ހަވީރުނޫސް އެޖެންސީ އާގުޅޭ ސިވިލް ކޯޓުގެ ނަންބަރު 220/Cv-C/2016 ޤަޟިއްޔާ

މައްސަލައިގެ ތަޢާރަފު

ސިވިލް ކޯޓުގެ ނަންބަރު 220/Cv-C/2016 ޤަޟިއްޔާއަކީ، ހަވީރު ނޫހުގެ މިލްކުވެރިކަމާގުޅޭގޮތުން ބަލާފައިވާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/08 ޤަޟިއްޔާގައި، ހަވީރު ނޫހުގެ މިލްކުވެރި ފަރާތަކީ، ދައުވާކުރާ ދެފަރާތް ކަމަށްވާ އިބްރާހީމް ރަޝީދު މޫސާ އާއި ޢަބްދުﷲ ފާރޫޤް ޙަސަންއާއި، ދަޢުވާރައްދުވާ މުޙައްމަދު ޒާހިރު ޙުސައިންގެ އިތުރުން، މުޙައްމަދު ނަޢީމް ކަމަށް ކަނޑައަޅައި، އަދި އެފަރާތްތަކުގެ މެދުގައި މިލްކުވެރިކަން ބެހިގެންވަނީ ހަމަހަމަކަމާއެކު ކަމަށާއި، އަދި ފައިދާގެ ތެރެއިން ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެމަތިން ދަޢުވާކުރާފަރާތްތަކަށް ލިބިގެންވާ މިންވަރު ކަނޑައަޅައި، އެމިންވަރު ނަގައިދިނުމަށާއި، ހަވީރު ނޫސް އެޖެންސީ ހިންގުމުގައި، ދައުވާ ހުށަހަޅާ ފަރާތްތަކަށް ލިބިފައިވާ ޙިއްޞާގެ ނިސްބަތުން ތަމްސީލް ކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ކަމާބެހޭ ދަށުކޯޓަށް ހުށަހެޅިދާނެކަމަށް ކަނޑައަޅައި ޙުކުމްކޮށްފައިވާތީ، އެ ޙުކުމް ތަންފީޛު ކުރުމަށްޓަކައި ދަޢުވާކުރާފަރާތްތަކުން އެ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅުމުން ބެލުނު މައްސަލައެކެވެ.

މި މައްސަލަ ރައްދުވާ ފަރާތަކީ ހ. ނީލްވިލާ / މާލެ މުޙައްމަދު ޒާހިރު ޙުސައިން އެވެ.

މި މައްސަލައާގުޅިގެން ސިވިލް ކޯޓުން ނެރުނު ކޯޓު އަމުރު

ހަވީރު ނޫހާގުޅޭގޮތުން ސިވިލް ކޯޓުގެ ނަންބަރު: 220/Cv-C/2016 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމާބެހޭގޮތުން މިނިސްޓްރީ އޮފް ހޯމްއެފެއާޒް ހިންގެވުމާ ޙަވާލުވެ ހުންނެވި ދައުލަތުގެ ބަންޑާރަ ނައިބު އަލްއުސްތާޛު މުޙައްމަދު އަނިލް ވިދާޅުވެފައިވާކަމަށް މީޑިއާގައި ލިޔެވެމުންދާ " "ހަވީރު" ގެ ކުރީގެ މުވައްޒަފުން އެހެން މީޑިއާއެއްގައި މަސައްކަތްކުރިނަމަވެސް މިހާރުގެ ޤާނޫނުއަސާސީއާއި، ޤާނޫނުތަކުގެ ތެރެއިން އެއްވެސް މުވައްޒަފަކާމެދު އެޅިދާނެ އަދި އެޅޭނެ ފިޔަވަޅެއް ނެތްކަމަށް" އޮތް އެވާހަކައަކީ ބާޠިލު  އަދި އެމައްޗަށް ޢަމަލު ނުކުރެވޭނެ ޣައިރު ޤާނޫނީ ވާހަކައެއްކަމަށް، 04 ޖުލައި 2016 ވަނަ ދުވަހު ނެރެފައިވާ ސިވިލް ކޯޓުގެ ކޯޓު އަމުރުގައި ވަނީ ކަނޑައަޅާފައެވެ.

