2016 އޮކްޓޫބަރު 31 ވަނަ ދުވަހުން ފެށިގެން ސ.މީދޫ، ހަސަންކާރިގޭ އަލްއުސްތާޛު ޙުސްނުއްސުޢޫދު، ދިވެހިރާއްޖޭގެ ކޯޓުތަކުގައި ވަކާލާތުކުރުން ވަގުތީ ގޮތުން މަނާކޮށްފައިވަނީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އިޖުރާއާތުތަކާއި އެންގުންތަކާ ޚިލާފަށް ތަކުރާރުކޮށް ޢަމަލުކުރަމުންދާތީއާއި، ޝަރުޢީދާއިރާގެ ތަޞައްވުރު ގެއްލޭގޮތަށް ކޯޓުގެ ނިންމުންތަކާ ގުޅިގެން އަލްއުސްތާޛު ޙުސްނުއްސުޢޫދު ކުރައްވާފައިވާ ޓްވީޓްތަކާއި، ޙުސްނުއްސުޢޫދު ޙަވާލާދީ މީޑިއާގައި ޢާއްމުކޮށްފައިވާ ޚަބަރުތަކަކީ، ކޯޓުގެ ޙުރުމަތް ކެނޑޭފަދަ ޢަމަލުތަކެއް ކަމަށްވުމާއެކު، އެ ޢަމަލުތަކަކީ ދިވެހިރާއްޖޭގެ ކޯޓުތަކުގައި ވަކާލާތުކުރާ ޤާނޫނީ ވަކީލުންނާބެހޭ ޤަވާޢިދުގެ 3 ވަނަ މާއްދާގެ 3.2 ގެ (ހ)، (ނ) އަދި (ރ) އާ ޚިލާފު ޢަމަލުތަކެއްކަމަށްވާތީ، އެމައްސަލަ ބަލައި ވަކިގޮތެއް ނިމެންދެނެވެ.
މި މައްސަލާގައި އަލްއުސްތާޛު ޙުސްނުއްސުޢޫދު ކޯޓުތަކުގައި ވަކާލާތުކުރުން ވަގުތީގޮތުން މަނާކުރުމަށް ނިންމި ނިންމުމާ ގުޅޭ މަޢުލޫމާތު އެފަރާތާ ޙިއްޞާކޮށް، މިފަދަ ޢަމަލުތައް ތަކުރާރުނުކުރުމަށް އަންގައި ނަޞޭޙަތާއި އިންޒާރު ވަނީ ދެވިފައެވެ.
2016 އޮކްޓޫބަރު 31 ވަނަ ދުވަހުން ފެށިގެން އަލްއުސްތާޛު ޢަލީ ޙުސައިން ދިވެހިރާއްޖޭގެ ކޯޓުތަކުގައި ވަކާލާތުކުރުން ވަގުތީގޮތުން މަނާކޮށްފައިވަނީ، ކޯޓުތަކުގެ ތަޞައްވުރު ގެއްލޭގޮތަށް ތަކުރާރުކޮށް ޢަމަލުކުރައްވަމުން ދިއުމުގެ އިތުރުން، ފުލުހުންގެ އިދާރާއިން ތަޙުޤީޤުކުރަމުންދާ އަލްއުސްތާޛު ޢަލީ ޙުސައިން އާ ގުޅުންހުރި މައްސަލައެއްގައި، ދިވެހިރާއްޖޭގެ ކޯޓުތަކުގައި ވަކާލާތުކުރާ ޤާނޫނީ ވަކީލުންނާބެހޭ ޤަވާޢިދުގައި ބަޔާންކޮށްފައިވާ ސުލޫކީ މިންގަނޑުތަކާ ޚިލާފު ޢަމަލުތަކެއް، ދިވެހިރާއްޖޭގައި ޤާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތްކުރައްވާ ބޭފުޅެއްގެ ގޮތުގައި ހުންނަވައި، އަލްއުސްތާޛު ޢަލީ ޙުސައިން ކުރައްވާފައިވާކަމަށް ބެލެވޭތީ، އެމައްސަލަ ބަލައި ޤަވާޢިދުން އަޅަންޖެހޭ ފިޔަވަޅު އަޅައި ނިމެންދެނެވެ.
