ހ. ލޮބީ ޙުސައިން ހުމާމް އަޙްމަދު ގެ މައްސަލަ

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2016/SC-JC/06 ޤަޟިއްޔާއަކީ، ހ. ލޮބީ ޙުސައިން ހުމާމް އަޙްމަދު މެރުމަށް، ކްރިމިނަލް ކޯޓުން ކޮށްފައިވާ ޙުކުމަކީ، ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްވާ ގޮތުގެމަތިން ކޮށްފައިވާ ޙުކުމެއްކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވާތީ، އެ ނިންމުމަކީ ނިހާއީ ޙުކުމެއްކަމަށް ކަނޑައަޅައި ދިނުމަށް އެދި، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ ޤަޟިއްޔާއެކެވެ.

މި ޤަޟިއްޔާގައި ދަޢުވާ ލިބުނު ފަރާތަކީ ހ. ލޮބީ ޙުސައިން ހުމާމް އަޙްމަދެވެ.

މައްސަލައިގެ ތަޢާރަފު

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2016/SC-JC/06 ޤަޟިއްޔާއިން ބެލުނު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/180 ޤަޟިއްޔާއަކީ، ކްރިމިނަލް ކޯޓުގެ ނަންބަރު 1158/Cr-C/2012 ޤަޟިއްޔާ ނިމިފައިވާ ގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތް ނުވާކަމަށް ބުނެ، އެ ޤަޟިއްޔާ އިސްތިއުނާފުކޮށް ދިނުން އެދި ހ. ލޮބީ / ކ. މާލެ، ޙުސައިން ހުމާމް އަޙްމަދުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ ޤަޟިއްޔާއެކެވެ.

މައްސަލައިގައި ކަން ހިނގާފައިވާގޮތް

ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/180 ޤަޟިއްޔާގެ ދަށުން، އިސްތިއުނާފު ކުރެވުނު ކްރިމިނަލް ކޯޓުގެ ނަންބަރު 1158/Cr-C/2012 ޤަޟިއްޔާ ނިމުނުގޮތުގެ ރިޕޯޓަށް ބެލިއިރު، އެ ޤަޟިއްޔާއަކީ، ހ. ލޮބީ / ކ. މާލެ، ޙުސައިން ހުމާމް އަޙްމަދު އިތުރު ބަޔަކާއެކު ރ. އުނގޫފާރު، ގުލްފާމުގެ، ޑރ. އަފްރާޝީމް ޢަލީ އަށް ޙަމަލާދިނުމަށް ރާވައި، އެގޮތުން 01 އޮކްޓޯބަރު 2012 ދުވަހު 23:30 އާއި 02 އޮކްޓޯބަރ 2012 ދުވަހު 02:00 އާ ދެމެދުގެ ވަގުތުގެއްގައި ޙުސައިން ހުމާމް އަޙްމަދު އިތުރުބަޔަކާއެކު، ހ. ފުންވިލު ގެއަށްގޮސް ޑރ. އަފްރާޝީމް ޢަލީއަށް ތޫނު އެއްޗަކުން ޙަމަލާދީ މަރާލާފައިވާތީ، ޙުސައިން ހުމާމް އަޙްމަދުގެ މައްޗަށް ޤަޞްދުގައި މީހަކު މަރާލުމުގެ ކުށުގެ ދަޢުވާ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ކުރުމުން އެ ކޯޓުން ބަލާފައިވާ ޤަޟިއްޔާއެކެވެ.

ކްރިމިނަލް ކޯޓުން އެ ޤަޟިއްޔާ ނިންމާފައިވަނީ ހ. ލޮބީ / ޙުސައިން ހުމާމް އަޙްމަދުގެ މައްޗަށް ދައުލަތުން ކުރި ޤަޞްދުގައި މީހަކު މަރާލުމުގެ ކުށުގެ ދަޢުވާ ޝަރީޢަތުން ބެލިއިރު، ދަޢުވާ ލިބޭ ޙުސައިން ހުމާމް އަޙްމަދުގެ މައްޗަށް މި ދަޢުވާ ހުށަހެޅުމާއެކު ޝަރީޢަތުގެ ފުރަތަމަ އަޑުއެހުމުގައި ޙުސައިން ހުމާމް އަޙްމަދު ދަޢުވާއަށް އިންކާރު ކުރިއިރު، 01 އޮކްޓޯބަރު 2012 ދުވަހުގެ 23:30 އާއި 02 އޮކްޓޯބަރު 2012 ދުވަހު 02:00 އާ ދެމެދުގެ ވަގުތެއްގައި، މީނާ އިތުރު ބަޔާއެކު ހ. ފުންވިލު ގެއަށްގޮސް ޑރ. އަފްރާޝީމް ޢަލީއަށް ތޫނު އެއްޗަކުން ހަމަލާދީ ޑރ. އަފްރާޝީމް ޢަލީ މަރާލާފައިވާ ކަމަށް ބުނެ 22 މެއި 2013 ދުވަހު ބޭއްވުނު ޝަރީޢަތުގެ މަޖިލީހުގައި އިޢުތިރާފު ވެފައިވާތީ އާއި، އަދި 07 ޑިސެމްބަރު 2012 ދުވަހު ކްރިމިނަލް ކޯޓުގެ މުއްދަތު މަޖިލީހުގައިވެސް ދަޢުވާއަށް އިޢުތިރާފުވެ ޑރ. އަފްރާޝީމް ޢަލީ މަރާލިކަމަށް ޙުސައިން ހުމާމް އަޙްމަދު އެއްބަސްވެފައިވާތީ އާއި، އަދި 22 މެއި 2013 ވަނަ ދުވަހުގެ ފަހުން ބޭއްވުނު ޝަރީޢަތުގެ އަޑުއެހުން ތަކުގައި، 07 ޑިސެމްބަރ 2012 ދުވަހު ކްރިމިނަލް ކޯޓުގެ މުއްދަތު މަޖިލީހުގައި ޑރ. އަފްރާޝީމް ޢަލީ މަރާލުމުގައި ބައިވެރި ކަމަށް ބުނެފައިވަނީ މި މައްސަލަ ތަޙްޤީޤްކުރި ފުލުހުން ބިރު ދެއްކުމުގެ ސަބަބުންކަމަށް ޙުސައިން ހުމާމް އަޙްމަދު ބުނާއިރު އެފަދަ އެއްވެސް ކަމެއް ޙުސައިން ހުމާމް އަޙްމަދަށް ޝަރީޢަތަށް ސާބިތުކޮށްދެވިފައި ނުވާތީ، އެ އިޢުތިރާފަކީ އެއިން ރުޖޫޢަވެވޭ ފަދަ ސަބަބެއް ދެއްކިފައި ނެތް އިޢުތިރާފެއް ކަމަށާއި، 22 މެއި 2013 ވަނަ ދުވަހު ބޭއްވުނު ޝަރީޢަތުގެ އަޑުއެހުމުގައި ޑރ. އަފްރާޝީމް ޢަލީއަށް ތޫނު އެއްޗަކުން ހަމަލާދީ ޑރ. އަފްރާޝީމް ޢަލީ މަރާލާފައިވާކަމަށް ބުނެ ޙުސައިން ހުމާމް އަޙްމަދު ވެފައިވާ އިޢުތިރާފަކީ، އެ އިޢުތިރާފުންވެސް ރުޖޫޢުވެވޭފަދަ ސަބަބެއްވެސް ޙުސައިން ހުމާމް އަޙްމަދަށް ސާބިތުކޮށްދެވިފައި ނުވާ ޞައްޙަ އިޢުތިރާފެއް ކަމަށާއި، ޑރ. އަފްރާޝީމް ޢަލީއަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލުމުގައި ޙުސައިން ހުމާމް އަޙްމަދު ބައިވެރިވެފައިވާ ކަމަށް ޙުސައިން ހުމާމް އަޙްމަދު ޝަރީޢަތުގައި ވެފައިވާ އިޢުތިރާފުގެ އިތުރުން ދައުލަތުން ހުށަހެޅި ހެކިންގެ ހެކިބަހުން ޙުސައިން ހުމާމް އަޙްމަދު އެ ނުރައްކާތެރި ޢަމަލު ހިންގުމުގައި ބައިވެރި ވެފައިވާކަމަށް ޤަބޫލުކުރެވޭ މިންވަރަށް ހެކިބަސް ލިބިފައިވާތީ، ބުނެވިދިޔަ ކަންތައްތަކުގެ މައްޗަށް ބިނާކޮށް، ޤަޞްދުގައި މީހަކު މަރާލުމުގެ ކުށް ޙުސައިން ހުމާމް އަޙްމަދުގެ މައްޗަށް ސާބިތުވާކަމަށް ކަނޑައަޅައި، އިސްނާނެއްގެ ލޭ ޙައްޤަކާ ނުލައި އޮހޮރުވުމަކީ މަނާކަމެއްކަން ކީރިތި ޤުރުއާނުގެ ނައްޞުންނާއި، ރަސޫލާ (ސ) ގެ ސުންނަތުން އެނގޭއިރު ޑރ. އަފްރާޝީމް ޢަލީގެ ލޭ އޮހޮރުވާލަންޖެހޭ ފަދަ އެއްވެސް ސަބަބެއް ނެތުމުންނާއި، ޑރ. އަފްރާޝީމް ޢަލީގެ ވާރިޘުންގެ ތެރެއިން ދުނިޔޭގައި ތިބި ބާލިޣުވެފައިވާ ބުއްދަ ސަލާމަތުން ތިބި އެންމެން ބޭނުންވަނީ މަރަށް މަރު ހިފުންކަމަށްވާތީ އާއި ބާލިޣުނުވާ ކުޑަ ދަރިން ޑރ. އަފްރާޝީމް ޢަލީގެ ތިބިކަމުގައި ވީނަމަވެސް އެ ކުދިންގެ ޙައްޤުގައި ޤިޞާޞްއާމެދު ގޮތެއް ކަނޑައެޅުމަކީ ޑރ. އަފްރާޝީމް ޢަލީގެ ވާރިޘުންގެ ތެރެއިން ބާލިޣުވެ ބުއްދަ ސަލާމަތުން ހުރި މީހުންނަށް ކުރެވިދާނެ ކަމެއްކަމަށް މާލިކީ މަޛުހަބުގެ ޢިލްމުވެރިން ވިދާޅުވެފައިވާތީ، އިސްލާމީ ޝަރީޢަތުގައިވާ ގޮތަށް ބަލާއިރު ޙުސައިން ހުމާމް އަޙްމަދުގެ މައްޗަށް ސާބިތުވި މި ކުށުގެ ޢުޤޫބާތަކީ މަރަށް މަރުކަމަށް ކަނޑައަޅައި، ޙުސައިން ހުމާމް އަޙްމަދު މެރުމަށް ޙުކުމްކޮށްފައި ވެއެވެ.