ކޯޓުގެ ޙުކުމަކީ އެންމެން އެއަށް ތަބާވުން ލާޒިމު އެއްޗެއް

ސަބަބަކީ، ޤާނޫނު ނަންބަރު: 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކާބެހޭ ޤާނޫނު) ގެ 77 ވަނަ މާއްދާގައި "ކޯޓަކުން ނިންމާ ނިންމުމަކަށް ޢަމަލުކުރުން ފަސްކުރުމަށް އެ ކޯޓަކުން ނުވަތަ އެ މައްސަލައެއް އިސްތިޢުނާފުކުރާ ކޯޓަކުން ނާންގާހާ ހިނދަކު، ކޮންމެ ކޯޓެއްގެ ނިންމުމަކީ ވެރިކަން ހިންގާފަރާތުންނާއި، ރައްޔިތުންގެ މަޖިލީހުންނާއި، ޢަދުލު އިންޞާފު ޤާއިމުކުރުމުގެ ބާރުންނާއި، މުސްތަޤިއްލު މަޤާމުތަކުގައި ތިބިމީހުންނާއި، ދައުލަތުގެ މުއައްސަސާތަކުންނާއި، ދައުލަތުގެ މަޤާމުތަކާ ޙަވާލުވެތިބި މީހުންނާއި، ސިފައިންނާއި ފުލުހުންގެ މައްޗަށް އެކުލެވިގެންވާ ސަލާމަތީ ޚިދުމަތްތަކުންނާއި، އެންމެހައި ރައްޔިތުން އެމައްޗަށް ތަބާވުން ލާޒިމު ނިންމުމެކެވެ." މިގޮތަށް ޤާނޫނީ ނައްޞުން ބަޔާންކޮށްފައި އޮތުމުން، ސިވިލް ކޯޓުގެ ނަންބަރު 220/Cv-C/2016 ޤަޟިއްޔާގެ ޙުކުމަށް އެ ކޯޓުން ނުވަތަ މަތީ މަރުޙަލާގެ ކޯޓަކުން ބަދަލުގެނެސް އެނޫންގޮތަކަށް ކަނޑަނާޅާހާ ހިނދަކު، އެ ޙުކުމާ އެއްގޮތަށް ޙުކުމް ރައްދުވާފަރާތްތަކުންނާއި، ދައުލަތުގެ އެންމެހައި ވުޒާރާތަކާއި މުއައްސަސާތަކާއި އަދި ދައުލަތުގެ ކަންކަމާ ޙަވާލުވެތިބި އެންމެހައި ފަރާތްތަކުން އެމައްޗަށް ޢަމަލުކޮށް ކިޔަމަންގަންނަންޖެހޭ ޙުކުމަކަށް އެ ޙުކުމް ވާތީއެވެ.

މި މައްސަލަ ސިވިލް ކޯޓުގައި ހިންގުން

ހައިކޯޓުގެ ނަންބަރު 2015/HC-A/08 ޤަޟިއްޔާގައި، މި މައްސަލަ ކަމާގުޅޭ ދަށު ކޯޓަށް ހުށަހަޅައިގެން ކުރިއަށް ގެންދެވިދާނެކަމަށް ޙުކުމްކޮށްފައިވާތީ، މި މައްސަލަ ސިވިލް ކޯޓަށް ހުށަހެޅުމުން، ސިވިލް ކޯޓުގައި މި މައްސަލަ ހިންގިއިރު، ސިވިލް ކޯޓުގެ ޝަރީޢަތުގެ މަޖީހަށް ފާހަގަކުރެވުނު މައިގަނޑު އެތައް ނުކުތާއެއް އެކޯޓުން ވަނީ ފާހަގަކޮށްފައެވެ.

1-     ހަވީރު ނޫހުގެ މިލްކުވެރިކަމާއި ފައިދާގެ މިންވަރު

ހަވީރު ނޫހުގެ މިލްކުވެރިކަމާގުޅޭގޮތުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/08 ޤަޟިއްޔާގައި، ހަވީރު ނޫހުގެ މިލްކުވެރި ފަރާތްތަކަކީ ދަޢުވާކުރާ ދެފަރާތްކަމަށްވާ އިބްރާހީމް ރަޝީދު މޫސާ އާއި ޢަބްދުﷲ ފާރޫޤް ޙަސަންއާއި، ދަޢުވާ ރައްދުވާ މުޙައްމަދު ޒާހިރު ޙުސައިންގެ އިތުރުން، މުޙައްމަދު ނަޢީމް ކަމަށް ކަނޑައަޅާފައި ވެއެވެ. އަދި މިފަރާތްތަކުގެ މައްޗަށް މިލްކުވެރިކަން ބެހިގެންވަނީ، ހަމަހަމައަށް ކަމަށާއި، އަދި، އެއްބަސްވުމުގެ ދަށުން ހިންގަމުންދިޔަ ހަވީރު ނޫސް އެޖެންސީއާއި، އެތަނުގެ ފައިސާއާއި، މިލްކުގައިވާ ތަންތަނާއި، ތަކެތިން ލިބިފައިވާ ޖުމްލަ ޢާއްމުދަނީން ޚަރަދު ކަނޑައި، ލިބިފައިވާ ފައިދާގެ ތެރެއިން ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެމަތިން ދަޢުވާކުރާ ފަރާތްތަކަށް ލިބެންވާ މިންވަރާއި ޢަދަދު ކަނޑައެޅުމަށް ޓަކައި ކަމާބެހޭ ދަށުކޯޓަށް މައްސަލަ ހުށަހެޅުމު ޙައްޤު ލިބިގެންވާކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/08 ޤަޟިއްޔާއިން ކަނޑައަޅާފައިވާތީ، އެކަންކަމަށް އެދި، މި މައްސަލައިގައި ދަޢުވާކުރާފަރާތްތަކުން ސިވިލް ކޯޓަށް މައްސަލަ ހުށަހަޅާފައިވެއެވެ.

