ދިވެހިރާއްޖޭގައި ޤާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތްކުރުމުގެ ހުއްދަ ދިނުމުގެ ޤަވާޢިދުގެ ދަށުން ފާއިތުވި 2016 ވަނަ އަހަރުގެ އޮކްޓޫބަރު 17 ގައި ޤާނޫނީ ވަކީލުކަމުގެ ހުވާކުރެއްވި ޤާނޫނީ ވަކީލުންގެ ތެރެއިން، ދިވެހިރާއްޖޭގެ ޖުޑީޝަލް އެކަޑަމީން ހިންގި ދިވެހިރާއްޖޭގެ ޝަރުޢީ އަދި ޤާނޫނީ ނިޒާމަށް އަހުލުވެރި ކުރުމުގެ އޮރިއެންޓޭޝަން ޕްރޮގްރާމް ފުރިހަމަކުރެއްވި ޤާނޫނީ ވަކީލުންނާ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަބްދުﷲ ސަޢީދު ބައްދަލުކުރައްވައިފިއެވެ.
"އެން އިވްނިންގ ވިތު ދަ ޗީފް ޖަސްޓިސް" ގެ ނަމުގައި މިރޭ ބޭއްވުނު ޙަފުލާގައި، އަލަށް ޤާނޫނީ ދާއިރާއާ ގުޅިވަޑައިގެންފައިވާ ޤާނޫނީ ވަކީލުންނާ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު މުޚާތަބުކުރައްވައި، މި ޕްރޮގްރާމްގެ މަޤުޞަދާއި، ޕްރޮގްރާމްގެ ބޭނުންތެރިކަމާގުޅޭގޮތުން މަޢުލޫމާތު ޙިއްޞާކުރެއްވިއެވެ. އަދި ޕްރޮގްރާމް ކުރިއަށް ދިޔަ ގޮތާމެދު ބައިވެރިންގެ ޚިޔާލު ހޯއްދަވައި މި ޕްރޮގްރާމާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ގޯތިތެރޭގައި ކުރިއަށް ގެންދެވުނު މި ޙަފުލާގައި މި ޕްރޮގްރާމް ފުރިހަމަ ކުރެއްވި 74 ޤާނޫނީ ވަކީލަކު ބައިވެރިވެ ވަޑައިގެންނެވިއެވެ. އަދި މީގެއިތުރުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އިސް ވެރިންނާއި، ދިވެހިރާއްޖޭގެ ޖުޑީޝަލް އެކަޑަމީގެ އިސްވެރިންގެ އިތުރުން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުގެ ވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.