މި މަހުގެ 16 އިން 22 ގެ ނިޔަލަށް ނިމުނު ހަފުތާގެ ތެރޭގައި ހައިކޯޓު އަދި ސުޕީރިއަރ ކޯޓުތަކުން 202 މައްސަލަ ނިންމާފައިވާއިރު، މެޖިސްޓްރޭޓް ކޯޓުތަކުން ޖުމްލަ 249 މައްސަލަ ނިންމާފައިވެއެވެ. އެގޮތުން މިހަފްތާ ތެރޭގައި ޖުމުލަ 451 މައްސަލަ ކޯޓުތަކުން ނިންމާފައިވެއެވެ. މި ނަތީޖާއަށް ބަލާއިރު، އެ ހަފުތާގައި މެޖިސްޓްރޭޓަކު އެވްރެޖްކޮށް 1.9 މައްސަލަ ނިންމާފައިވާކަން ފާހަގަކުރެވެއެވެ. އަދި މެޖިސްޓްރޭޓު ކޯޓުތަކުގައި މިހަފްތާގައި ޖުމުލަ 656 އަޑު އެހުން ބާއްވާފައިވެއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓުގައި ތިއްބެވި 07 ފަނޑިޔާރުންނާއި، ސުޕީރިއަރ ކޯޓުތަކުގެ 38 ޤާޟީންނާއި، އަދި މެޖިސްޓްރޭޓް ކޯޓުތަކުގައި މަސައްކަތްކުރައްވާ ޖުމްލަ 129 މެޖިސްޓްރޭޓުންނާއެކު، 09 އޮކްޓޫބަރު 2016 އިން 15 އޮކްޓޫބަރު 2016 ގެ ނިޔަލަށް ދިވެހިރާއްޖޭގެ ހައިކޯޓާއި، ސުޕީރިއަރ ކޯޓުތަކާއި، މެޖިސްޓްރޭޓް ކޯޓުތައި ތިއްބެވި ފަނޑިޔާރުންގެ ޢަދަދަކީ 174 އެވެ.
އެ ހަފުތާގެ ކޯޓުތަކުގެ ކްލިއަރެންސް ރޭޓަށް ބަލާއިރު، އޭގެ ކުރީ ހަފުތާއަށްވުރެ މި ހަފުތާގައި ޙާޞިލްކުރެވުނު ނަތީޖާ ކާމިޔާބުކަން ވަނީ ފާހަގަކުރެވިފައެވެ.
ދިވެހިރާއްޖޭގައި ޤާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތްކުރުމުގެ ހުއްދަ ދިނުމުގެ ޤަވާޢިދު (ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2015/SC-RU/03ރޫލިންގ) ގެ 4 ވަނަ މާއްދާ އާއި 5 ވަނަ މާއްދާ އާ އެއްގޮތްވާ ގޮތުގެމަތީން 132 ފަރާތަކުން މިރޭ ޤާނޫނީ ވަކީލުކަމުގެ ހުވާކުރައްވައިފިއެވެ. ޤާނޫނީ ވަކީލުކަމުގެ ހުވާކުރުން އޮތީ އެކަމަށްޓަކައި ދަރުބާރުގޭގައި ބޭއްވުނު ރަސްމިއްޔާތުގައެވެ. މި ރަސްމިއްޔާތަކީ ދިވެހިރާއްޖޭގައި ޤާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތްކުރުމުގެ ހުއްދަ ދިނުމުގެ ޤަވާޢިދުގެ ދަށުން ދިވެހިރާއްޖޭގައި ޤާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތްކުރުމުގެ ހުއްދަ ދިނުމަށްޓަކައި ބޭއްވި ފުރަތަމަ ރަސްމިއްޔާތެވެ.