މި މައްސަލައިގެ ތެރެއަށް މ. ވެލިދޫގެ (ހ.ޓައިމްލެސް) މުޙައްމަދު ނަޢީމު ތަދައްޚުލުވެފައިވާއިރު، ހަވީރު މީޑިއާ ގްރޫޕް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ތަދައްޚުލުވުމަށްފަހު، އެ ތަދައްޚުލުވުން 08 ޖޫން 2016 ގައި ދޫކޮށްލިކަން އެންގުމުން، ޝަރީޢަތުގެ ފަރާތުން 2016 ޖޫން 14 ވަނަ ދުވަހު ހަވީރު މީޑިއާ ގްރޫޕް ޕްރައިވެޓް ލިމިޓެޑް މި މައްސަލައިގެ ތެރެއަށް ތަދައްޚުލުކުރެވިފައި ވެއެވެ.

2-     ދަޢުވާރައްދުވާފަރާތް

މި މައްސަލައިގައި ދަޢުވާ ލިބޭ މުޙައްމަދު ޒާހިރު ޙުސައިންގެ ފަރާތުން ވަނީ ދަޢުވާއަށް އިންކާރުކޮށްފައެވެ. އަދި މި މައްސަލަ 2013 ގައި ޝަރީޢަތަށް ހުށަހެޅުމުގެ ކުރިން ހަވީރު ނޫހުގެ މިލްކުވެރިކަން ހަވީރު މީޑިއާ ގްރޫޕް ޕްރައިވެޓް ލިމިޓެޑްގެ ނަމަށް ބަދަލުކޮށްފައިވާކަމަށް ބުނެފައިވެއެވެ.

3-     ޝަރީޢަތުގެ މަޖިލީހަށް ފާހަގަކުރެވުނު ކަންތައްތައް

މި މައްސަލައިގައި ކަންހިނގާފައިވާ ގޮތަށާއި، ދެފަރާތުން ދައްކާފައިވާ ވާހަކަތަކަށާއި، ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅިފައިވާ ލިޔުންތަކަށާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި އިސްލާމީ ޝަރީޢަތުގެ ކަމާބެހޭ އުޞޫލުތަކުގެ މައްޗަށާއި، ދިވެހިރާއްޖޭގެ ޝަރުޢީ އަދި މާލީ ނިޒާމުގެ ތެރޭގައި އިސްތިޤްރާރުވެ ޢަމަލުކުރެވެމުންދާ އުޞޫލުތަކުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެމަތިން ނަޒަރު ކުރާއިރު އަންނަނިވި ކަންކަން ފާހަގަ ކުރެވެއެވެ.

(ހ) އެ މައްޗަށް ޢަމަލުކުރެވޭ އެއްބަސްވުމެއް އޮތްކަން ކަނޑައެޅި ނިޔާގެ ބާރު ލިބިފައިވާ ނިހާއީ ޙުކުމެއް އޮތުން