ދިވެހިރާއްޖޭގެ ހައިކޯޓުން، އެ ކޯޓުގެ ނަންބަރު 2014/HC-A/180 ޤަޟިއްޔާ ނިންމާފައިވަނީ، ކްރިމިނަލް ކޯޓުގެ ނަންބަރު 1158/Cr-C/2012 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް ހ. ލޮބީ ޙުސައިން ހުމާމް އަޙްމަދު ހުށަހެޅުމުން، އެ ޤަޟިއްޔާގައި ފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނު އެންމެހައި ކަންތައްތައް އެފަދައިން ހުރުމާއެކު، ޑރ. އަފްރާޝީމް ޢަލީ ޤަޞްދުގައި މަރާލުމުގެ ކުށް ޙުސައިން ހުމާމް އަޙްމަދުގެ މައްޗަށް ސާބިތުވާކަމަށް ކަނޑައަޅައި، އެ ކުށުގެ ޢުޤޫބާތެއްގެ ގޮތުން ޙުސައިން ހުމާމް އަޙްމަދު މެރުމަށް ކްރިމިނަލް ކޯޓުން ޙުކުމްކޮށްފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތަށް ކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ އެ ޤަޟިއްޔާ ބެލި ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާޤުން ޙުކުމް ކޮށްގެންކަން ހައިކޯޓުގެ ނަންބަރު 2014/HC-A/180 ޤަޟިއްޔާ ނިމުނުގޮތުގެ ރިޕޯޓަށް ބެލުމުން އެނގެއެވެ.

ކްރިމިނަލް ކޯޓުގެ ނަންބަރު 1158/Cr-C/2012 ޤަޟިއްޔާއިން ހ. ލޮބީ ޙުސައިން ހުމާމް އަޙްމަދު، ޤަޞްދުގައި މީހަކު މަރާލުމުގެ ކުށުން ކުށްވެރިވެއްޖެކަމަށް ކަނޑައަޅައި، ޙުސައިން ހުމާމް އަޙްމަދު މެރުމަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ޙުކުމަށް ތާއީދުކޮށް، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/180 ޤަޟިއްޔާއިން ކޮށްފައިވާ ޙުކުމަކީ ނިހާއީ ޙުކުމެއްކަން ކަށަވަރުކޮށްދިނުން އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ކޮށްފައިވާ އިލްތިމާސް ބިނާކުރާ ނުކުތާތަކުގެ ގޮތުގައި މައިގަނޑު 05 ނުކުތާއެއް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މި ޤަޟިއްޔާގައި ހުށަހަޅައި އެކަންކަމާ ބެހޭގޮތުން ވާހަކަ ދައްކާފައި ވެއެވެ.

ފުރަމަތަ ނުކުތާ:

ކްރިމިނަލް ކޯޓުގެ ނަންބަރު 1158/Cr-C/2012 ޤަޟިއްޔާ، އެ ކޯޓުން ނިންމާފައިވަނީ ދަޢުވާ ލިބޭ ފަރާތްކަމުގައިވާ ޙުސައިން ހުމާމް އަޙްމަދުގެ އިޢުތިރާފުގެ މައްޗަށާއި މައްސަލައިގައި ލިބިފައިވާ ހެކިންގެ ބަހާއި އެހެނިހެން ޤަރީނާތަކުގެ މައްޗަށް ބިނާކޮށްގެން ކަމަށް ވީހިނދު، ޙުސައިން ހުމާމް އަޙްމަދު މި މައްސަލައިގައި ވެފައިވާ އިޢުތިރާފަކީ ޞައްޙަ އިޢުތިރާފެއްކަމާއި، މައްސަލައިގައި ލިބިފައިވާ އެހެނިހެން ހެކި، ޤަރީނާ ސާބިތުކުރުމުގެ ވަސީލަތެއްގެ ގޮތުގައި ބޭނުންކޮށްފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ އެއްގޮތަށް ކަމާއި އެ ހެކިތަކުން ޙުސައިން ހުމާމް އަޙްމަދުގެ މައްޗަށް ޤަޞްދުގައި މީހަކު މަރާލުމުގެ ކުށް އެއްވެސް ޝުބުހާއެއް ނެތް މިންވަރަށް ސާބިތުވާކަން ކަށަވަރުކުރުން.

ދެވަނަ ނުކުތާ:

ކްރިމިނަލް ކޯޓުގެ ނަންބަރު 1158/Cr-C/2012 ޤަޟިއްޔާގެ ޝަރީޢަތް އެ ކޯޓުގައި ހިންގުނުއިރު، މައްސަލައިގައި ދަޢުވާ ލިބޭ ޙުސައިން ހުމާމް އަޙްމަދަށް ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (ބ) އާއި (ޅ) އާއި (ކ) އިން ކަނޑައަޅާފައިވާ ކުށުން ބަރީއަވުމަށް މަސައްކަތް ކުރުމުގެ ޙައްޤާއި، ޤާނޫނީ ވަކީލަކު އިޚްތިޔާރުކުރުމުގެ ޙައްޤާއި، ޝަރީޢަތަށް ޙާޟިރުކުރާ ހެކިންނާ ސުވާލުކުރުމުގެ ޙައްޤާއި، ބޭނުން ހެކިން ޝަރީޢަތަށް ޙާޟިރުކޮށްދިނުމަށް ކޯޓުގައި އެދުމުގެ ޙައްޤު ލިބިދީފައިވާކަން ކަށަވަރުކުރުން.

ތިންވަނަ ނުކުތާ:

ކްރިމިނަލް ކޯޓުގެ ނަންބަރު 1158/Cr-C/2012 ޤަޟިއްޔާއިން ޙުސައިން ހުމާމް އަޙްމަދުގެ މައްޗަށް ޤަޞްދުގައި މީހަކު މަރާލުމުގެ ކުށް ސާބިތުވާކަމަށް ކަނޑައަޅައި އެ ކުށުގެ ޢުޤޫބާތެއްގެ ގޮތުން މެރުމަށް ޙުކުމް ކޮށްފައިވާއިރު، އިސްލާމީ ޝަރީޢަތުގައި ޤިޞާޞްހިފުން މަނާކުރާ ސަބަބެއް ޙުސައިން ހުމާމް އަޙްމަދުގެ ކިބައިގައި ފުރިހަމަވެފައި ނެތްކަން ކަށަވަރުކުރުން.

ހަތަރުވަނަ ނުކުތާ:

ކްރިމިނަލް ކޯޓުގެ ނަންބަރު 1158/Cr-C/2012 ޤަޟިއްޔާގައި ޙުސައިން ހުމާމް އަޙްމަދު ޑރ. އަފްރާޝީމް ޢަލީ އަށް ހަމަލާ ދީފައިވަނީ ޑރ. އަފްރާޝީމް ޢަލީ މަރާލުމުގެ ޤަޞްދުގައިކަމަށް ކަނޑައަޅާފައިވަނީ ޝަރުޢީ ހަމަތަކުގެ މަތިންކަން ކަށަވަރުކުރުން.

