރީ" މި ނަމުގައި ބޭއްވި މަސައްކަތުބައްދަލުވުން ފުވައްމުލަކުގައި ބޭއްވުނީ ޖެނުއަރީ މަހުގެ 25 އިން 29 ވަނަ ދުވަހުގެ ނިޔަލަށެވެ. އައްޑޫ ސިޓީ ހިތަދޫގައި މަސައްކަތުބައްދަލުވުން ކުރިޔަށް ގެންދެވުނީ ފެބްރުއަރީ މަހުގެ 01 އިން 05 ވަނަ ދުވަހުގެ ނިޔަލަށެވެ.
ފުވައްމުލަކުން 19 ބޭފުޅަކު، މަސައްކަތުބައްދަލުވުން ފުރިހަމަ ކުރައްވައި ސެޓްފިކެޓް ހާސިލު ކުރެއްވި އިރު، އައްޑޫ ސިޓީ ހިތަދޫން ޕްރޮގްރާމް ފުރިހަމަ ކުރެއްވީ 17 ބޭފުޅުންނެވެ. ފުވައްމުލަކާއި އައްޑޫ ސިޓީ ހިތަދޫން ޕްރޮގްރާމް ފުރިހަމަ ކުރެއްވި ބޭފުޅުންގެ ތެރޭގައި އެ ދެ ރަށުގެ ސްކޫލްތަކާއި ހަސްފަތާލުތަކާއި ފުލުހުންނާއި އެމްއެންޑީއެފް ފަދަ އިދާރާތަކުގެ އިސް ބޭފުޅުން ހިމެނިވަޑައިގަންނަވައެވެ.
ފުވައްމުލަކާއި އައްޑޫ ސިޓީ ހިތަދޫގައި މަސައްކަތުބައްދަލުވުމުގެ ސެޝަންތައް ނަންގަވައިދެއްވީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުގެ ޑެޕިއުޓީ ލީގަލް އޮފިސަރ އަލްއުސްތާޛު އަޙްމަދު މާޖިދާއި، ސިވިލް ކޯޓުގެ ރެޖިސްޓްރަރ އަލްއުސްތާޛު އަޙްމަދު ޢަބްދުލްމަތީނެވެ. މަސައްކަތުބައްދަލުވުމުގައި ބައިވެރީންނަށް މަޢުލޫމާތު ދެވުނު ދާއިރާތަކުގެ ތެރޭގައި ދިވެހިރާއްޖޭގެ ދުސްތޫރީ ނިޒާމާއި ޝަރްޢީ ދާއިރާ ބިނާ ކުރެވިފައި އޮތް ގޮތާއި، ކޯޓުތަކުގެ ނިޒާމު ރޭވިފައި ހުރި ގޮތާއި، އެކިއެކި ކޯޓުތަކުގެ އިޚްތިޞާޞަކީ ކޮބައިކަމާއި، ކޯޓަކަށް މައްސަލައެއް ހުށަހެޅުމަށް ޓަކައި ޢަމަލު ކުރާން ޖެހޭ ގޮތް ފަދަ ދާއިރާތައް ހިމެނެއެވެ.
ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން މަޢުލޫމާތު ދެއްވި ގޮތުގައި، މި މަސައްކަތުބައްދަލުވުމުގެ މައިގަނޑު މަޤްޞަދަކީ، ޤާނޫނީ ނިޒާމާއި ކޯޓުތަކުގެ މަސައްކަތްތަކާ ބެހޭގޮތުން، ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ތިބި ކޮމިއުނިޓީ ލީޑަރުންނަށް މަޢުލޫމާތު ދީގެން، ރައްޔިތުން ހޭލުންތެރި ކުރުވުމެވެ.