ހަވީރު ނޫސް އެޖެންސީ އުފެއްދުމަށް ފައުންޑަރ މެންބަރުން 31 މާޗް 1983 ގައި ސޮއިކޮށްފައިވާ އެއްބަސްވުމަކީ، ދަޢުވާކުރާ ފަރާތާއި ދަޢުވާލިބޭ ފަރާތުގެ ރުހުމާއި ޤަބޫލުގައި އަމިއްލަ އިޚްތިޔާރުގައި ވެފައިވާ އެއްބަސްވުމެއް ކަމާއި، އެ އެއްބަސްވުން އުވާލެވި ނުވަތަ ނިމުމަކަށް ގެނެސްފައިވާކަން އެނގެން ނެތުމުން އެއެއްބަސްވުމަކީ މިހާރުވެސް ވުޖޫދުގައި އޮތް އެއްބަސްވުމެއްކަން ޝަރުޢީ އަދި ޤާނޫނީ ހަމަތަކުން އެނގޭއިރު، އެއެއްބަސްވުމާ އެއްގޮތަށް މުޙައްމަދު ޒާހިރު ޙުސައިންގެ ފަރާތުން ޢަމަލުކޮށްފައިނުވާކަން އެފަރާތުގެ ބަހުންނާއި ހުށަހެޅިފައިވާ ހެކިތަކުން އެނގެން އޮތުމުން، އެއެއްބަސްވުމުގެ ދަށުން އުފައްދާފައިވާ ހަވީރުނޫސް އެޖެންސީއާއި، އެއެޖެންސީގެ ދަށަށް ބަދަލުކުރެވި، އެއެޖެންސީން ހިންގަމުން ދިޔަ ތަންތަނާއި ތަކެތީގެ މިލްކުވެރި ފަރާތްތަކަކީ، އިބްރާހީމް ރަޝީދު މުސާއާއި، ޢަބްދުﷲ ފާރޫޤު ޙަސަނާއި، މުޙައްމަދު ޒާހިރު ޙުސައިނާއި، މުޙައްމަދު ނަޢީމް ކަމަށާއި، އަދި ހަވީރު ނޫސް އެޖެންސީގެ ފައުންޑަރ މެންބަރުން ކަމުގައިވާ އިބްރާހީމް ރަޝީދު މުސާއާއި، ޢަބްދުﷲ ފާރޫޤު ޙަސަނާ ދެމީހުން ކުރެ ކޮންމެ މީހަކަށް "ހަވީރު" ނޫސް އެޖެންސީއާއި، އެތާނގެ މިލްކުގައިވާ ހުރިހާ ފައިސާއަކާއި، މުދަލުގެ %25 (ފަންސަވީސް އިންސައްތަ) ޙިއްޞާ ލިބިގެންވާކަމަށާއި، އެއްބަސްވުމުގެ ދަށުން ހިންގަމުންދިޔަ ހަވީރުނޫސް އެޖެންސީއާއި އެތަނުގެ ފައިސާއާއި މިލްކުގައިވާ ތަންތަނާއި ތަކެތިން ލިބިފައިވާ ޖުމްލަ އާމްދަނީން ޚަރަދު ކަނޑައި، ލިބިފައިވާ ފައިދާގެ ތެރެއިން ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެމަތިން އިބްރާހީމް ރަޝީދު މޫސާއާއި ޢަބްދުﷲ ފާރޫޤު ޙަސަނަށް ލިބެންވާ މިންވަރާއި ޢަދަދު ކަނޑައެޅުމަށްޓަކައި، ކަމާބެހޭ ދަށު ކޯޓަށް މައްސަލަ ހުށަހެޅުމުގެ ޙައްޤު އެ ފަރާތްތަކަށް ލިބިގެންވާކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/08 ޤަޟިއްޔާ ބެއްލެވި ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅާފައި އޮންނަކަމާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/08 ޤަޟިއްޔާގެ ޙުކުމަކީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު: 2016/SC-L-J/23 ނިންމެވުމާ ގުޅިގެން ކަނޑައެޅި ނިޔާގެ ބާރު ލިބިފައިވާ ނިހާއީ ޙުކުމެއްކަން އެނގެން އޮތްކަން.

(ށ) ހަވީރު ނޫސް އެޖެންސީގެ ދަށުން ފުޅާކުރެވުނު ވިޔަފާރިތަކަކީ އެއްބަސްވުމުގެ ދަށުން ހިމެނޭ ވިޔަފާރިތަކަކަށްވުން

1983 ވަނަ އަހަރުގެ މާރޗް 31 ވަނަ ދުވަހު، އިބްރާހީމް ރަޝީދު މޫސާއާއި، ޢަބްދުﷲ ފާރޫޤް ޙަސަނާއި، މުޙައްމަދު ޒާހިރު ޙުސައިނާއި، މުހައްމަދު ނަޢީމް އާ ހަތަރު މީހުންގެ އަމިއްލަ ރުހުމާއި އިޚްތިޔާރުގައި ސޮއިކުރި، ހަވީރު ނޫސް އެޖެންސީ އުފެއްދުމަށް ފައުންޑަރުން އެއްބަސްވި އެއްބަސްވުމުގެ ދަށުން، ދުވަހު ނޫސް ހަވީރު އާއި "ހަވީރުގެ ޗާޕް ޚާނާ" އާއި، އެ ވިޔަފާރިތައް ފުޅާކޮށްގެން ފަހުން އުފައްދާފައިވާ ވިޔަފާރިތަކަކީ އެ އެއްބަސްވުމުގެ ދަށުން އުފެއްދި ހަވީރު ނޫސް އެޖެންސީގެ މިލްކިއްޔާތު ކަމާއި، އެ ވިޔަފާރިތަކުގެ ޙިއްޞާދާރުންނަކީ އިބްރާހީމް ރަޝީދު މުސާއާއި، ޢަބްދުﷲ ފާރޫޤް ޙަސަނާއި، މުޙައްމަދު ޒާހިރު ޙުސައިނާއި، މުޙައްމަދު ނަޢީމް އާ ހަތަރު މީހުންކަން ޝަރުޢީ އަދި ޤާނޫނީ ހަމަތަކުމަތިން އެނގެން އޮންނަކަން.

(ނ) ޙާލަތު ނުވަތަ ސްޓޭޓް އޮފް އެފެއަރޒް ބަދަލުކުރުމަށް ފައުންޑަރުން ނިންމި މިންމުމެއް ނެތުން

