2014 ވަނަ އަހަރުގެ ދެވަނަ ކުއާޓުގައި ޝަރުޢީ ކޯޓުތަކަށް ހުށަހެޅުނު މައްސަލަތަކުގެ ޢަދަދު 12 އިންސައްތަ އިތުރު. ނިންމި މައްސަލަތަކުގެ ޢަދަދު 19 އިންސައްތަ އިތުރު

2014 ވަނަ އަހަރުގެ އޭޕްރިލް، މެއި އަދި ޖޫން މަހުގައި (ދެވަނަ ކުއާޓަރު) ހުށަހެޅުނު މައްސަލަތަކުގެ އަދަދު މި އަހަރުގެ ޖެނުއަރީ، ފެބްރުއަރީ އަދި މާރިޗްއާއި (ފުރަތަމަ ކުއާޓަރު) އަޅާ ބަލާއިރު 12 އިންސައްތަ މައްޗަށް ގޮސްފައިވާކަމަށް ޝަރްޢީދާއިރާގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
2014 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި މާލެއާއި އަތޮޅުތަކުގެ ކޯޓުތަކަށް 4493 މައްސަލަ ހުށަހެޅިފައިވާއިރު ދެވަނަ ކުއާޓަރުގައި ހުށަހެޅިފައިވަނީ 5046 މައްސަލައެވެ. އެގޮތުން 2014 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރާއާ އަޅާ ބަލާއިރު މެޖިސްޓްރޭޓް ކޯޓުތަކަށް ހުށަހެޅުނު މައްސަލަތަކުގެ އަދަދު 2771 އިން 3013 އަށް އިތުރުވެފައިވާއިރު ހަމަ އެމުއްދަތުގައި މާލޭގެ ސުޕީރިއަރ ކޯޓުތަކަށް ހުށަހެޅުނު މައްސަލާގެ އަދަދު 1722 އިން 2033 އަށް އިތުރުވެގެން ގޮސްފައިވެއެވެ.
ފުރަތަމަ ކުއާޓަރުގައި ހުށަހެޅުނު މައްސަލަތަކާއެކު ކޯޓުތަކުގައި ނުނިމިހުރި މައްސަލަތައް ނިސްބަތުން 29 އިންސައްތަ މައްސަލަ ނިންމާފައިވާއިރު ދެވަނަ ކުއާޓަރުގައި ހުށަހެޅުނު މައްސަލަތަކާއެކު ކޯޓުތަކުގައި ނުނިމިހުރި މައްސަލަތައް ނިސްބަތުން 32 އިންސައްތަ މައްސަލަ ނިންމާފައިވެއެވެ. ނިންމި މައްސަލަތަކުގެ އަދަދަށް ބަލާއިރު މިއީ މިއަހަރުގެ ފުރަތަމަ ކުއާޓަރާއި އަޅާބަލާއިރު 19 އިންސައްތަ އިތުރު އަދަދެކެވެ.
2014 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ރާއްޖޭގެ ކޯޓުތަކުން 4165 މައްސަލަ ނިންމާފައިވާއިރު ދެވަނަ ކުއާޓަރުގައި ނިންމިފައިވަނީ 4945 މައްސަލައެވެ. މީގެ ތެރޭގައި ހިމެނެނީ މެޖިސްޓްރޭޓް ކޯޓުތަކުން ދެވަނަ ކުއާޓަރުގައި ނިންމި 2799 މައްސަލައާއި ސްޕީރިއާކޯޓުތަކުން ނިންމި 2146 މައްސަލައެވެ. ފުރަތަމަ ކުއާޓަރުގައި މެޖިސްޓްރޭޓް ކޯޓުތަކުން 2259 މައްސަލަ ނިންމާފައިވާއިރު ސްޕީރިއާކޯޓުތަކުން 1906 މައްސަލަ ވަނީ ނިންމާފައެވެ.