ސުޕީރިއަރ ކޯޓުތަކަށް މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިޔަށް ގެންގޮސްފި

PA

ވޭތުވެދިޔަ 2015 ވަނަ އަހަރުގެ ޕަރފޯމަންސް އެޕްރެއިޒަލް ފޯމް ފުރުމާއި މި ހިނގަމުންދާ 2016 ވަނަ އަހަރުގެ މަސައްކަތްތަކާއި ޓާގެޓްތައް ކަނޑައެޅުމާ ގުޅޭ ގޮތުން ސުޕީރިއަރ ކޯޓުތަކަށް މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ. 16 ޖަނަވަރީ 2016 ވީ ހޮނިހިރު ދުވަހު ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުގައި އޮތް މި ސެޝަންގައި ކޮންމެ ސުޕީރިއަރ ކޯޓަކުން ދެ މުވައްޒަފުން ހިމެނޭ ގޮތަށް ޖުމްލަ 10 މުވައްޒަފުން ބައިވެރިވެވަޑައިގަތެވެ. އެގޮތުން، ކޮންމެ ކޯޓަކުންވެސް އެ ކޯޓެއްގެ މުވައްޒަފުންގެ ކަންތައްތައް ބެލެހެއްޓުމާ ޙަވާލުވެ ހުންނަވާ އިސް ބޭފުޅެއް މި ސެޝަންގައި ބައިވެރިވެވަޑައިގަތެވެ.

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ އެޗް-އާރް ސެކްޝަންގެ ފަރާތުން ކުރިޔަށް ގެންދިޔަ މި ސެޝަންގައި ބައިވެރިންނަށް މަޢުލޫމާތު ދެއްވާފައިވަނީ ޑިޕާޓްމަންޓުގެ ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ އަޙްމަދު މަޢުރޫފް އާއި އެޑްމިނިސްޓްރޭޓިވް އޮފިސަރ ޝައިމާ މުފީދެވެ.

2015 ވަނަ އަހަރުގެ ޕަރފޯމަންސް އެޕްރެއިޒަލް ފޯމް ފުރުމާއި މި ހިނގަމުންދާ 2016 ވަނަ އަހަރުގެ މަސައްކަތްތަކާއި ޓާގެޓްތައް ކަނޑައެޅުމާ ގުޅޭ ގޮތުން ސުޕީރިއަރ ކޯޓުތަކަށް މަޢުލޫމާތު ދިނުމަށްޓަކައި ބޭއްވި މި ސެޝަންގައި ޕަރފޯމަންސް އިވެލުއޭޓްކުރުމުގެ މަޤުސަދުތަކާ ގުޅޭ ގޮތުންނާއި މިކަމުގެ މުހިންމު ކަމާ ގުޅޭ ގޮތުން ޕްރެޒެންޓޭޝަނެއް ބައިވެރިންނަށް ހުށަހަޅައިދިނެވެ. އަދި ވޭތުވެދިޔަ ތަނުގައި މުވައްޒަފުންގެ ޕަރފޯމަންސް އިވެލުއޭޓް ކުރުމުގައި ދިމާވި މައްސަލަތަކާއި އެކަންތައް ޙައްލުކުރުމަށްޓަކައި ކުރެވިދާނެ ކަންތައްތަކާ ގުޅޭގޮތުން މަޝްވަރާކުރެވުނެވެ.