01 އޭޕްރިލް 1983 އިން ފެށިގެން ދުވަހު ނޫސް ހަވީރު ނެރެމުން އައީ، އަދި ހަވީރުގެ ޗާޕްޚާނާ ހިންގަމުން އައީ "ހަވީރު ނޫސް އޭޖެންސީ" ފަރާތުން، އެ އޭޖެންސީގެ ވިޔަފާރިއެއްގެ ގޮތުގައި ކަމަށް ވާއިރު، މިކަން ނުވަތަ މިޙާލަތު ނުވަތަ މި "ސްޓޭޓް އޮފް އެފެއަރޒް" ބަދަލުކުރުމަށް ފައުންޑަރުން ނިންމި އެއްވެސް ނިންމުމެއް ނެތްކަމާއި، ހަވީރުގެ ނަމާއި އިންވެސްޓްމަންޓް ބޭނުން ކޮށްގެން، މުޅީން އައު ޝަޚްޞުތަކެއް އުފައްދައިގެން، އޭގެ ތެރެއަށް އާ ބައިތައް އިތުރު ކޮށްގެން، ދުވަހު ނޫސް ހަވީރު އަދި ހަވީރުގެ ޗާޕްޚާނާ "ހަވީރު ނޫސް އޭޖެންސީ" ފިޔަވައި އެހެން ކަޔާނެއް ނުވަތަ ޝަޚްޞުތަކެއްގެ ދަށަށް ގެނައުންފަދަ އެއްވެސް ޢަމަލެއް މުޙައްމަދު ޒާހިރު ޙުސައިން ކޮށްފައިވާނަމަ އެކަމަކީ ފައުންޑަރުންގެ މެދުގައި ވެވުނު އެއްބަސްވުމާ ޚިލާފަށް މުޙައްމަދު ޒާހިރު ޙުސައިން ކޮށްފައިވާ ކަމެއްކަމާއި، އެފަދަ ކަމެއް ވާނީ ބާޠިލު ކަމަކަށްކަމުން، އޭގެ ސަބަބުން އިބްރާހީމް ރަޝީދު މޫސާއާއި، ޢަބްދުﷲ ފާރޫޤް ޙަސަނާއި، މުޙައްމަދު ނަޢީމްގެ ޝަރުޢީ އަދި ޤާނޫނީ ޙައްޤު ނަފީވެގެން ނުދާނެކަން ޝަރުޢީ ހަމަތަކުގެމަތިން އެނގެން އޮތްކަން.

(ރ) މިލްކުވެރިފަރާތްކަކީ ކޮބައިކަން ދިވެހިރާއްޖޭގެ ހައިކޯޓުން މި މައްސަލައާގުޅިގެން ކުރި ޙުކުމުގައި ކަނޑައަޅާފައި އޮތުން

ހަވީރު ނޫހާއި "ހަވީރު އޮންލައިން" އަކީ މި މައްސަލައަށް ތަދައްޚުލުވި ހަވީރު މީޑިއާ ގްރޫޕް ޕްރައިވެޓް ލިމިޓެޑްގެ މިލްކެއް ކަމަށް އެ ކުންފުނިން ފާހަގަކުރެއްވި ކަމުގައި ވިޔަސް، ހަވީރު ނޫސް އެޖެންސީ އާއި، އެ އެޖެންސީއަށް ނިސްބަތްވާ އެންމެހައި ވިޔަފާރި ތަކަކީ ހަވީރު ނޫސް އެޖެންސީ އުފެއްދުމަށް ފައުންޑަރުން އެއްބަސްވި އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އިބްރާހީމް ރަޝީދު މުސާއާއި ޢަބްދުﷲ ފާރޫޤް ޙަސަނާއި، މުޙައްމަދު ޒާހިރު ޙުސައިނާއި، މުޙައްމަދު ނަޢީމް، މިލްކުވެރިކަމުގައި ހަމަހަމައަށް ޙިއްޞާވާ ވިޔަފާރިތަކެއްކަމާއި، އަދި އެ ވިޔަފާރިތައް ހިނގަމުންދިޔަ/ދާ ތަންތަނާއި ތަކެއްޗާއި މުވައްޒަފުންނާއި މިނޫންވެސް އެހެންވެސް އެންމެހައި ވަޞީލަތްތަކަކީ އިބްރާހީމް ރަޝީދު މޫސާއާއި، ޢަބްދުﷲ ފާރޫޤް ޙަސަނާއި، މުޙައްމަދު ޒާހިރު ޙުސައިނާއި، މުޙައްމަދު ނަޢީމުގެ މިލްކެއްކަން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/08 ޤަޟިއްޔާގައި ކަނޑައަޅާފައި އޮތްކަން.

(ބ) މައްސަލަ ޝަރީޢަތުގައި ހިނގަމުން ދަނިކޮށް މިލްކުވެރިކަން ބަދަލުކޮށްފައިވާކަން އެނގެންއޮތުން