ފަސްވަނަ ނުކުތާ:

ކްރިމިނަލް ކޯޓުގެ ނަންބަރު 1158/Cr-C/2012 ޤަޟިއްޔާއިން ޙުސައިން ހުމާމް އަޙްމަދުގެ ކިބައިން ޤިޞާޞްހިފުމަށް ކަނޑައެޅުމުގައި، ޑރ. އަފްރާޝީމް ޢަލީގެ ވާރުތަވެރިންގެ ބަސް ނަގާފައިވަނީ ޤާނޫނީ އަދި ޝަރުޢީ ހަމަތަކާ އެއްގޮތްވާ ގޮތުގެމަތިންކަން ކަށަވަރުކުރުން.

މި މައްސަލައިގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ފާހަގަކުރެއްވި ކަންތައްތައް

ކްރިމިނަލް ކޯޓުގެ ނަންބަރު 1158/Cr-C/2012 ޤަޟިއްޔާއިން ހ. ލޮބީ ޙުސައިން ހުމާމް އަޙްމަދު މެރުމަށް ކޮށްފައިވާ ޙުކުމަށް ތާއީދުކޮށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/180 ޤަޟިއްޔާއިން ކޮށްފައިވާ ޙުކުމަކީ ޤާނޫނީ އަދި ޝަރުޢީގޮތުން ޞައްޙަ ޙުކުމެއްކަމަށް ކަނޑައަޅައި ނިންމާފައިވާ މައްސަލައިގެ މައްޗަށް ބެލިއިރު، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައި ވެއެވެ.

1-     އުފުލިފައިވާ ދަޢުވާގައި ބުނާ ކުށަކީ ކޮބައިކަން ސާފުކޮށް ބަޔާންކޮށްދީފައި އޮތުން

ކްރިމިނަލް ކޯޓުގެ ނަންބަރު 1158/Cr-C/2012 ޤަޟިއްޔާގައި ޙުސައިން ހުމާމް އަޙްމަދުގެ މައްޗަށް އުފުލިފައިވާ އިސްވެ ބަޔާންކުރެވިދިޔަ ދަޢުވާއާ ގުޅިގެން ކްރިމިނަލް ކޯޓުގައި 20 ޖަނަވަރީ 2013 ދުވަހު ބޭއްވުނު މި ދަޢުވާގެ ފުރަތަމަ އަޑުއެހުމުގައި ދައުލަތުން ޙުސައިން ހުމާމް އަޙްމަދުގެ މައްޗަށް ކޮށްފައިވާ ޤަޞްދުގައި މީހަކު މެރުމުގެ ކުށުގެ ދަޢުވާ ރަނގަޅަށް ސާފުވެއްޖެކަމަށް ބުނެ ޙުސައިން ހުމާމް އަޙްމަދު ބަޔާންދީފައިވާކަން އެނގެން އޮތުމުން، ފުރަތަމަވެސް ކްރިމިނަލް ކޯޓުން މި ދަޢުވާ ބަލަން ފަށާފައިވަނީ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރެވިފައިވާ ގޮތުގެމަތިން ޙުސައިން ހުމާމް އަޙްމަދުގެ މައްޗަށް އުފުލިފައިވާ ދަޢުވާގައި ބުނާ ކުށަކީ ކޮބައިކަން ޙުސައިން ހުމާމް އަޙްމަދަށް ރަނގަޅަށް ސާފުވާގޮތަށް އަންގައި ބަޔާންކުރުމަށްފަހު ކަން އެނގެން އޮތްކަން.

2-     ޝަރީޢަތުގެ މަޖިލީހުގައި ޞަރީޙަބަހުން އިޤުރާރުވެފައިވުން

22 މެއި 2013 ވަނަ ދުވަހު ކްރިމިނަލް ކޯޓުގައި ބޭއްވުނު ޝަރީޢަތުގެ މަޖިލީހަށް ޙުސައިން ހުމާމް އަޙްމަދު ދީފައިވާ ބަޔާނުގައި ޙުސައިން ހުމާމް އަޙްމަދުގެ މައްޗަށް އުފުލިފައިވާ މި ދަޢުވާގައި ބުނާ ޙާދިޘާ، ކުރިންވެސް ކިޔައިދީފައި ވާނެކަމަށާއި، އެކަން ހިނގާދިޔަގޮތް ތަޙްޤީޤު މަރުޙަލާ ހިނގަމުން ދިޔައިރު، 07 ޑިސެމްބަރ 2012 ވަނަ ދުވަހު ކްރިމިނަލް ކޯޓުގެ މުއްދަތު މަޖިލީހަށް ޤާޟީގެ ކުރިމަތީގައި ތެދަށް ކިޔައިދީ ފުލުހުންނަށް ތެދުބަޔާނެއް ދީފައިވާނެކަމަށާއި، އަދި ދައުލަތުން އޭނާގެ މައްޗަށް ކުރި މި ދަޢުވާއަށް އިޢުތިރާފުވެ ޑރ. އަފްރާޝީމް ޢަލީ މަރާލިކަމަށް އެއްބަސްވާ ކަމަށާއި، ތަޙްޤީޤު މަރުޙަލާގައި ކޯޓުގައި މުއްދަތު މަޖިލީހަށް ދީފައިވާ ބަޔާނުގައި ޑރ. އަފްރާޝީމް ޢަލީ މަރާލުމުގައި ބައިވެރިވިކަމަށް ބުނެފައިވާ ބުނުމަކީ ތެދެއްކަމަށާއި، އަދި އެ ބަޔާނުގައިވާ ހުރިހާ ވާހަކަތަކަކީ މި ޙާދިޘާ ހިނގާ ދިޔަގޮތަށް ކިޔައިދީފައިވާ ވާހަކަތަކެއް ކަމަށާއި، ވޭތުވެދިޔަ އަޑުއެހެންތަކުގައި މި މައްސަލައަށް އިންކާރުކުރީ އޭގެ ސަބަބުން ޢާއިލާއަށް އިތުރު އުނދަގުލެއް ކުރިމަތިވެދާނެތީ ކަމަށް ބުނެ ކްރިމިނަލް ކޯޓުގެ ނަންބަރު 1158/Cr-C/2012 ޤަޟިއްޔާގެ ދަށުން ޙުސައިން ހުމާމް އަޙްމަދުގެ މައްޗަށް އުފުލިފައިވާ ޤަޞްދުގައި މީހަކު މެރުމުގެ ކުށުގެ ދަޢުވާ ބެލުމަށް 22 މެއި 2013 ވަނަ ދުވަހު ބޭއްވުނު އެ ޤަޟިއްޔާގެ ޝަރީޢަތުގެ މަޖިލީހުގައި ޞަރީޙަބަހުން ޙުސައިން ހުމާމް އަޙްމަދު އިޤުރާރުވެފައިވާކަން އެނގެން އޮތްކަން.

