މެޖިސްޓްރޭޓުންގެ ސަލާމުގެ ޗުއްޓީ ބެލެހެއްޓުމުގައި ޢަމަލުކުރާނޭގޮތުގެ އައު އުޞޫލު އާންމު ކުރައްވައިފި

Th. Vilifushi M Courtsމެޖިސްޓްރޭޓުންގެ ސަލާމުގެ ޗުއްޓީ ބެލެހެއްޓުމުގައި ޢަމަލުކުރާނޭގޮތުގެ އައު އުޞޫލު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން އާންމުކުރައްވައިފިއެވެ. މިގޮތުން 31 އޯގަސްޓް 2015 އިން ފެށިގެން މެޖިސްޓްރޭޓުންގެ ސަލާމުގެ ޗުއްޓީ ބެލެހެއްޓުމުގައި ޢަމަލުކުރާންވީ ގޮތުގެ އުޞޫލު ތިރީގައި އެވަނީއެވެ.

1.  މެޖިސްޓްރޭޓް ކޯޓުތަކުގެ މެޖިސްޓްރޭޓުން ސަލާމުގެ ޗުއްޓީ ނަންގަވާނަމަ، ސަލާމުގެ ޗުއްޓީގައި ހުންނަވާ ދުވަހުގެ ރަސްމީ ގަޑި ފެށޭތާ 2 ގަޑިއިރުގެ ތެރޭގައި އެކަން އެމެޖިސްޓްރޭޓަކު މަސައްކަތްކުރައްވާ ދާއިރާގެ އިސް މެޖިސްޓްރޭޓަށް ނުވަތަ އިސް މެޖިސްޓްރޭޓުގެ މަސްއޫލިއްޔަތު އަދާކުރައްވާ މެޖިސްޓްރޭޓަށް އެންގެވުން.
2. ދާއިރާގެ އިސް މެޖިސްޓްރޭޓުންނާއި ދާއިރާ އިސް މެޖިސްޓްރޭޓުންގެ މަސްއޫލިއްޔަތު އަދާކުރައްވާ މެޖިސްޓްރޭޓުން ސަލާމުގެ ޗުއްޓީ ނަންގަވާނަމަ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް އެންގެވުން.
3. މެޖިސްޓްރޭޓު ކޯޓުތަކުގެ މެޖިސްޓްރޭޓުންގެ ސަލާމުގެ ޗުއްޓީއާ ގުޅޭ މަޢުލޫމާތު ހިމެނޭ ރިޕޯޓެއް ހަފްތާއަކު އެއްފަހަރު ދާއިރާ އިސް މެޖިސްޓްރޭޓު ނުވަތަ ދާއިރާ އިސް މެޖިސްޓްރޭޓުގެ މަސްއޫލިއްޔަތު އަދާކުރައްވާ މެޖިސްޓްރޭޓަކު ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ހުށަހެޅުއްވުން.
4. ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން މެޖިސްޓްރޭޓުންނާއި ދާއިރާގެ އިސް މެޖިސްޓްރޭޓުންގެ ސަލާމުގެ ޗުއްޓީއާ ގުޅޭ މަޢުލޫމާތު ހިމެނޭ ރިޕޯޓެއް ހަފްތާއަކު އެއްފަހަރު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅުއްވުން.

މެޖިސްޓްރޭޓުންގެ ސަލާމުގެ ޗުއްޓީ ބެލެހެއްޓުމުގެ ކަންކަން ކުރިން ކުރައްވަމުން ގެންދެވީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުންނެވެ.