ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ސިޓިޒެންސް ޗާޓަރު ކޯޓުތަކާ ޙިއްސާކޮށްފި

CQnKzwRVAAAxSl6

ރައްޔިތުންނަށް ޖަވާބުދާރީވާ، އުފެއްދުންތެރި މުއައްސަސާއެއްގެ ގޮތުގައި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ދަމަހައްޓައި ކުރިއެރުވުމަށްޓަކައި އަދި ޚިދުމަތް ލިބިގަންނަ ފަރާތްތަކުގެ ޙައްޤުތައް ބަޔާންކޮށް ޚިދުމަތް ދިނުމުގައި އުއްމީދުކުރާނެ މިންގަނޑުތައް ކަނޑައެޅުމަށްޓަކައި އެކުލަވާލާފައިވާ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ސިޓިޒެންސް ޗާޓަރާއި ސްޓޭޓްމަންޓް ކޯޓުތަކުގެ އެޑްމިނިސްޓްރޭޓަރުންނާ ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ ޙަސަން ސަޢީދު މިއަދު ޙިއްސާކުރައްވައިފިއެވެ.

ކޯޓުތަކުގެ އެޑްމިނިސްޓްރޭޓަރުންނާއެކު ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ ކޮންމެ ހަފްތާއަކު އެއްފަހަރު ބާއްވަމުންގެންދަވާ ބައްދަލުވުމުގެ ތެރެއިން މިއަދު ކްރިމިނަލް ކޯޓުގައި އޮތް ބައްދަލުވުމުގައި ޑިޕާޓްމަންޓްގެ ސިޓިޒެންސް ޗާޓަރާއި ސްޓޭޓްމަންޓް ކޯޓުތަކުގެ އެޑްމިނިސްޓްރޭޓަރުންނާ ޙިއްސާކުރައްވަމުން، ކޯޓުތަކުގެ އިދާރީ ހންގުން ދެފުށްފެންނަ ގޮތެއްގައި ރައްޔިތުންނަށް  އަންގައިދީ، ރައްޔިތުންނަށް ދެވޭ ޚިދުމަތްތައް ތަރައްޤީކުރުމަށް ކޮންމެ ކޯޓަކުން ވެސް އެކޯޓެއްގެ ސިޓިޒެންސް ޗާޓަރ އެކުލަވާލެއްވުމަށް ކޯޓުތަކުގެ އެޑްމިނިސްޓްރޭޓަރުންނަށް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ އިލްތިމާސްކުރެއްވިއެވެ.

މިބައްދަލުވުމުގައި، ސިޓިޒެންސް ޗާޓަރުގެ ތަޢާރަފާއި މަޤުޞަދާއި މިފަދަ ޗާޓަރެއް އެކުލަވާލައި، އެއާ އެއްގޮތަށް މަސައްކަތް ކުރަން ފެށުމަށް ލިބގެންދާނޭ ކުރިއެރުންތަކާ ގުޅޭގޮތުން ޕްރެޒެންޓޭޝަން އެއް ހުށެހެޅުން އޮތެވެ. މި ޕްރެޒެންޓޭޝަން ހުށަހަޅައިދެއްވީ ޑިޕާޓްމަންޓުގެ އެސިސްޓެންޓް ޑިރެކްޓަރ މުޙައްމަދު އަލީ މުޙައްމަދެވެ.

ސިޓިޒެންސް ޗާޓަރަކީ 1991 ވަނަ އަހަރު އިނގިރޭސި ބޮޑުވަޒީރު ޖޯން މޭޖަރ ތައާރަފް ކުރެއްވި ކާމިޔާބު ޕްރޮގްރާމެކެވެ. މި މިޕްރޮގްރާމް ވަރަށް ކާމިޔާބު ކަމާއެކު އެކި ޤައުމުތަކުގައި، ވަކިން ޚާއްޞަކޮށް ޝަރުޢީ ދާއިރާގައި ހިންގާފައިވެއެވެ. މިއީ ރައްޔިތުންނާއެކު ވެވޭ ވައުދެކެވެ. ސިޓިޒެންސް ޗާޓަރެއް އެކުލަވާލުމުގެ ބޭނުމަކީ މުއައްސަސާތަކުން ދެވޭ ޚިދުމަތްތަކާ ބެހޭގޮތުން ރައްޔިތުންނަށް ބޭނުންވާ ހުރިހާ މައުލޫމާތެއް އެއްތަނަކުން ލިބުމުގެ މަގުފަހިކުރުމާއި ރައްޔިތުންނަށް ދެވޭ ޚިދުމަތުން ރައްޔިތުން އުއްމީދުކުރަންވީ މިންވަރު ކަނޑައެޅުމާއި ރައްޔިތުންނަށް ޖަވާބުދާރީވާ މުއައްސަސާއަކަށް، މުއައްސަސާ ހެދުމެވެ.

ރައްޔިތުންގެ ޗާޓަރު ވިދާޅުވުމަށް

ޕްރެޒެންޓޭޝަން