ހަވީރު ނޫހާއި ހަވީރު އޮންލައިނާއި ހަވީރުގެ މިލްކިއްޔާތުގައި ހިމެނޭ އެންމެހައި ތަކެއްޗާއި މުދަލާއި އެންމެހައި މުވައްޒަފުން، ހަވީރު މީޑިއާ ގްރޫޕް ޕްރައިވެޓް ލިމިޓެޑަށް ބަދަލުކޮށް، ނަޤުލުކޮށްފައިވަނީ ހަވީރު ނޫހުގެ މިލްކުވެރިކަމާމެދު ދަޢުވާކޮށް، ހަވީރު ޑީ ފެކްޓޯކޮށް ހިންގަމުންދިޔަ ހަވީރު ނޫސް އެޖެންސީގެ އެއް ފައުންޑަރ މުޙައްމަދު ޒާހިރު ޙުސައިންގެ މައްޗަށް ދަޢުވާކޮށް ހަވީރު ނޫސް އެޖެންސީގެ ދެ ފައުންޑަރުން ކަމުގައިވާ އިބްރާހީމް ރަޝީދު މޫސާއާއި ޢަބްދުﷲ ފާރޫޤް ޙަސަން 02 މެއި 2013 ގައި ސިވިލް ކޯޓަށް ހުށަހެޅި އެކޯޓުގެ ނަންބަރު 899/Cv-C/2013 ޤަޟިއްޔާ ބެލެވެނިކޮށްކަން، ހަވީރު މީޑިއާ ގްރޫޕް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ޝަރީޢަތުގައި ދައްކާފައިވާ ވާހަކަތަކުންނާއި ހަވީރު ނޫހާއި ހަވީރު އޮންލައިނަށް ހަދައިދީފައިވާ ރަޖިސްޓްރީންނާއި ހަވީރު މީޑިއާ ގްރޫޕް ޕްރައިވެޓް ލިމިޓެޑް އޮޑިޓް ރިޕޯޓް (އޮޑިޓަރސް ރިޕޯޓް އެންޑް ފައިނޭންޝިއަލް ސްޓޭޓްމަންޓް، ސެވެން މަންތްސް އެންޑް އެއިޓީން ޑޭސް ޕީރިއަޑް އެންޑެޑް، 31 ޑިސެމްބަރ 2013) އިން އެނގެން އޮތްކަމާއި، ފައިސާ ދައްކަންޖެހޭ ފަރާތުގެ މުދަލެއް އެހެން ފަރާތަކަށް ކުއްޔަށްދީ، ނުވަތަ ހިބަކޮށްދީ، ނުވަތަ ވިއްކާ، ނުވަތަ ވަޞިއްޔަތްކޮށް، ނުވަތަ ރަހުނުކޮށްފައިވަނީ ދަރަނި ސާބިތުވިފަހުން ކަމަށްވާނަމަ ނުވަތަ ދަރަނީގެ މައްސަލަ ކޯޓުގައި ހިނގަމުންދަނިކޮށް ކަމަށްވާނަމަ ނުވަތަ ކޯޓަށް މައްސަލަ ހުށަހެޅުމުގެ 06 (ހައެއް) މަސްދުވަސް ކުރިން ކަމުގައިވާނަމަ، އެ މުޢާމަލާތެއް ބާޠިލުކުރުމަކީ ރަހުނެއް ނުހިމެނޭ ސާބިތު ދަރަނީގެ މުޢާމަލާތްތަކުގައި ޢަމަލުކުރަންވީ ގޮތުގެ ޤަވާޢިދުގެ 9 ވަނަ މާއްދާގެ (ރ) ގައި އިސްތިޤްރާރުވެފައިވާ އުޞޫލެއްކަމާއި، މި އުޞޫލަކީ ހުށަހެޅިފައިވާ މައްސަލައިގެ ސަބަބާއި ވާޤިޢާތަކަށް ރިޢާޔަތްކޮށް، މި މައްސަލައިގައިވެސް ތަޠްބީޤު ކުރަންޖެހޭ އުޞޫލެއްކަން ޤާނޫނީ އަދި ޝަރުޢީ ހަމަތަކުގެ މަތިން އެނގެންއޮންނަކަން.

(ޅ) ޙައްޤެއް ނިގުޅައިގަތްފަހުން ދިގު މުއްދަތެއް ނުވަތަ ޒަމާންތަކެއް ފާއިތުވުމަކީ އެކަން ޙުއްދަ ވާނެ ސަބަބަކަށް ނުވުން

ހަވީރުގެ ވިޔަފާރި ތަރައްޤީކޮށް، ފުޅާކުރުމުގެ ގޮތުން މުޙައްމަދު ޒާހިރު ޙުސައިން ނުވަތަ ހަވީރު މީޑިއާ ގްރޫޕް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ކިތަންމެ މަސައްކަތެއް ކޮށްފައިވީނަމަވެސް، އޭގެ ސަބަބުން އިބްރާހީމް ރަޝީދު މުސާއާއި، ޢަބްދުﷲ ފާރޫޤް ޙަސަނާއި، މުޙައްމަދު ނަޢީމްގެ ޝަރުޢީ އަދި ޤާނޫނީ ޙައްޤު ނަފީވެގެން ނުދާނެކަމާއި، އެކަން އިސްލާމީ ފިޤްހުގެ ޤާއިދާތަކުގައި ކަނޑައެޅި ބަޔާންވެގެން ވާކަމާއި، ބާޠިލު ގޮތުގައި ޙައްޤު ނިގުޅައިގަނެ، އެ ނިގުޅައިގަތުމުގެ ތެރެއިން އިތުރުކުރާ އެއްވެސް އިތުރުކުރުމެއް ޞައްޙަ ނުވާނޭކަމަށް މިފަދަ ޤާޢިދާތަކުގައި ކަނޑައެޅިބަޔާންވެގެން ވާކަމާއި، ޙައްޤު ނިގުޅައިގަނެގެން ގެއްލުން ދިންތާ ދިގު މުއްދަތެއް ނުވަތަ ޒަމާންތަކެއް ފާއިތުވުމަކީ އެކަން ހުއްދަވާނެ ސަބަބެއް ނޫންކަމާއި، އަދި އެ ގެއްލުން ޖެހޭނީ ދުރުކޮށް ފިލުވާލަންކަން އެނގެންއޮންނަކަމާއި، މިގޮތުން އިބްރާހީމް ރަޝީދު މޫސާއާއި، ޢަބްދުﷲ ފާރޫޤް ޙަސަނާއި، މުޙައްމަދު ނަޢީމްގެ ގެއްލިފައިވާ ޙައްޤުތައް އަނބުރާ ރުޖޫޢަކުރުމަކީ ޤާނޫނީ އަދި ޝަރުޢީ ހަމަތަކުގެ މަތިން ލާޒިމުވެގެންވާ ކަމެއްކަން އެނގެން އޮންނަކަން.

