މެޖިސްޓްރޭޓް ކޯޓުތަކުގެ ކޯޓު އޮފިސަރުންނަށް އަމާޒުކޮށްގެން "ކޯޓު އޮފިސަރުންގެ ތަމްރީނު ޕްރޮގްރާމް"ގެ ނަމުގައި 2019 ޑިސެންބަރު 3 އިން 4 އަށް މާލޭގައި ކުރިއަށްގެންދާ ތަމްރީނު ޕްރޮގްރާމް، ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ ޑރ. ޢަބްދުﷲ ނަޒީރު މިއަދު އިފްތިތާޙުކޮށްދެއްވައިފިއެވެ.
ޖުޑީޝަލް އެކެޑަމީން އިންތިޒާމުކޮށްގެން ބާއްވާ މި ޕްރޮގްރާމުގައި ދިވެހިރާއްޖޭގެ ކޮންމެ ޖުޑީޝަލް ދާއިރާއަކުން 2 ކޯޓު އޮފިސަރުން ހިމެނޭގޮތަށް މުޅި ޖުމްލަ 42 ކޯޓު އޮފިސަރުން ބައިވެރިވާ، މި ޕްރޮގްރާމުގެ މަޤްޞަދަކީ ހުރިހާ ކޯޓެއްގައިވެސް ކޯޓު އޮފިސަރުން ޢަމަލުކުރާ ގޮތް އެއްގޮތް ކުރުމެވެ. އަދި ޢަދުލުއިންސާފާ ހަމައަށް ވާސިލުވުމުގައި ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައިވެސް އެއްހަމައަކުން އެންމެންނާ މެދު ޢަމަލުކުރެވޭނެ ފަދައަކުން ހުރިހާ ކޯޓު އޮފިސަރުން ވަޒީފާގެ މާހައުލަށް އަހުލުވެރިކޮށް ކަމާގުޅޭ މަޢުލޫމާތާއި ތަޖުރިބާތައް ޙިއްޞާކުރުމެވެ.
މި ޕްރޮގްރާމުގެތެރޭގައި، ކޯޓުތަކުގެ އަސާސީ އުސޫލުތަކާބެހޭ މަޢުލޫމާތާއި، ޝަރީޢަތް ފެށުމުގެ ކުރިން ފުރިހަމަވާންޖެހޭ ކަންކަމާ ބެހޭ މަޢުލޫމާތާއި، ޝަރީޢަތުގެ މަޖިލީހުގައި ކުރަންޖެހޭ ކަންކަމާބެހޭ މަޢުލޫމާތާއި، އަދި ޝަރީޢަތުގެ މަޖިލީސް ނިމުމުން ކުރަންޖެހޭ ކަންކަމާބެހޭ ގޮތުން މަޢުލޫމާތާއި، ޝަރީޢަތުގެ މަޖިލީހާއި ކޯޓުގެ ޙުރުމަތާބެހޭ މަޢުލޫމާތާއި، ކޯޓު އޮފިސަރުން ހިފަހައްޓަންޖެހޭ ސުލޫކީ މިންގަނޑަށް ކޯޓު އޮފިސަރުން އަހުލުވެރިކުރުވުން ހިމެނެއެވެ.