3-     އިޤުރާރުވެފައިވާ ބަޔާނުގައި ސޮއިކޮށް އިނގިލީގެ ނިޝާން ޖަހާފައިއޮތުން

07 ޑިސެމްބަރު 2012 ވަނަ ދުވަހު ކްރިމިނަލް ކޯޓުގެ ބަންދުގެ މުއްދަތުގެ މަޖިލީހަށް ޤާޟީ ކުރިމަތީގައި ޙުސައިން ހުމާމް އަޙްމަދުގެ އަމިއްލަ ރުހުމާއި އިޚްތިޔާރުގައި ދީފައިވާކަމަށް ޙުސައިން ހުމާމް އަޙްމަދު ބުނާ ބަޔާނުގައި ޑރ. އަފްރާޝީމް ޢަލީ މަރާލުމަކީ ޙުސައިން ހުމާމް އަޙްމަދަށް ބަޔަކު މީހުން ރުފިޔާ ދޭނަމޭ ކިޔައިގެން ޙުސައިން ހުމާމް އަޙްމަދު ލައްވާ ކުރުވި ކަމެއް ކަމަށާއި، ޑރ. އަފްރާޝީމް ޢަލީއަށް ހަމަލާދިން ކަމަށާއި ހަމަލާދިނީ މަރާލަން ނޫން ކަމަށާއި، ހަމަލާ ދިންފަހުން ޑރ. އަފްރާޝީމް ޢަލީ މަރުވިކަން އެނގުނު ކަމަށާއި، އަދި މިކަން ރޭވިގޮތާއި، ޑރ. އަފްރާޝީމް ޢަލީއަށް ޙަމަލާދީފައިވާ ގޮތް ވަރަށް ތަފްޞީލުކޮށް ޙުސައިން ހުމާމް އަޙްމަދުގެ ފަރާތުން ކިޔައިދީފައިވާ ކަމާއި، މިގޮތުން މި ޙާދިޘާ ހިނގުމުގެ ކުރިން ކަން ހިނގާދިޔަ ގޮތްތަކާއި، އަދި ޙާދިޘާ ހިނގުމުގެ ކުރިން ރާއްޖެތެރެއަށް ދިޔަ ވާހަކައާއި، މި ޢަމަލު ހިންގުމަށްޓަކައި 25 ސެޕްޓެމްބަރ 2012 ހާތާ މާލެ އައި ވާހަކަ އާއި، މި ޢަމަލު ހިންގުމުން ފައިސާ ލިބޭނެކަމަށް ބުނެ ބަޔަކު މީހުން ދެއްކި ވާހަކަ ތަކާއި، މި ޢަމަލު ހިންގިކަމަށް ބުނާރޭ ހ. ފުންވިލު ގެއަށް ދިޔަގޮތާއި، ޑރ. އަފްރާޝީމް ޢަލީ އަށް ޙަމަލާދިން ގޮތާއި، ޙަމަލާދިނުމަށްފަހު ޙުސައިން ހުމާމް އަޙްމަދު ޢަމަލުކުރި ގޮތްވެސް ވަރަށް ތަފްޞީލީކޮށް ޙުސައިން ހުމާމް އަޙްމަދު ކިޔައިދީފައި ވާކަމާއި، މިގޮތުން މި ބަޔާނުގައި ޑރ. އަފްރާޝީމް ޢަލީ ދިރިއުޅޭ ގެއަށް 1 އޮކްޓޯބަރު 2012 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި އިތުރު ދެ މީހަކާއެކު ދެ ސައިކަލެއްގައި ދިޔަކަމަށާއި، ޙުސައިން ހުމާމް އަޙްމަދު ގޮސް ވަނީ ޑރ. އަފްރާޝީމް ޢަލީ ދިރިއުޅޭ ހ. ފުންވިލު ގެއަށް ކަމަށާއި، އެގޭތެރެއަށް ވަދެ އެގޭތެރޭގައި ހުރި ސިޑިކައިރީގައި މަޑުކޮށްލައިގެން ހުރިކަމަށާއި، އޭގެ ފަސްވަރަކަށް މިނިޓް ފަހުން ޑރ. އަފްރާޝީމް ޢަލީ އެ ގެއަށް ވަންކަމަށާއި އެ ވަގުތު ޑރ. އަފްރާޝީމް ޢަލީއާ ދިމާލަށް 08 އިންޗި ހުންނަވަރުގެ ކަތިވަޅިއެއް ހޫރާލުމުން ޑރ. އަފްރާޝީމް ޢަލީއަށް ސިހުން ލިބި ސަލާމަތްވުމަށް އަތްނެގި ކަމަށާއި، އަތުގައި ކަތިވަޅިން ޖެހުނުކަމަށާއި، އޭގެފަހުން ޑރ. އަފްރާޝީމް ޢަލީގެ ކަރުގައި ކަތިވަޅިން ޖެހިކަމަށާއި، ޖެހީ ކަރާއި ކަނދުރާއާ ދެމެދު ހިސާބުން ކަރުގެ ކަނާތް ފަރާތުގައި ކަމަށާއި، އޭގެފަހުން ކަތިވަޅިން ޖެހީ ބޮލުގައި ކަމަށާއި، ބޮލުގެ ބައެއް ފަޅައިގެން ގޮސް ވެއްޓުނު ކަމަށާއި، ކަތިވަޅިން ދެ ބުރަށް ޖަހާފައިވާނެ ކަމަށާއި، މިހެން ޙަމަލާ ދިނުމުގެ ސަބަބުން ޑރ. އަފްރާޝީމް ޢަލީ ގޭތެރެއަށް ވެއްޓިފައި އޮއްވާ ޙުސައިން ހުމާމް އަޙްމަދު ޑރ. އަފްރާޝީމް ޢަލީ އަތުގައި ހިފާ ދަމާހަލާފައި ސިޑިދަށަށް ގެންދަން އުޅުނުކަމަށާއި، އޭރު ޑރ. އަފްރާޝީމް ޢަލީ ގައިން ލޭފައިބަމުން ދިޔަކަމަށާއި، އެއްވެސް ޙަރަކާތެއް ނެތްކަމަށް ޙުސައިން ހުމާމް އަޙްމަދުގެ ފަރާތުން ދީފައިވާ މި ބަޔާނުގައި ބުނެފައިވާއިރު، މި ބަޔާން 22 މެއި 2013 މި ތާރީޚުގައި ބޭއްވުނު ކްރިމިނަލް ކޯޓުގެ ނަންބަރު 1158/Cr-C/2012 ޤަޟިއްޔާގެ ޝަރީޢަތުގެ މަޖިލީހުގައި އިއްވުމުން އެއީ ތެދު ބަޔާނެއް ކަމަށާއި، އެ ބަޔާނުގައި ވަނީ ކަންހިނގާ ދިޔަ ގޮތްކަމަށް ބުނެ އެ ބަޔާން ދިންކަމަށާއި އެ ބަޔާނުގައިވާ އެންމެހައި ވާހަކަތަކަށް ޙުސައިން ހުމާމް އަޙްމަދު 22 މެއި 2013 ވަނަ ދުވަހު ކްރިމިނަލް ކޯޓުގައި އިޤުރާރު ވެފައިވާއިރު އެ ބަޔާނުގައި ޙުސައިން ހުމާމް އަޙްމަދު ސޮއިކޮށް އިނގިލީގެ ނިޝާން ޖަހާފައިވާކަން އެނގެން އޮންނަކަން.

4-     ވެފައިވާ އިޢުތިރާފުތަކުން ރުޖޫޢަވުމަށް ދައްކާފައިވާ ވާހަކަތަކަކީ ހަރުދަނާ ރަނގަޅު އަސާސްތަކެއްގެ މައްޗަށް ބިނާކޮށް ދައްކާފައިވާ ވާހަކަތަކެއް ކަމުގައި ބެލެވޭނެ ހަރުދަނާ ސަބަބުތަކެއް ދެއްކިފައިނުވުން

ޝަރީޢަތަށް ޤަބޫލުކޮށްގެން ނުވާނެ އިޢުތިރާފަކީ މަޖުބޫރު ކޮށްގެންނާއި ޤާނޫނާ ޚިލާފަށް ހޯދާ އިޢިތުރާފުކަން ޤާނޫނުއަސާސީގެ 52 ވަނަ މާއްދާއިން ސާފުކޮށް އެނގެން އޮންނައިރު، ކްރިމިނަލް ކޯޓުގެ ނަންބަރު 1158/Cr-C/2012 ޤަޟިއްޔާގައި ޙުސައިން ހުމާމް އަޙްމަދުގެ މައްޗަށް އުފުލިފައިވާ ޤަޞްދުގައި މީހަކު މެރުމުގެ ކުށަށް 07 ޑިސެންބަރު 2012 ވަނަ ދުވަހާއި އަދި 22 މެއި 2013 ވަނަ ދުވަހު ކްރިމިނަލް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ޤާޟީގެ ކުރިމަތީގައި ޙުސައިން ހުމާމް އަޙްމަދުގެ އަމިއްލަ ރުހުމާއި އިޚްތިޔާރުގައި އެއްވެސް މަޖުބޫރު ކަމެއްނެތި އޭނާގެ ނަފްސުގެ މައްޗަށް ވެފައިވާ އިޢުތިރާފުތަކަކީ ޝަރީޢަތަށް ޤަބޫލުކުރެވޭ ޞައްޙަ އިޢުތިރާފުތަކެއްކަން ޤާނޫނުއަސާސީގެ 52 ވަނަ މާއްދާއަށް ރިޢާޔަތްކޮށް ބެލުމުން އެނގެން އޮންނާތީ އާއި އަދި މީގެއިތުރުން ޝަރުޢީ ނަޒަރަކުން ބަލާއިރު، ޝަރީޢަތުގެ މަޖިލީހުގައި ޤާޟީގެ ކުރިމަތީގައި މީހަކުވާ އިޢުތިރާފުން ރުޖޫޢުވުމާ ގުޅޭގޮތުން އިސްލާމީ ފިޤުހުގައި ބަޔާންކުރެވިފައިވާ ކަންކަމަށް ބަލާއިރު، އެފަދަ އިޢުތިރާފު ޤަބޫލުކުރުމާއި ނުކުރުމުގައި ދެ ޙާލަތެއްވާކަމާއި މިގޮތުން ފުރަތަމަ ޙާލަތަކީ ހަމައެކަނި މާތްﷲގެ ޙައްޤު އެކުލެވޭ ކަމެއްގައިވެވޭ އިޢުތިރާފު ކަމާއި، މީގެ މިސާލަކީ އިސްލާމީ ޝަރީޢަތުގައި ޙައްދު ކަނޑައެޅިފައިވާ ޒިނޭފަދަ ކުށްތައް ކަމާއި ދެވަނަ ޙާލަތަކީ އާދަމުގެ ދަރިއެއްގެ ޙައްޤެއް އެކުލެވޭ ކަމެއްގައި ވެވޭ އިޢުތިރާފުކަމާއި މީގެތެރެއިން ފުރަތަމަ ބަޔާންކުރެވުނު ޙާލަތުގައި ވެވޭ އިޢުތިރާފުން ރުޖޫޢުވެއްޖެނަމަ އެކަމުގެ މައްޗަށް ބުރަދަނެއް ދެވިދާނެކަމަށް އިސްލާމީ ފިޤުހު ޢިލްމުވެރިން ވިދާޅުވާ ކަމާއި، ނަމަވެސް ޤިޞާޞްގެ މައްސަލަތައް ފަދަ އާދަމުގެ ދަރިއާގެ ޙައްޤު އެކުލެވިގެންވާ ކަމެއްގައި މީހަކުވާ އިޢުތިރާފުން ރުޖޫޢުނުވެވޭނެކަން އިސްލާމީ ޝަރީޢަތުގެ ފިޤުހު ޢިލްމުވެރިން ލިޔުއްވާފައިވާ އިސްލާމީ ފިޤުހު ފޮތްތަކުން އޮޅުމެއްނެތި ސާފުކޮށް އެނގެން އޮތުމުން މި މައްސަލައިގައި ޙުސައިން ހުމާމް އަޙްމަދުގެ މައްޗަށް އުފުލިފައިވާ ކުށަށް ކްރިމިނަލް ކޯޓުގެ ޤާޟީގެ ކުރިމަތީގައި 07 ޑިސެމްބަރު 2012 ވަނަ ދުވަހު އާއި އަދި 22 މެއި 2013 ވަނަ ދުވަހު ޙުސައިން ހުމާމް އަޙްމަދު ވެފައިވާ އިޢުތިރާފުތަކަކީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެމަތިން ބަލާއިރު ޞައްޙަ ރަނގަޅު އިޢުތިރާފުތަކެއް ނޫންކަމަށް ބެލެވޭނެ ތަނެއް ނެތުމާއި އަދި ބަޔާންވެދިޔަ ކަންކަމުގެ މައްޗަށް ރިޢާޔަތްކޮށް ބެލުމުން މި މައްސަލައިގައި ހިމެނޭ ކުށަށް ޙުސައިން ހުމާމް އަޙްމަދު ވެފައިވާ އިޢުތިރާފުތަކުން ރުޖޫޢަވުމަށް ދައްކާފައިވާ ވާހަކަތަކަކީ ހަރުދަނާ ރަނގަޅު އަސާސެއްގެ މައްޗަށް ބިނާކޮށް ޙުސައިން ހުމާމް އަޙްމަދުގެ ފަރާތުން ދައްކާފައިވާ ވާހަކަތަކެއް ކަމުގައި ބެލެވޭނެ ހަރުދަނާ ސަބަބުތަކެއް ޙުސައިން ހުމާމް އަޙްމަދުގެ ފަރާތުން ދެއްކިފައިނުވާކަން އެނގެން އޮތުން.