(ކ) ކުރާ މަސައްކަތުގެ ޒާތަށާއި، ބާވަތަށާއި، އޭގައި ހިމެނޭ މަޞްލަޙަތުތަކަށް ބަލައި ވަކި ބާވަތެއްގެ މަސައްކަތެއް ކުރުން ވަކި މުއްދަތަކަށް މަނާކުރުމަކީ ޝަރީޢަތުން ފިޔަވަޅުއަޅަންޖެހޭ ގޮތުގައި އޮތްކަމެއްކަން އެނގެންއޮތުން

ހަވީރު އަށް ނިސްބަތްވާ ވިޔަފާރިތަކުގެ މުވައްޒަފުންނަށް، ހަވީރުގެ ވަރަށްގިނަ ވިޔަފާރީގެ ސިއްރުތައް އެނގޭނޭކަމާއި، މި ދެންނެވި ސިއްރުތަކުގެ ތެރޭގައި، ހަވީރުގެ ވިޔަފާރި ޕާޓްނަރުންނާއި، ސްޕޮންސަރުންނާއި، ސަޕްލަޔަރުންނާއި، މުހިއްމު ކަސްޓަމަރުންފަދަ ފަރާތްތަކުގެ މަޢުލޫމާތާއި، އެ ފަރާތްތަކާ ކޮށްފައިވާ ކޮންޓްރެކްޓްތަކާއި، ހަވީރުނޫހުގެ އާރކައިވާއި، ހަވީރުނޫހުގެ އޮންލައިން އެޑިޝަނުގެ ވެބްސައިޓްގެ ސޮފްޓްވެއަރ ސިސްޓަމާ ބެހޭ ހުރިހާ މަޢުލޫމާތުތައް ހިމެނޭކަމާއި، މިގޮތުން ހަވީރުގެ ވިޔަފާރި ސިއްރުތަކާއިގެން، ހަވީރުގެ މުވައްޒަފުން ތަނުން ވަކިވެގެން ހިނގައްޖެނަމަ އެކަމަކީ ހަވީރުގެ ވިޔަފާރީގެ ސިއްރުތައް މިސްއެޕްރޮޕްރިއޭޓްކޮށް، ހަވީރުގެ ހުރިހާ ޙައްޤެއް ގެއްލިގެން ހިނގައިދާނެ ގޮތަށް، "އަންފެއަރ ޓްރޭޑް ޕްރެކްޓިސަސް" ގެ ގޮތުގައި ބޭނުން ކުރުމަށް ދެވޭ ފުރުޞަތެއްކަމާއި، ހަވީރުގެ މުވައްޒަފުންނަކީ ހަވީރުގެ ވިޔަފާރިތަކުގެ މުވައްޒަފުންކަމާއި، ޑީ ފެކްޓޯކޮށް، ހަވީރުގެ ތިން ޙިއްޞާދާރެއްގެ އެއްވެސް ބަހެއް ނެތި ހަވީރުގެ ވިޔަފާރިތައް ހިންގަމުން އައި ފަރާތުން، އެ މުވައްޒަފުންގެ ކޮންޓްރެކްޓުގައި "އެމްޕްލޯޔަރ" އެއްގެ ގޮތުގައި ނަން ލިޔެފައި އޮތަސް، ޤާނޫނީ އަދި ޝަރުޢީ ހަމަތަކުން ބަލާއިރު މި މުވައްޒަފުންނަކީ ހަވީރުގެ މުވައްޒަފުންކަމާއި، ހަވީރުގެ މުވައްޒަފުންގެ ތެރޭގައި ހަވީރުގެ ފަރާތުން ގިނަ ޢަދަދެއްގެ ފައިސާ ޚަރަދުކޮށްގެން ތަޢުލީމާއި ތަމްރީނު ހޯދައިދިން މުވައްޒަފުން ހިމެނޭކަމާއި އޭގެ ތެރޭގައި ހަވީރަށް ޚިދުމަތްކުރުމަށް ކޮންޓްރެކްޓްކޮށް، ބޮންޑު ކުރެވިފައި ތިބި މުވައްޒަފުންނާއި، އެ މުވައްޒަފުންނަކީ ކޮބައިކަމާއި މިފަދަ އެއްވެސް މަޢުލޫމާތެއް މިހައިތަނަކަށް ހަވީރު އެޖެންސީގެ ފައުންޑަރުންގެ ތެރެއިން އިބްރާހީމް ރަޝީދު މޫސާއާއި، ޢަބްދުﷲ ފާރޫޤް ޙަސަނާއި، މުޙައްމަދު ނައީމަށް އެނގިފައިނުވާކަމާއި، ނޫހެއްގެ އެންމެ މުހިއްމު ރައުސުލްމާލަކީ ޚަބަރު ލިބޭ މަޞްދަރުތަކާއި، އެ މަޞްދަރުތަކާއި ނޫހުގައި ވަޒީފާ އަދާކުރާ ނޫސްވެރިންނާ އޮންނަ ގުޅުމާއި އިތުބާރު ކަމަށް ވީހިނދު، އެ އިތުބާރާއި ގުޅުމަކީ ހަވީރުނޫހުގެ ވިޔަފާރީގެ މަޞްލަޙަތާއި ގުޅިފައިވާ ވަޞީލަތެއްކަމާއި، ޓްރެވަލް އެޖެންސީފަދަ އެޖެންސީތަކުގައި ޚިދުމަތްކުރާ މުވައްޒަފުން އޭނާ ވަޒީފާ އަދާކުރާ އެޖެންސީން ވަކިވެގެންދާއިރު، އޭނާ ވަޒީފާ އަދާކުރި އެޖެންސީގެ ވިޔަފާރި ޙިމާޔަތްކުރުމުގެ ގޮތުން އެފަދަ އެހެން އެޖެންސީއެއް އުފެއްދުމާއި، ވަޒީފާ އަދާކުރުން ވަކިމުއްދަތަކަށް ހިފެހެއްޓުމުގެ ފިޔަވަޅު އެޅިފައި ހުންނަކަމާއި، އަދި އެހެންމެ ދައުލަތުގެ ވަކި ވަޒީފާތަކެއް އަދާކުރާ ފަރާތްތަކަށް، ވަކި ބާވަތެއްގެ މަސައްކަތެއް ކުރުން ވަކި މުއްދަތަކަށް މަނާކުރެވިފައި ހުންނަކަމާއި، މިގޮތަށް ހިފެހެއްޓި، މަނާކުރެވިފައި ހުންނަނީ ކުރާ މަސައްކަތުގެ ޒާތަށާއި، ބާވަތަށާއި، އޭގައި ހިމެނޭ މަޞްލަހަތުތަކާއި، އެ މަޞްލަޙަތުތައް ޙިމާޔަތް ނުކޮށްފިނަމަ ލިބިދާނެ އެއްލުމަށް ރިޢާޔަތްކުރެވިގެންކަން އެނގެން އޮންނަކަން.