ޤާނޫނީ ވަކީލުކަމުގެ ހުވާކުރުމަށް މިރޭ ދަރުބާރުގޭގައި ބާއްވާ ރަސްމިއްޔާތުގައި 139 ޤާނޫނީ ވަކީލުން ހުވާ ކުރައްވާނެއެވެ. މިރޭގެ މިޙަފްލާއަކީ ދިވެހިރާއްޖޭގައި ޤާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތްކުރުމުގެ ހުއްދަ ދިނުމުގެ ޤަވާޢިދު (ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2015/SC-RU/03 ރޫލިންގ) ގެ 4 ވަނަ މާއްދާ އާއި 5 ވަނަ މާއްދާ އާ އެއްގޮތްވާ ގޮތުގެމަތީން ދިވެހިރާއްޖޭގައި ޤާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތްކުރުމުގެ ހުއްދަ ދިނުމަށްޓަކައި ބާއްވާ ފުރަތަމަ ރަސްމިއްޔާތެވެ. މިރަސްމިއްޔާތުގައި އަލަށް ހުވާ ކުރައްވައި ލީގަލް ޕްރޮފެޝަނާ ގުޅިވަޑައިގަންނަވާ ވަކީލުންގެ %60 އަކީ އަންހެން ބޭފުޅުންނެވެ. އެގޮތުން 83 އަންހެން ބޭފުޅުންނާއި 56 ފިރިހެން ބޭފުޅުން މިރޭ ހުވާކުރައްވާނެއެވެ.
ޝަރުޢީ ކޯޓުތަކުގެ 2015 ވަނަ އަހަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ޖިނާއީ ކުށުގެ ތުހުމަތުގައި ބަންދުގެ މުއްދަތު އިތުރުކުރުމަށް 15006 މައްސަލަ 2015 ވަނަ އަހަރު ވަނީ ހުށަހަޅާފައިވެއެވެ. މި މައްސަލަތަކުގެ ތެރެއިން އެންމެ ގިނަ މައްސަލަ ހުށަހަޅާފައިވަނީ ކްރިމިނަލް ކޯޓަށެވެ. އެކޯޓަށް 8795 މައްސަލަ ހުށަހަޅާފައިވާއިރު، ޖުވެނައިލް ކޯޓަށް 597 މައްސަލަ، އަދި މެޖިސްޓްރޭޓް ކޯޓުތަކަށް 5614 މައްސަލަ ހުށަހަޅާފައިވެއެވެ.
02 އޮކްޓޫބަރުން 2016 އިން 08 އޮކްޓޫބަރު 2016 އަށް ނިމުނު ހަފްތާގައި ޝަރުޢީ ކޯޓުތަކުގެ ޕަރފޯމަންސަށް ބަލާއިރު ޖުމްލަ 355 މައްސަލަ ނިންމައި، ކޯޓުތަކުން 440 އަޑުއެހުން ވަނީ ބާއްވާފައެވެ. އެހަފްތާގައި ނިންމި މައްސަލަތަކުގެ ތެރެއިން ދިވެހިރާއްޖޭގެ ހައިކޯޓުންނާއި ސުޕީރިއަރ ކޯޓތަކުން ނިންމާފައިވާ މައްސަލާގެ ޢަދަދަކީ 154 އެވެ. އަދި މެޖިސްޓްރޭޓް ކޯޓުތަކުން ވަނީ 201 މައްސަލަ ނިންމައި ޙުކުމް ކޮށްފައެވެ.
