އދ.ޖުޑީޝަލް ދާއިރާގެ މެޖިސްޓްރޭޓް ކޯޓުތަކުގެ މުވައްޒަފުންނާއި ސަރުކާރު މުއައްސަސާތަކުގެ މުވައްޒަފުންނާއި ސްކޫލު ކުދިންނަށް ޝަރުޢީ ދާއިރާގެ ފަރާތުން މަޢުލޫމާތު ދިނުމުގެ ޓްރޭނިންގ ޕްރޮގްރާމެއް ފެށިއްޖެ

އދ. ޖުޑީޝަލް ދާއިރާގެ މެޖިސްޓްރޭޓް ކޯޓުތަކުގެ މުވައްޒަފުންނާއި ސަރުކާރު މުއައްސަސާތަކުގެ މުވައްޒަފުންނާއި ސްކޫލު ކުދިންނަށް ޝަރުޢީ ދާއިރާގެ ފަރާތުން މަޢުލޫމާތު ދިނުމުގެ ޓްރޭނިންގ ޕްރޮގްރާމެއް ފެށިއްޖެއެވެ. 07 މެއި 2015 ވީ ބުދަ ދުވަހު ފެށިގެން ކުރިޔަށްދާ މި ޕްރޮގްރާމުގެ ސެޝަންތައް ބާއްވަމުންދާނީ އދ މަހިބަދޫ އަދި އދ މަންދޫގައެވެ.

ތިން ދުވަހުގެ މުއްދަތަށް ކުރިޔަށްދާ މި ޕްރޮގްރާމުގައި ދިވެހިރާއްޖޭގެ ޤާނޫނީ ނިޒާމާއި ޝަރުއީދާރިއާ ބެހޭ މައުލޫމާތާއި، ޝަރުއީ ދާއިރާއަށް އައިސްފައިވާ ބަދަލުތަކާ ގުޅޭ މަޢުލޫމާތު އދ. ޖުޑީޝަލް ދާއިރާގެ މެޖިސްޓްރޭޓް ކޯޓުތަކުގެ މުވައްޒަފުންނާއި ސަރުކާރު މުއައްސަސާތަކުގެ މުވައްޒަފުންނާއި ސްކޫލު ކުދިންނަށް ދިނުމަށް ހަމަޖެހިފައިވެއެވެ. އަދި މެޖިސްޓްރޭޓް ކޯޓުތަކުގެ މުވައްޒަފުން ޝަރުއީ ދާއިރާގެ މުވައްޒަފުންގެ ޤަވާއިދަށް އަހުލުވެރިކުރުމާއި، ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ ކަންކަން ބެލެހެއްޓުމުގައި ޢަމަލުކުރަންޖެހޭ އުޞޫލުތަކާގުޅޭ ގޮތުން މެޖިސްޓްރޭޓް ކޯޓުތަކުގެ މުވައްޒަފުންނަށް މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިވެއެވެ. މީގެ އިތުރުން ކަސްޓަމަރ ރިލޭޝަންސް އާއި ކޮމިޔުނިކޭޝަން ސްކިލްސް އާ ގުޅޭ ގޮތުން މެޖިސްޓްރޭޓް ކޯޓުތަކުގެ މުވައްޒަފުންނަށް މިޕްރޮގްރާމުގައި މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިވެއެވެ.
ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުގެ ޓްރޭނިންގ ސެކްޝަނާއި މީޑިއާ ސެކްޝަނުން އިންތިޒާމު ކޮށްގެން ކުރިޔަށްދާ މި ޕްރޮގްރާމުގައި، ބައިވެރީންނަށް މަޢުލޫމާތާއި އިރުޝާދު ދެއްވާނި ޑިޕާޓްމަންޓްގެ ކަމާގުޅޭ ސެކްޝަންތަކުގެ ބޭފުޅުންނާއި ހައިކޯޓު ބޭފުޅުންނެވެ.
މިބައްދަލުވުމުގައި އދ.ޖުޑީޝަލް ދާއިރާގެ މެޖިސްޓްރޭޓް ކޯޓުތަކުގެ މުވައްޒަފުންނާއި ސަރުކާރު މުއައްސަސާތަކުގެ މުވައްޒަފުންނާއި ސްކޫލު ކުދިން ހިމެނޭގޮތުން ޖުމްލަ 135 ބޭފުޅުން ބައިވެރިވެވަޑައިގަންނަވައެވެ.