64 މެޖިސްޓްރޭޓުން ޑިޕްލޮމާ ފެންވަރަށް ތަމްރީނުކޮށްފި

މެޖިސްޓްރޭޓް ކޯޓުތަކުގައި މަސައްކަތްކުރައްވާ މެޖިސްޓްރޭޓުންނަކީ އިސްލާމީ ޝަރީޢާ ނުވަތަ ޤާނޫނު، ނުވަތަ ޤާނޫނާއި ޝަރީޢާގެ ރޮނގުން ޑިޕްލޮމާ ފެންވަރުގެ ބަޔަކަށް ވާންޖެހޭނެކަމަށް ފަނޑިޔާރުންގެ ޤާނޫނުގައި ބަޔާންކޮށްފައިވާތީ، މެޖިސްޓްރޭޓުން ޑިޕްލޮމާ ފެންވަރަށް ތަމްރީނު ކުރުމަށް ފެށުނު ޕްރޮގްރާމުގެ ދަށުން 64 މެޖިސްޓްރޭޓަކު މިހާތަނަށް ޑިޕްލޮމާ ފެންވަރަށް ތަމްރީނު ކުރެވިފައިވާކަމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން މަޢުލޫމާތު ދެއްވައިފިއެވެ.

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުގެ ފަރާތުން ވިދާޅުވެފައި ވަނީ، މި 64 މެޖިސްޓްރޭޓުން ޑިޕްލޮމާ ހާސިލްކުރައްވާފައިވަނީ ކުއްލިއްޔަތުއް ދިރާސާތުލް އިސްލާމިއްޔާއާއި ގައުމީ ޔުނިވާސިޓީގެ ފެކަލްޓީ އޮފް ޝަރީއާ އެންޑް ލޯ އިންނެވެ.
މެޖިސްޓްރޭޓުން ޑިޕްލޮމާ ފެންވަރަށް ތަމްރީނު ކުރުމަށް ފެށުނު ޕްރޮގްރާމުގެ ދަށުން މިހާތަނަށް ޑިޕްލޮމާ ޙާޞިލް ކުރައްވާފައި ނުވާ މެޖިސްޓްރޭޓުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ އެންމެ ފަހު ބެޗު މިއަހަރު ނިމުމުގެ ކުރިން ޑިޕްލޮމާ ފެންވަރަށް ތަމްރީނުކޮށް ނިންމާނެ ކަމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން މައުލޫމާތު ދެއެވެ.
ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު ފާސްކުރިއިރު ފަނޑިޔާރުންގެ ކިބައިގައި ހުންނަންޖެހޭ ތަޢުލީމީ ޝަރުޠު ފުރިހަމަ ނުވާ ފަނޑިޔާރުންނަށް އެޝަރުޠު ފުރިހަމަ ކުރުމަށް 7 އަހަރު ދުވަހުގެ މުއްދަތެއް ފަނޑިޔާރުންނާބެހޭ ޤާނޫނުގެ 15 ވަނަ މައްދާގެ (ކ) އިން ލިބިދީފައިވެއެވެ. އެމުއްދަތު ހަމަވާނީ 2017 ވަނަ އަހަރުއެވެ.