ޤާނޫނީ ވަކީލުންގެ އޮރިއެންޓޭޝަން ޕްރޮގްރާމް ފެށިއްޖެ

ދިވެހިރާއްޖޭގައި ޤާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތްކުރުމުގެ ހުއްދަދިނުމުގެ ޤަވާޢިދުގެ ދަށުން ހުއްދަދެވޭ ޤާނޫނީ ވަކީލުންނަށް އަމާޒުކޮށްގެން ދިވެހިރާއްޖޭގެ ޖުޑީޝަލް އެކަޑަމީން ހިންގާ އޮރިއެންޓޭޝަން ޕްރޮގްރާމް މިއަދު ފެށިއްޖެއެވެ.

މި ޕްރޮގްރާމަކީ، ދިވެހިރާއްޖޭގައި ޤާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތްކުރުމުގެ ހުއްދަ ދެވިފައިވާ ޤާނޫނީ ވަކީލުންގެ ދަފްތަރުގެ ޖަދުވަލު 2 (ޓްރޭނީ ވަކީލުންގެ ޖަދުވަލު) ގައި ހިމެނޭ ޤާނޫނީ ވަކީލުން، ދިވެހިރާއްޖޭގެ ޝަރުޢީ އަދި ޤާނޫނީ ނިޒާމަށް އަހުލުވެރިކުރުމަށްޓަކައި ދިވެހިރާއްޖޭގެ ޖުޑީޝަލް އެކަޑަމީގެ ފަރާތުން ހިންގާ އޮރިއެންޓޭޝަން ޕްރޮގްރާމެކެވެ.

ދިވެހިރާއްޖޭގެ ޝަރުޢީ ކޯޓުތަކާ ގުޅޭ މަޢުލޫމާތު ބައިވެރިންނާ ހިއްސާކުރުމަށްޓަކައި ކުރިއަށްގެންދާ ސެޝަންތަކެއްގެ އިތުރުން، ޖުޑީޝަލް އެތިކްސް އާ ގުޅޭ މަޢުލޫމާތު ޙިއްޞާކުރުމަށްޓަކައި ބާއްވާ ޚާއްޞަ ކޮންފަރެންސްތަކެއް މި އޮރިއެންޓޭޝަން ޕްރޮގްރާމްގެ ތެރޭގައި ކުރިއަށް ގެންދާގޮތަށް ވަނީ ހަމަޖެހިފައެވެ.

މި އޮރިއެންޓޭޝަން ޕްރޮގްރާމްގައި ޖުމްލަ 90 ޤާނޫނީ ވަކީލުން ބައިވެރިވެއެވެ.