މި ޑިޕާޓްމަންޓުން ޢާންމު ރައްޔިތުންނަށް ފޯރުކޮށްދެމުންދާ ކުށުގެ ރެކޯޑް ސާފުކުރުމުގެ ޚިދުމަތް ދިނުމުގައި 2016 އޮކްޓޫބަރު 11 ވީ އަންގާރަ ދުވަހު ދަތިތަކެއް ކުރިމަތިވެފައިވާ ކަމުގައި ދަންނަވަމެވެ. ކުށުގެ ރެކޯޑްސާފުކުރުމުގެ މަސައްކަތަކީ ވަރަށް ގިނަ ފަރާތްތަކެއްގެ އެހީތެރިކަމާއެކު މި ޑިޕާޓްމަންޓުން ކުރަމުންދާ މަސައްކަތަކަށްވުމާއެކު، ކޮންމެ ދުވަހަކުވެސް ކުށުގެ ރެކޯޑް ސާފުކުރުމަށް ހުށަހަޅާފޯމްތައް ޖެހިގެން އަންނަ ދުވަހުގެ ކަނޑައެޅިފައިވާ ގަޑިއަށް ނިންމަމުން ގެންދިއުމަކީ މި ޑިޕާޓްމަންޓުން ވަރަށް އިސްކަންދީގެންކުރާ މަސައްކަތެކެވެ. ނަމަވެސް މިއަދު ކުށުގެ ރެކޯޑް ސާފުކުރުމުގައި ދިމާވި ދަތިތަކަށް މި ޑިޕާޓްމަންޓުން ނިހާޔަތަށް މަޢާފަށްއެދެމެވެ.
ދިވެހިރާއްޖޭގައި ޤާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތްކުރުމުގެ ހުއްދަ ދިނުމަށްޓަކައި ބާއްވާ ހުވާކުރުމުގެ ރަސްމިއްޔާތު އޮންނާނީ 2016 އޮކްޓޫބަރު 17 ވާ ހޯމަ ދުވަހުގެ ރޭ 21:00 ގައި ދަރުބާރުގޭ ފާށަނާ މާލަމުގައެވެ.
މި ރަސްމިއްޔާތުގެ ޑްރެސް ކޯޑަކީ ކޯޓު ފަޓުލޫނެވެ.
މި ރަސްމިއްޔާތުގެ ރިހާސަލް ބޭއްވުމަށް ހަމަޖެހިފައިވަނީ 2016 އޮކްޓޫބަރު 17 ވާ ހޯމަދުވަހުގެ 13:00 ގައި ދަރުބާރުގޭ ފާށަނާ މާލަމުގައެވެ.
މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމުގެ ފުރުޞަތު ދެވިފައިވާ ފަރާތްތައް ރަސްމިއްޔާތު ފެށުމަށް ހަމަޖެހިފައިވާ ގަޑީގެ 45 މިނިޓްކުރިން ދަރުބާރުގޭ ފާށަނާ މާލަމަށް ޙާޟިރުވެވަޑައިގަންނަވަން ވާނެއެވެ.
ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ އިޢުލާނު ވިދާޅުވުަމަށް
ޝަރުޢީ ދާއިރާއަށް މެދުނުކެނޑި 44 އަހަރު ޚިދުމަތް ކޮށްދެއްވާފައިވާ މ. ޕެންޒީ ހައުސް އަލްފާޟިލް އާދަމް އިބްރާހީމް ރިޓަޔަރ ކުރައްވައިފިއެވެ.
މ. ޕެންޒީ ހައުސް އަލްފާޟިލް އާދަމް އިބްރާހީމް އަކީ 24 ޖެނުއަރީ 1972 ން ފެށިގެން މެރީޖް ރަޖިސްޓްރޭޝަން ޑިވިޜަންގެ ޕިއޯނުކަމުގެ މަޤާމާއި، މިނިސްޓްރީ އޮފް ޖަސްޓިސްގެ ދޭވާނީ ކަމުގެ މަޤާމާއި، މިނިސްޓްރީ އޮފް ޖަސްޓިސްގެ ސަރުދާރުކަމުގެ މަޤާމާއި، މިނިސްޓްރީ އޮފް ޖަސްޓިސްގެ އަގުކޮމިޓީގެ މެމްބަރުކަމުގެ މަޤާމް އިޚްލާޞްތެރިކަމާއެކު އަދާކުރައްވާފައިވާ ޚިދުމަތްތެރި ބޭފުޅެކެވެ. ރިޓަޔަރ ކުރެއްވި އިރު ހުންނެވީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ އަގުކޮމިޓީ މެމްބަރުކަމުގެ މަޤާމުގައެވެ.