5-     ދިފާޢީ ހެކި ހުށަހެޅުމަށް ދިން ފުރުޞަތު އަމިއްލައަށް ދޫކޮށްލާފައިވުން

ޙުސައިން ހުމާމް އަޙްމަދުގެ ފަރާތުން ހުށަހެޅި ހެކިން ޝަރީޢަތަށް ޙާޟިރުކުރާނެ ހަރުދަނާ އަސާސެއް ނެތްކަމަށް ބަލައި، އެ ހެކިން ޙާޟިރު ނުކުރަން ކްރިމިނަލް ކޯޓުން ނިންމާފައިވާ ސަބަބަކީ ދިފާޢީ ހެކި ހުށަހެޅުމަށް ޙުސައިން ހުމާމް އަޙްމަދަށް ދިން ފުރުޞަތު އޭނާ އަމިއްލައަށް ދޫކޮށްލުމަށްފަހު، 22 މެއި 2013 ވަނަ ދުވަހު، މި މައްސަލަ އެ ކޯޓުން ބެލި ޤާޟީގެ ކުރިމަތީގައި ޙުސައިން ހުމާމް އަޙްމަދުގެ މައްޗަށް އުފުލިފައިވާ މި ދަޢުވާއަށް ޞަރީޙަ ބަހުން އެއްވެސް ޝައްކެތް ނުވަތަ ޝުބުހާއެއް ނެތް މިންވަރަށް އިޢުތިރާފު ވެފައިވާތީކަން ކްރިމިނަލް ކޯޓުގެ ނަންބަރު
1158/Cr-C/2012 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުން އެނގެން އޮތުން.

ހެކިން ކޯޓަށް ޙާޟިރުކުރުމަކީ ވަކި ހަމަތަކެއްގެ މަތިން ޝަރީޢަތަށް ހުށަހެޅޭ، އަދި ވަކި ހަމަތަކެއްގެ މަތިން ކޯޓުން ބަލައިގަނެވޭ ކަމެއްކަމަށްވެފައި މި އުޞޫލުތަކަށް ބެލުމެއްނެތި މައްސަލައެއްގެ ޚަޞްމަކު ކޯޓަށް ޙާޟިރުކުރަން ބޭނުންވާ ކޮންމެ މީހަކު ކޯޓަށް ޙާޟިރުކޮށް އެ މީހެއްގެ ބަޔާން ނެގުން ކޯޓުގެ މައްޗަށް ލާޒިމުކޮށްފައި ނުވާކަން ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (ކ) އިން ރަނގަޅަށް އެނގެން އޮތުމުން، މައްސަލައާ ގުޅިގެން ޙުސައިން ހުމާމް އަޙްމަދުގެ ވަކީލުގެ ފަރާތުން ކޯޓަށް ޙާޟިރުކޮށްދިނުމަށް އެދިފައިވާ ހެކިން ދަށުކޯޓަށް ޙާޟިރުކުރާނެ އަސާސެއް ނެތްކަމަށް ބަލައި އެ ފަރާތްތައް ޝަރީޢަތަށް ޙާޟިރުކޮށްފައި ނުވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ ޚިލާފަށްކަމަށް ބެލެވޭނެ ތަނެއް ނެތުން.

6-     އިޢުތިރާފުތަކަށް އިތުރު ކަށަވަރުކަމެއް ގެނެސްދެނިވި ހެކިތަކެއްހުރުން

ޙުސައިން ހުމާމް އަޙްމަދު ގެ މައްޗަށް ސާބިތުވާކަމަށް ކްރިމިނަލް ކޯޓުންނާއި އަދި ދިވެހިރާއްޖޭގެ ހައިކޯޓުން ކަނޑައަޅާފައިވަނީ ޙުސައިން ހުމާމް އަޙްމަދު، ވެފައިވާ އިޢުތިރާފުތަކުގެ އިތުރުން މި މައްސަލައާއެކު ދައުލަތުގެ ފަރާތުން ހުށަހެޅި ހެއްކާއި ޤަރީނާތަކުގެ މައްޗަށް ރިޢާޔަތްކޮށްގެން ކަމާއި، މިގޮތުން މި މައްސަލައިގައި ދައުލަތުގެ ފަރާތުން ސާބިތުކޮށް ދިނުމަށް ބޭނުންވީ، ޙުސައިން ހުމާމް އަޙްމަދު، ޑރ. އަފްރާޝީމް ޢަލީ އަށް ޙަމަލާދިނުމަށް ރޭވިކަމާއި، 01 އޮކްޓޯބަރ 2012 ވަނަ ދުވަހުގެ ރޭ 23:30 އާއި 02 އޮކްޓޯބަރ 2012 ވަނަ ދުވަހުގެ 2:00 އާ ދެމެދުގެ ވަގުތެއްގައި ޙުސައިން ހުމާމް އަޙްމަދު އިތުރު ބަޔަކާއެކު ހ. ފުންވިލު ގެއަށް ގޮސްފައިވާ ކަމާއި، ޑރ. އަފްރާޝީމް ޢަލީއަށް، ޙުސައިން ހުމާމް އަޙްމަދު ތޫނު އެއްޗަކުން ޙަމަލާދީފައިވާ ކަމާއި، އަދި މި ޙަމަލާގެ ސަބަބުން ޑރ. އަފްރާޝީމް ޢަލީ މަރުވެފައިވާ ކަމާއި މިކަންތައްތައްކަން އެނގެން އޮންނައިރު، މި ދަޢުވާ ސާބިތުކުރުމަށް ދައުލަތުގެ ފަރާތުން ޝަފަވީ ހެކިންގެ ގޮތުގައި ހުށަހެޅި 06 މީހެއްގެ ހެކިބަސް ނެގިފައިވާ ކަމާއި އެއީ ހެކި ނަންބަރު 01 އާއި، ހެކި ނަންބަރު 03 އާއި، ހެކި ނަންބަރު 04 އާއި، ހެކި ނަންބަރު 05 އާއި، ހެކި ނަންބަރު 06 އާއި، އަދި ހެކި ނަންބަރު 07 ކަމާއި، މި ހެކިވެރިން މި މައްސަލައިގެ ޝަރީޢަތަށް ދީފައިވާ ހެކިބަސްތައް ކްރިމިނަލް ކޯޓުގެ ނަންބަރު 1158/Cr-C/2012 ޤަޟިއްޔާއާއި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/180 ޤަޟިއްޔާގައި ފާހަގަކޮށްފައިވާ ކަމާއި މިފަރާތްތަކުން ދީފައިވާ ހެކިބަސްތަކަށް ޖުމްލަގޮތެއްގައި ބެލުމުން މި ހެކިބަސްތަކަކީ، ޙުސައިން ހުމާމް އަޙްމަދު ޑރ. އަފްރާޝީމް ޢަލީއަށް ޙަމަލާދިންކަމަށް ބުނެ، ޙުސައިން ހުމާމް އަޙްމަދު ވެފައިވާ އިޢުތިރާފުތަކަށް އިތުރު ކަށަވަރުކަމެއް ގެނެސްދެނިވި ހެކިތަކެއްކަން އެނގެން އޮންނަކަން.