ނިންމުން

ބަޔާންވެދިޔަ ކަންތައްތައް އެގޮތުގައި ހުރުމުން، ހަވީރު ނޫސް އެޖެންސީގެ ޙިއްޞާދާރުންގެ މެޖޯރިޓީން ކަނޑައަޅާ ގޮތެއްގެ މައްޗަށް ހަވީރު ނޫހާއި ހަވީރު އޮންލައިނާއި ޗާޕްޚާނާ އާއި ހަވީރުއަށް ނިސްބަތްވާ ވިޔަފާރިތައް ކުރިއަށް ގެންދިއުމަށާއި، އަދި ހަވީރާއި ހަވީރަށް ނިސްބަތްވާ ވިޔަފާރިތައް އޮޑިޓްކޮށް، އެ އޮޑިޓްގެ މައްޗަށް ބަލައި ހަވީރު ނޫސް އެޖެންސީގެ 04 (ހަތަރެއް) ފައުންޑަރުންގެ ތެރެއިން 03 (ތިނެއް) ޙިއްޞާދާރުންގެ ޙައްޤުތައް ގެއްލިފައިވާނަމަ، އެ ޙިއްޞާދާރުންގެ ޙައްޤުތައް އަދާކުރުމަށް އަންގައި އަމުރުކޮށް، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/08 ޤަޟިއްޔާއިން ކަނޑައެޅި ނިޔާގެ ބާރު ލިބިފައިވާ ނިހާއީ ޙުކުމް ތަންފީޛު ކުރުމަށްޓަކައި ސިވިލް ކޯޓުން ޙުކުމްކޮށްފައި ވެއެވެ.

 

ސިވިލް ކޯޓުގެ ނަންބަރު : 220/Cv-C/2016 ޤަޟިއްޔާގެ ޝަރީޢަތްނިމުނުގޮތުގެ ރިޕޯޓް ވިދާޅުވުމަށް