މަދަނީ ޢަދުލުގެ ނިޒާމު ހަރުދަނާ ކުރުމާ ބެހޭ ސެމިނާރު ފެށިގެން ކުރިއަށްދަނީ

Civil Procedure2

2018 ސެޕްޓެންބަރު 16 ވަނަ ދުވަހުން ފެށިގެން 05 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މަދަނީ ޢަދުލުގެ ނިޒާމް ހަރުދަނާ ކުރުމާބެހޭ ސެމިނާރުގެ ސެޝަންތައް މިއަދުވެސް ކުރިއަށް އެބަދެއެވެ. ދިވެހިރާއްޖޭގެ ހައިކޯޓާއި ސުޕީރިއަރ ކޯޓުތަކުގެ ފަނޑިޔާރުންގެ އިތުރުން، ޖުޑީޝަލް ދާއިރާތަކުގެ 30 މެޖިސްޓްރޭޓުން ހިމެނޭގޮތުން ޖުމްލަ 60 ބައިވެރިންނާއެކު ކުރިއަށްދާ މި ސެމިނާރުގައި މިއަދު ކުރިއަށްދަނީ މި ސެމިނާރުގެ 8 އަދި 9 ވަނަ ސެޝަނެވެ.

ބިމާބެހޭ މައްސަލަތަކާއި ވިޔަފާރީގެ މައްސަލަތައް ކޯޓުތަކުން ކުރިއަށްގެންދިއުމުގައި މިހާރު ޢަމަލުކުރަމުންދާ އިޖުރާއަތުތަކާގުޅޭގޮތުން މި ސެޝަންތަކުގައި މަޝްވަރާކުރެވިފައިވެއެވެ. އަދި އެ އިޖުރާއަތުތައް މުރާޖަޢާކޮށް، ޒަމާނާ އެއްގޮތަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމާ ގުޅޭގޮތުންވެސް ވަނީ މަޝްވަރާ ކުރެވިފައެވެ. އަދި މީގެއިތުރުން، މަދަނީ މައްސަލަތައް ކޯޓުތަކަށް ހުށަހެޅުމާއި ރަޖިސްޓްރީކުރުމުގައި ޢަމަލުކުރެވޭ ގޮތްތަކާއި، ދިމާވަމުންދާ މައްސަލަތަކާއި، އެ މައްސަލަތައް ޙައްލުކުރުމަށްޓަކައި އިޞްލާޙުކުރަންޖެހޭ އިޖުރާއަތުތަކާ ގުޅޭގޮތުން ބައިވެރިންގެ މެދުގައި ޚިޔާލު ބަދަލުކޮށް މަޝްވަރާކުރެވިފައިވެއެވެ.

ކޯޓަށް މީހުން ޙާޟިރުކުރުމާއި، މަދަނީ މައްސަލަތަކުގެ ޝަރީއަތްތައް ހިންގުމާއި، ޝަރީޢަތްކުރުމަކާނުލައި، އަލްޓަނޭޓިވް ޑިސްޕިއުޓް ރިޒޮލިއުޝަންގެ ނިޒާމުގެ ތެރެއިން މައްސަލަތައް ޙައްލުކުރުމާ ގުޅޭގޮތުންވެސް މި ސެޝަންތަކުގައި މަޝްވަރާކުރެވުނެވެ. އަދި ހަމަމިއާއެކު، ކޯޓުތަކަށް ހުށަހެޅޭ މައްސަލަތަކާ ގުޅިގެން ވަގުތީ އަމުރުނެރުމާއި، ވަގުތީ ފިޔަވަޅުއެޅުމުގެ އިޖުރާއަތުތަކާއި، އިދާރީ މައްސަލަތައް ބެލުމުގައި ދިމާވަމުންދާ ގޮންޖެހުންތައް ފާހަގަކޮށް މުރާޖާކުރަންޖެހޭ ކަންކަމާ ގުޅޭގޮތުންވެސް ބައިވެރިންގެ މެދުގައި މަޝްވަރާކޮށް ޚިޔާލު ބަދަލުކުރެވިފައިވެއެވެ.