7-     ހެކިވެރިންގެ ހެކިބަސް ޝަރީޢަތަށް ޤަބޫލުކުރެވުން

މި ދަޢުވާ ސާބިތުކުރުމަށް ދައުލަތުން ހުށަހެޅި ހެކިންގެ ތެރެއިން ހެކި ނަންބަރު 01 އަކީ، ފާސިދުވެފައިވާ، އަދި ހެކިބަސް ޤަބޫލުނުކުރެވޭނެ ފަރާތެއްކަމަށް ކްރިމިނަލް ކޯޓުގައި މި މައްސަލަ ހިނގިއިރު ޙުސައިން ހުމާމް އަޙްމަދުގެ ފަރާތުން ފާހަގަކޮށްފައިވާތީ، އޭނާގެ ކުށުގެ ރިކޯޑު ކްރިމިނަލް ކޯޓުން ސާފުކޮށްފައިވާ ކަމާއި މިގޮތުން އެ ކޯޓުން ބެލިބެލުމުން އޭނާއަކީ ހެކިބަސް ޤަބޫލުނުކުރެވޭ ފަދަ ކުށެއް ޝަރީޢަތަށް ސާބިތުވެ ރެކޯޑެއް އޮތް ފަރާތެއްކަން އެނގިފައި ނުވާކަމަށް އެ ކޯޓުން ފާހަގަކޮށްފައިވާކަން އެނގެން އޮންނަކަން.

8-     ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތިން ބަލައި ހެކި ވަޒަންކޮށްފައިވުން

ހެކިންގެ ހެކިބަހުގެ އިތުރަށް، މި މައްސަލައާ ގުޅިގެން ޝަރީޢަތަށް ހުށަހެޅިފައިވާ މާއްދީ ހެކިތަކާއި އެހެނިހެން ކަންކަމުން ލިބޭ ޤަރީނާތަކުގެ މައްޗަށް މި މައްސަލަ ބެލި ދަށުކޯޓުންނާއި ހައިކޯޓުން ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތިން ބަލައި ވަޒަންކޮށްފައިވާ ކަމާއި އަދި މީގެއިތުރުން ޑރ. އަފްރާޝީމް ޢަލީއާ މެދު އަނިޔާވެރި ގޮތުގައި ހިންގި ކުށުގެ ޢަމަލާއި އޭނާގެ މަރުވުމާ ޢިލާޤާ ސަބަބިއްޔާގެ ގުޅުމުން ޝަރުޢީ ހަމަތަކުގެމަތިން އެއްވެސް އޮޅުމެއްނެތި ގުޅިފައިވާކަން އިތުރަށް ކަށަވަރުވެފައިވާ ކަމާއި، އެގޮތުން، ޑރ. އަފްރާޝީމް ޢަލީއަށް ޙަމަލާދިން ރޭ އޭ.ޑީ.ކޭ ހޮސްޕިޓަލުން ބެލި ޑޮކްޓަރގެ ފަރާތުން ތައްޔާރުކޮށްފައިވާ މެޑިކޯ ލީގަލް ރިކޯޑް ޝަރީޢަތަށް ހުށަހެޅިފައިވާއިރު، އެ ރިކޯޑު ތައްޔާރުކުރި ޑޮކްޓަރގެ ބަސް ޝަރީޢަތުން ހޯދާފައިވާ ކަމާއި، މިގޮތުން ޑރ. އަފްރާޝީމް ޢަލީގެ ހަށިގަނޑު ބެލި ޑޮކްޓަރ، ޑރ. އަފްރާޝީމް ޢަލީ ހޮސްޕިޓަލަށް ގެންދިޔައިރު، ދިރިހުރިކަމުގެ އެއްވެސް ނިޝާނެއް ފެންނަން ނެތް ކަމަށާއި، ބޮޑެތި ގިނަ ޒަޚަމްތަކެއް ލިބިފައިވާ ކަމަށާއި އެއީ މީހަކު މަރުވެދާފަދަ ޒަޚަމްތަކެއް ކަމަށާއި ޑރ. އަފްރާޝީމް ޢަލީ މަރުވެފައިވަނީ މި ޒަޚަމްތަކުގެ ސަބަބުންކަމަށް ބުނެ އެ ފަރާތުން ޝަރީޢަތުގެ މަޖިލީހަށް ބަޔާންދީފައި ވުމުން، މެޑިކޯ ލީގަލް ރިކޯޑުގައިވާ ކަންކަން އިތުރަށް ކަށަވަރުކޮށްދީފައިވާ ކަން ރަނގަޅަށް އެނގެން އޮންނަކަން.

9-     ޤާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ޙައްޤުތައް ލިބިދީފައިވުން

ކްރިމިނަލް ކޯޓުގެ ނަންބަރު 1158/Cr-C/2012 ޤަޟިއްޔާގެ ޝަރީޢަތް އެ ކޯޓުގައި ހިންގުނުއިރު، މައްސަލައިގައި ދަޢުވާ ލިބޭ ޙުސައިން ހުމާމް އަޙްމަދަށް ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (ބ) އާއި (ޅ) އާއި (ކ) އިން ކަނޑައަޅާފައިވާ ކުށުން ބަރީއަވުމަށް މަސައްކަތް ކުރުމުގެ ޙައްޤާއި ޤާނޫނީ ވަކީލަކު އިޚްތިޔާރު ކުރުމުގެ ޙައްޤާއި، ޝަރީޢަތަށް ޙާޟިރުކުރާ ހެކިންނާ ސުވާލުކުރުމުގެ ޙައްޤާއި، ބޭނުންވާ ހެކިން ޝަރީޢަތަށް ޙާޟިރުކޮށްދިނުމަށް ކޯޓުގައި އެދުމުގެ ޙައްޤު ޙުސައިން ހުމާމް އަޙްމަދަށް ލިބިދީފައިވާކަން ކްރިމިނަލް ކޯޓުގެ ނަންބަރު 1158/Cr-C/2012 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ނުކުތާތަކުން ސާފުކޮށް އެނގެން އޮތުމުން ދަށު މަރުޙަލާގެ ކޯޓުން އެ މައްސަލަ ނިންމާފައިވަނީ ޤާނޫނޫއަސާސީގެ 51 ވަނަ މާއްދާގެ (ބ) އާއި (ޅ) އާއި (ކ) އިން ކަނޑައަޅާފައިވާ އެންމެހައި ޙައްޤުތައް ޙުސައިން ހުމާމް އަޙްމަދަށް ލިބިދީގެންކަން ކަށަވަރުވާކަން އެނގެންއޮތްކަން.

10-ޤަޞްދުގައި މީހަކު މަރާލުމުގެ ކުށް އެއްވެސް ޝުބުހާއެއް ނުވަތަ ޝައްކެއް ނެތް މިންވަރަށް ސާބިތުވެފައިވުން

