ޖުޑީޝަރީގެ ވެބްސައިޓާއި މެޖިސްޓްރޭޓް ކޯޓުތަކުގެ ވެބްސައިޓް ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އިފްތިތާހުކޮށްދެއްވައިފި

newswebsite

ޖުޑީޝަރީގެ ވެބްސައިޓާއި މެޖިސްޓްރޭޓް ކޯޓުތަކުގެ ވެބްސައިޓް، ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛް ޢަބްދުﷲ ސަޢީދު މިއަދު އިފްތިތާޙުކޮށްދެއްވައިފިއެވެ. ޖުޑީޝަރީގެ އައު ވެބްސައިޓަކީ ދާއިރާގެ ޚަބަރާއި މަޢްލޫމާތު ހިމެނޭ، ފަނޑިޔާރުންނާއި ވަކީލުންނާއި ޝަރުޢީ މައުޛޫނުންނާއި އިދާރީ ފަރާތްތަކާއި އާންމުންނަށް ބޭނުންވާ މުހިންމު މަޢްލޫމާތު ހިމެނޭ މުއްސަނދި ސައިޓެކެވެ.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓގައި މިއަދު އޮތް ބައްދަލުކުރެއްވުމުގައި ޖުޑީޝަރީގެ ވެބްސައިޓާއި، މެޖިސްޓްރޭޓް ކޯޓުތަކުގެ ވެބްސައިޓާއި، ލޯރިޕޯޓް ޑާޓާބޭސްއާ ބެހޭ މަޢްލޫމާތު އުއްތަމަ ފަނޑިޔާރާ ޙިއްސާ ކުރެއްވުން އޮތެވެ. އަދި މީގެ އިތުރުން ފަސޭހައިން ޢަދުލު އިންޞާފަށް ވާޞިލުވުމަށް އާންމު ރައްޔިތުންނަށް އެހީތެރިވުމަށް އުފައްދާ އެކްސަސް ޓު ޖަސްޓިސްގެ ވެބްސައިޓާ ބެހޭ މަޢުލޫމާތު ވެސް ޙިއްސާ ކުރެއްވުން އޮތެވެ.
މި ބައްދަލުވުމުގައި، ފަނޑިޔާރުންގެ މަޖިލިސް ޕޭޕަރލެސް ތަނަކަށް ހެދުމަށް މަސައްކަތް ކުރުމަށާއި ޒަމާނީ ކޭސްމެނޭޖްމަންޓް ސިސްޓަމެއް ގާއިމްކޮށް، އީ-ފައިލިންގެ ނިޒާމެއް ގާއިމްކުރުމަށްވެސް އުއްތަމަ ފަނޑިޔާރު އެދިވަޑައިގަތެވެ. އަދި ޝަރުޢީ ކޯޓުތަކުގެ ޝެޑިއުލްތައް އޮންލައިންކޮށް ބެލޭނެ ނިޒާމެއް ކޯޓުތަކަށް ޤާއިމްކޮށްދިނުމަށްވެސް އެދި ވަޑައިގަތެވެ. އަދި 2016 ވަނަ އަހަރުގެ ޖުޑީޝަލް އިޔަރ ފެށުމުގެ ތައްޔާރީތައް ކުރިއަށްދާ ގޮތުގެ މަޢްލޫމާތުވެސް ސާފުކުރެއްވިއެވެ.