ޙުސައިން ހުމާމް އަޙްމަދު، ޑރ. އަފްރާޝީމް ޢަލީ މަރާލާފައިވާކަމަށް ބަޔާންކޮށްފައިވާ ތާރީޚްގައި ޢަމަލުކުރެވުންދިޔަ ޤާނޫނު ނަންބަރު 66/1 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) އަށް ބަލާއިރު، މަރުގެ ކުށަށް ކަނޑައަޅަންޖެހޭނީ އިސްލާމީ ޝަރީޢާތުގައި މަރުގެ ކުށަށް ކަނޑައެޅިފައިވާ އަދަބުކަން އެނގެން އޮތްއިރު، ޙުސައިން ހުމާމް އަޙްމަދުގެ މައްޗަށް އުފުލާފައިވާ ދަޢުވާއަކީ ޤަޞްދުގައި މީހަކު މަރާލުމުގެ ކުށުގެ ދަޢުވާކަމަށް ވީހިނދު، އިސްލާމީ ޝަރީޢަތުގައި ކަޑައެޅިފައިވާ ގޮތުގެމައްޗަށް ރިޢާޔަތްކުރާއިރު ޤަތުލު ޢަމްދަކީ "ޢާންމުކޮށް މީހަކު މަރުވެދާފަދަ ވަސީލަތެއް ބޭނުންކޮށްގެން އަނިޔާވެރިވުމުގެ ޤަޞްދުގައި ހިންގި ޢަމަލެއްގެ ސަބަބުން އެ މީހާ މަރުވުން" ކަން އެނގެން އޮންނައިރު، އެކަން ފުރިހަމަވުމަށް އިސްލާމީ ޝަރީޢަތުގައި ކަނޑައެޅިފައިވާ ރުކުންތަކާއި ޝަރުޠުތައް ޙުސައިން ހުމާމް އަޙްމަދުގެ މި ކުށުގެ ޢަމަލުގައި ފުރިހަމަވެފައިވާކަން ސާފުކޮށް އެނގެން އޮތުމުން، ކްރިމިނަލް ކޯޓުގެ ބަޔާންވެ ދިޔަ ޤަޟިއްޔާގެ ދަށުން ޙުސައިން ހުމާމް އަޙްމަދުގެ މައްޗަށް އުފުލިފައިވާ ޤަޞްދުގައި މީހަކު މެރުމުގެ ކުށުގެ ދަޢުވާ ސާބިތުކުރުމުގެ ގޮތުން ދައުލަތުގެ ފަރާތުން މި މައްސަލައިގެ ޝަރީޢަތަށް ހުށަހަޅާފައިވާ އިސްވެ ބަޔާންކުރެވިދިޔަ ހެކިތަކާއި ޤަރީނާތަކުން ކުށް ސާބިތުވާކަމަށް ކަނޑައަޅާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްވާ ގޮތުގެމަތިން ކަމާއި، އަދި ދައުލަތުން ޙުސައިން ހުމާމް އަޙްމަދުގެ މައްޗަށް ކޮށްފައިވާ މި ދަޢުވާއަށް ޙުސައިން ހުމާމް އަޙްމަދު ވެފައިވާ އިޢުތިރާފުތަކުންނާއި މި އިޢުތިރާފުތައް ކަށަވަރުކޮށްދޭ ދަލީލުތަކެއްގެ ގޮތުގައި މި މައްސަލައިގެ ޝަރީޢަތަށް ދައުލަތުގެ ފަރާތުން ހުށަހަޅާފައިވާ ހެކިތަކުންނާއި ޤަރީނާތަކުން ޙުސައިން ހުމާމް އަޙްމަދު ކުރިއާލައި ރާވައިގެން ޑރ. އަފްރާޝީމް ޢަލީ އަނިޔާވެރި ގޮތުގައި މަރާލާފައިވާކަން އެއްވެސް ޝައްކެއް ނުވަތަ ޝުބުހާއެއް ނެތްމިންވަރަށް ސާބިތުކުރެވިފައިވާ ކަމާއި އެހެންކަމުން ދައުލަތުން ޙުސައިން ހުމާމް އަޙްމަދުގެ މައްޗަށް ކޮށްފައިވާ ޤަޞްދުގައި މީހަކު މަރާލުމުގެ ކުށް އެއްވެސް ޝުބުހާއެއް ނުވަތަ ޝައްކެތް ނެތް މިންވަރަށް ޙުސައިން ހުމާމް އަޙްމަދުގެ މައްޗަށް ސާބިތުވެފައިވާކަން އެނގެން އޮތްކަން.

11-މީހަކު މެރުމުގެ ކުށަކީ ޖިނާޔަތުގެ އެންމެ ބޮޑެތި ކުށްތަކުގެ ތެރޭގައި ހިމެނޭކުށަކަށްވުން

ޤާނޫނޫއަސާސީގެ 21 ވަނަ މާއްދާއާއި 142 ވަނަ މާއްދާ އާއި ޤާނޫނު ނަންބަރު 66/1 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) އަދި ޤާނޫނު ނަންބަރު 2014/9 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގައި ބަޔާންވެފައިވާ ގޮތުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ބަލާއިރު މީހަކު މެރުމުގެ ކުށަކީ ޖިނާޔަތުގެ އެންމެ ބޮޑެތި ކުށްތަކުގެ ތެރެއިން ކުށެއް ކަމާއި އަދި މި ކުށަކީ ޤާނޫނުލްޢުޤޫބާތުގެ ދަށުން އެންމެ ބޮޑެތި އަދަބުތައް ކަނޑައަޅަންޖެހޭ ކުށްތަކުގެ ތެރެއިން ކުށެއް ކަމާއި، އަދި ޙުރުމަތްތެރި ކުރެވިފައިވާ ނަފްސެއް ޙައްޤަކާ ނުލައި މެރުމަކީ މާތްﷲ ޙަރާމްކުރައްވާފައިވާ އެންމެ ބޮޑެތި ކުށްތަކުގެ ތެރެއިން ކުށެއް އަދި ބޮޑެތި ފާފަތަކުގެ ތެރެއިން ފާފައެއް ކަން ކީރިތި ޤުރުއާނާއި ކީރިތި ރަސޫލާ(ސ) ގެ ސުންނަތާއި އިޖްމާޢުން ސާބިތުވެފައިވާކަން.

12-މީހަކު މެރުމުގެ ކުށަށް އަދަބު ކަނޑައަޅަންޖެހެނީ އިސްލާމީ ޝަރީޢަތުގައިވާ ގޮތުގެމަތިންކަމަށް ޤާނޫނުލްޢުޤޫބާތުގައި ބަޔާންވެފައިވުން

ޤާނޫނުލްޢުޤޫބާތުގައި މީހަކު މެރުމުގެ ކުށަށް އަދަބު ކަނޑައަޅަންޖެހޭނީ އިސްލާމީ ޝަރީޢަތުގައިވާ ގޮތުގެމަތިންކަމަށް ބަޔާންވެފައިވާ ކަމާއި، އެގޮތުން، މީހަކު ޤަޞްދުގައި މަރާލުމުގެ ކުށަށް އިސްލާމީ ޝަރީޢަތުގައި ކަނޑައެޅިފައިވާ ޢުޤޫބާތަކީ ޝަރީޢަތުގައި ކަނޑައެޅި ބަޔާންވެފައިވާ ޝަރުޢީ ހަމަތަކުގެ މަތިން ޤީޞާޞްހިފުންކަން ކީރިތި ޤުރުއާނުގެ ޞަރީޙަ ނައްޞުތަކުންނާއި އަދި ކީރިތި ރަސޫލާ (ސ) ގެ ސުންނަތާއި ދަންނަބޭކަލުންގެ އިޖްމާޢުން ސާބިތުވާކަން އެނގެންއޮންނަކަން.

13-ޤިޞާޞްއަކީ، އަނިޔާވެރި ގޮތުގައި ޤަޞްދުގައި މަރާލެވުނު މީހާގެ ވާރިޘުންގެ ތެރެއިން  ކޮންމެ ވާރިޘަކަށްމެ، މުސްތަޤިއްލު ގޮތުގައި ލިބިގެންވާ ޙައްގެއްކަމަށްވުން

ޑރ. އަފްރާޝީމް ޢަލީގެ ވާރިޘުންގެ ތެރެއިން ބާލިޣުވެ، ބުއްދި ސަލާމަތުންހުރި އެންމެހައި ވާރިޘުން ބޭނުންވަނީ ޑރ. އަފްރާޝީމް ޢަލީ މަރާލި މީހެއްގެ ނުވަތަ ބައެއްގެ ކިބައިން ޤިޞާޞްކަން އެނގެން އޮންނައިރު، ޑރ. އަފްރާޝީމް ޢަލީގެ ވާރިޘުންގެ ތެރޭގައި ބާލިޣުނުވާ ކުޑަކުދިން ތިބިކަމުގައި ވީނަމަވެސް އެ ކުދިންގެ ޙައްޤުގައި ޤިޞާޞްއާމެދު ގޮތެއް ކަނޑައެޅުމަކީ ޑރ. އަފްރާޝީމް ޢަލީގެ ވާރިޘުންގެ ތެރެއިން ބާލިޣުވެ ބުއްދި ސަލާމަތުން ހުރި މީހުންނަށް ކުރެވިދާނެ ކަމެއްތޯ ޤާނޫނުއަސާސީގެ 274 ވަނަ މާއްދާގެ (ހ) ގައި އިސްލާމީ ޝަރީޢަތްކަމަށް އެ ޤާނޫނުގައި ބުނެފައިވާ ގޮތުގެ މައްޗަށް ރިޢާޔަތްކޮށް، މިކަމުގައި އަހްލުއް ސުންނަތި ވަލްޖަމާޢަތުގެ އިސްލާމީ ފިޤުހުގެ ހަތަރު މަޛުހަބު ކަމުގައިވާ ޙަނަފީ މަޛުހަބާއި، މާލިކީ މަޛުހަބާއި، ޝާފިޢީ މަޛުހަބާއި، ޙަންބަލީ މަޛުހަބުގެ ޢިލްމުވެރިން ބުރަވާގޮތުގެ މައްޗަށް ބަލާއިރު، މީގެ ތެރެއިން ޝާފިޢީ މަޛުހަބާއި ޙަންބަލީ މަޛުހަބު ބުރަވެފައިވަނީ، މަރާލެވުނު މީހާގެ ވާރިޘުންގެ ތެރޭގައި ބާލިޣުނުވާ ކުޑަކުއްޖަކު ހުރިނަމަ، އެ ކުއްޖާ ބާލިޣުވެ ތަޞައްރުފު ފުދެންދެން، ޤާޠިލުގެ ކިބައިން ޤިޞާޞްހިފުން ފަސްކުރުމަށް ކަމުގައިވިޔަސް، މަރާލެވުނު މީހާގެ ވާރިޘުންގެ ތެރޭގައި ބާލިޣުވުނާ ކުއްޖަކު ހުރިނަމަވެސް އެ މީހުންގެ ތެރޭގައި ތިބި ބާލިޣުވެ ތަޞައްރުފު ފުދިފައިވާ މީހުން ޤިޞާޞްހިފުމަށް އެދޭ އެދުމާ ގުޅިގެން ޤިޞާޞްހިފުމަށް ޤާޟީ ޙުކުމް ކޮށްފިނަމަ އެ ސަބަބަށްޓަކައި އެ ޙުކުމް ބާޠިލެއް ނުކުރެވޭނެކަމަށް ޝާފިޢީ މަޛުހަބާއި ޙަންބަލީ މަޛުހަބުގެ ފިޤުހުވެރިން ބުރަވެފައިވާކަމާއި، އަދި އިލްއިމާމު އަބޫ ޙަނީފާއާއި، އަލްއިމާމް މާލިކުގެ ރައުޔަކީ، ޤިޞާޞްއަކީ، އަނިޔާވެރި ގޮތުގައި ޤަޞްދުގައި މަރާލެވުނު މީހާގެ ވާރިޘުންގެ ތެރެއިން ކޮންމެ ވާރިޘަކަށްމެ، މުސްތަޤިއްލު ގޮތުގައި ލިބިގެންވާ ޙައްޤެއްކަމަށް ވުމާއި، މަރާލެވުނު މީހާގެ ވާރިޘުންގެ ތެރޭގައި ހިމެނޭ ބާލިޣުވެފައިވާ މީހުން، ޤާޠިލުގެ ކިބައިން ޤިޞާޞްހިފަން ބޭނުންނަމަ، އެ މީހުންގެ ތެރޭގައި ބާލިޣުނުވާ ކުޑަކުއްޖަކު ހުރިކަމުގައި ވިއަސް އޭނާ ބާލިޣުވެ ތަޞައްރަފު ފުދެންދެން ޤާޠިލްގެ ކިބައިން ޤިޞާޞްހިފުން ފަސްކުރަން ނުޖެހުން ކަމަށްވީހިނދު، މިގޮތުގެމަތިން ޙަނަފީ މަޛުހަބާއި މާލިކީ މަޛުހަބުގެ ފިޤުހުގައި އިސްތިޤްރާރުވެފައިވާ މި އުޞޫލާ އެއްގޮތްވާ ގޮތުގެމަތިން ޢަމަލުކުރުން، ޤާނޫނުއަސާސީގެ 274 ވަނަ މާއްދާގެ (ހ) އާ އެއްގޮތްވާކަން.

14-ހައިކޯޓުން ކުރި ޙުކުމް ޤަބޫލުކޮށްފައިވުން

ހައިކޯޓުގެ ނަންބަރު 2014/HC-A/180 ޤަޟިއްޔާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިލްތިމާސްކުރުމަށް ޤާނޫނީގޮތުން ކަނޑައެޅިފައިވާ މުއްދަތު ފަހަނައަޅައި ދިޔައިރުވެސް، ޙުސައިން ހުމާމް އަޙްމަދުގެ ފަރާތުން އެ ޤަޟިއްޔާ އެ ކޯޓުގައި އިލްތިމާސްކޮށްފައި ނުވުމަކީ، ޙުސައިން ހުމާމް އަޙްމަދުގެ ފަރާތުން އެ ޤަޟިއްޔާގެ ޙުކުމް ޤަބޫލުކޮށްފައިވާކަމުގެ މައްޗަށް ދަލީލުކުރާ ހަރުދަނާ ޤަރީނާއެއްކަން ފާހަގަކުރެވިފައިވާކަން.

15-ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ ޚިލާފުކަމަށް ބެލެވޭނެ ތަނެއް ނެތުން

ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ، ކްރިމިނަލް ކޯޓުގެ ނަންބަރު 1158/Cr-C/2012 ޤަޟިއްޔާއިން 16 ޖަނަވަރީ 2014 ގައި ކޮށްފައިވާ ޙުކުމް އިސްތިއުނާފުކުރެވުނު ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/180 ޤަޟިއްޔާއިން، އެ ޤަޟިއްޔާގެ ޙުކުމަށް ތާޢީދުކޮށް، ނިންމާފައި އޮތުމާއެކުވެސް އެ ޤަޟިއްޔާގައި ދަޢުވާ ލިބޭ ޙުސައިން ހުމާމް އަޙްމަދުގެ ފަރާތުން އެ ޤަޟިއްޔާ އިސްތިއުނާފުނުކޮށް އޮވެ، އިސްތިއުނާފުގެ މުއްދަތު ފަހަނައަޅައި ދިއުމަށްފަހު، އެ މައްސަލައަކީ ނިހާއީ ޙުކުމެއްކަން ކަށަވަރުކޮށްދިނުމަށް އެދި، ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅުމާ ގުޅިގެން، ކްރިމިނަލް ކޯޓުގެ ނަންބަރު
1158/Cr-C/2012 ޤަޟިއްޔާގެ ޙުކުމަށް ތާއީދުކޮށް ދިވެހިރާއްޖޭގެ ހައިކޯޓުން ކޮށްފައިވާ ޙުކުމަކީ ނިހާއީ ޙުކުމެއްކަން ކަށަވަރުކުރުމަށްޓަކައި ބެލެވިފައިވާ މައްސަލައަކަށްވާއިރު، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން މި މައްސަލާގައި ކަންހިނގާފައިވާ ގޮތުގެ މައްޗަށާއި މި ބާވަތުގެ މައްސަލަތަކުގައި ޢަމަލުކުރަންޖެހޭ ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މައްޗަށް ވިސްނާ ބެލިއިރު، ކްރިމިނަލް ކޯޓުގެ ނަންބަރު 1158/Cr-C/2012 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމަށް ތާއީދުކޮށް ހައިކޯޓުގެ ނަންބަރު 2014/HC-A/180 ޤަޟިއްޔާއިން ކޮށްފައިވާ ޙުކުމް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ ޚިލާފުކަމަށް ބެލެވޭނެ ތަނެއް ނެތްކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް އިއްތިފާޤު ވެވުނު ހިނދު، މި މައްސަލައަކީ، ޤަޞްދުގައި މީހަކު މެރުމުގެ ކުށް ތަޙްޤީޤުކުރުމުގަ އާއި އެ ކުށުގެ އަދަބު ތަންފީޛުކުރުމުގައި އަމަލުކުރަންވީ ގޮތުގެ ޤަވާޢިދު ނަންބަރު 2014/R-33 (27 އެޕްރީލް 2014) ގައި ކަނޑައެޅި ބަޔާންވެފައިވާ އަޙްކާމްތަކާ އެއްގޮތްވާ ގޮތުގެމަތިން ތަންފީޛުކުރަންޖެހޭ މައްސަލައެއްކަން ފާހަގަކުރެވިފައިވާކަން.

ނިންމުން

އިސްވެ ދިޔަ ސަބަތުތަކާއި ފާހަގަކުރެވުނު ނުކުތާތަކުގެ މައްޗަށް ރިޢާޔަތްކޮށް ބެލިއިރު، ޑރ. އަފްރާޝީމް ޢަލީ ޤަޞްދުގައި މަރާލުމުގެ ކުށް ހ. ލޮބީ / މާލެ ޙުސައިން ހުމާމް އަޙްމަދުގެ މައްޗަށް ސާބިތުވާކަމަށް ކަނޑައަޅައި، އެ ކުށުގެ ޢުޤޫބާތެއްގެ ގޮތުން ޙުސައިން ހުމާމް އަޙްމަދު މެރުމަށް ކްރިމިނަލް ކޯޓުން ޙުކުމް ކޮށްފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތަށްކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ކޮށްފައިވާ ޙުކުމަކީ، ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްވާ ގޮތުގެމަތިން ކޮށްފައިވާ ޙުކުމެއްކަން އެނގެން އޮންނާތީ އެ ޙުކުމަށް ތާއީދުކޮށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި މި މައްސަލާގައި ޙުކުމްކޮށްފައިވެއެވެ.

 

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޤަޟިއްޔާ ވިދާޅުވުމަށް

antalya bayan escort
kadikoy escort
bodrum escort
konya escort
free sex video
ankara escort
sex watch
porn
kartal escort
izmit escort
freehdporn.mobi
porno