ޝަރުޢީދާއިރާގެ އޯޕަން ހައުސް މީޑިއާ ވީކް 2016: ޝަރުޢީ ދާއިރާއާއި މީޑިއާ ގުޅިގެން މަސައްކަތްކުރުމުގެ މާޙައުލަކަށް

mediaqq

ފަނޑިޔާރުންގެ މަހާސިންތާ 2016 ނިންމުން ފާހަގަކުރުމަށް ބޭއްވި ޙަފްލާގައި، ޝަރުޢީ ދާއިރާ ވާންޖެހޭނީ މީޑިއާއާ ރަޙްމަތްތެރި، މީޑިއާއަށް ހުޅުވާލެވިފައިވާ އަދި މީޑިއާގެ މިނިވަންކަމަށް އިޙްތިރާމްކުރާ ދާއިރާއަކަށް ކަމަށް ދިވެހިރާއްޖޭގެ އުއްތަމަފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަބްދުﷲ ސަޢީދު ވަނީ ވިދާޅުވެފައެވެ. އަދި މީގެ އިތުރުން، މީޑިއާގެ ފަރާތްތަކާއި، މީޑިއާގެ ބެލެނިވެރި އިދާރާތަކާ ޝަރުޢީދާއިރާ ގުޅިގެން މަސައްކަތްކުރުމުގެ މާޙައުލެއް އުފެއްދުމަށްވެސް ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަބްދުﷲ ސަޢީދު އެދިވަޑައިގެންފައިވެއެވެ. ވުމާއެކު، 17 ޖުލައި 2016 ވާ އާދިއްތަ ދުވަހުން ފެށިގެން 21 ޖުލައި 2016 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް، "ޝަރުޢީދާއިރާގެ އޯޕަން ހައުސް މީޑިއާ ވީކް" ގެ ނަމުގައި ހަފްތާއެއް ފާހަގަކުރާގޮތަށް ވަނީ ހަމަޖެހިފައެވެ.

media

މޯލްޑިވްސް މީޑީއާ ކައުންސިލްގެ މެންބަރުންނާއި، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ މެންބަރުންނާއެކު ޝަރުޢީ ދާއިރާއިން ބާއްވާ ބައްދަލުވުން

މޯލްޑިވްސް މީޑީއާ ކައުންސިލްގެ މެންބަރުންނާއި، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ މެންބަރުންނާއެކު ޝަރުޢީ ދާއިރާއިން ވަކިވަކިން ބާއްވާ ދެ ބައްދަލުވުމަކީ، މީޑިއާގެ މިނިވަންކަން ދެމެހެއްޓުމަށާއި، ބިނާކުރަނިވި މީޑިއާގެ ވެއްޓެއް ގާއިމްކުރުމަށް ބޭނުންވާ މާޙައުލެއް ގާއިމްކޮށް، ދެމެހެއްޓުމަށްޓަކައި ދެފަރާތް ގުޅިގެން ކުރެވިދާނެ ކަންތައްތަކާ ގުޅޭގޮތުން މަޝްވަރާ ކުރުމަށްޓަކައި ޝަރުޢީ ދާއިރާއިން ބާއްވާ ބައްދަލުވުމެކެވެ.

މިބައްދަލުވުންތަކުގައި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ އަލީގައި، ކޯޓުތަކުގެ އިޚްތިޞާޞްއާ ގުޅޭ މަޢުލޫމާތު ޙިއްޞާކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި ޝަރުޢީ ދާއިރާގެ ޚަބަރާއި މަޢުލޫމާތު ގެނެސްދިނުމުގައި މީޑިއާގެ ވަޞީލަތްތަކުން މިހާރު ޢަމަލުކުރަމުންދާ ގޮތްތަކާއި، މިކަންކަމާގުޅޭގޮތުން ޝަރުޢީ ދާއިރާގެ ހުރި ކަންބޮޑުވުންތައް ހާމަކޮށް، އެކަންކަމާމެދު މަޝްވަރާކުރުމަށް ވަނީ ހަމަޖެހިފައެވެ.

މޯލްޑިވްސް މީޑީއާ ކައުންސިލްގެ މެންބަރުންނާއެކު ބާއްވާ ބައްދަލުވުން އޮންނާނީ 17 ޖުލައި 2016 ވާ އާދިއްތަ ދުވަހު އެވެ. މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ މެންބަރުންނާއެކު ބާއްވާ ބައްދަލުވުން އޮންނާނީ 18 ޖުލައި 2016 ވާ ހޯމަ ދުވަހުއެވެ. މި ދެބައްދަލުވުންވެސް އޮންނާނީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ޓްރޭނިންގ ހޯލްގައެވެ.

ޕަބްލިކް ސަރވިސް މީޑިއާއާއެކު ޝަރުޢީ ދާއިރާއިން ބާއްވާ ބައްދަލުވުން

ޕަބްލިކް ސަރވިސް މީޑިއާއާއެކު ޝަރުޢީ ދާއިރާއިން ބާއްވާ ބައްދަލުވުމުގެ މަޤުޞަދަކީ، އިސްވެ ދެންނެވުނު ކަންތައްތަކާގުޅޭގޮތުން މަޝްވަރާކުރުމުގެ އިތުރުން،  ޓީ.ވީ އަދި ރޭޑިއޯ ޕްރޮގްރާމްތަކާއި، ސްޕޮޓްތައް މެދުވެރިކޮށް ޝަރުޢީ ދާއިރާއާމެދު ރައްޔިތުންގެ ހޭލުންތެރިކަން އިތުރުކުރުމަށް މަސައްކަތްކުރުމާ ގުޅޭގޮތުން މަޝްވަރާކުރުމެވެ. މި ބައްދަލުވުން އޮންނާނީ، 19 ޖުލައި 2016 ވާ އަންގާރަ ދުވަހު، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ޓްރޭނިންގ ހޯލްގައެވެ.

ކޯޓުތަކުގެ އިސްފަނޑިޔާރުން، މީޑިއާގެ ފަރާތްތަކާ ބައްދަލުކުރެއްވުން

މި ބައްދަލުވުމަކީ، ޝަރުޢީ ދާއިރާގެ ޚަބަރާއި މަޢުލޫމާތު މީޑިއާގެ ވަޞީލަތްތައް މެދުވެރިކޮށް ޢާންމުކުރުމުގައި ޢަމަލުކުރަމުންދާ ގޮތްތަކާގުޅޭގޮތުން ޝަރުޢީ ދާއިރާގެ ކޯޓުތަކުގެ ފަނޑިޔާރުންގެ ކަންބޮޑުވުންތައް ހާމަކޮށް، މީޑިއާގެ މިނިވަންކަން ދަމަހައްޓައި، ބިނާކުރަނިވި މީޑިއާގެ ވެއްޓެއް ގާއިމްކުރުމަށް ބޭނުންވާ މާޙައުލެއް ގާއިމްކޮށް ދެމެހެއްޓުމަށްޓަކައި މީޑިއާއާ ކޯޓްތައް ގުޅިގެން ކުރެވިދާނެ ކަންތައްތަކާ ގުޅޭގޮތުން މަޝްވަރާ ކޮށް، ހިޔާލު ބަދަލުކުރުމަށްޓަކައި މީޑިއާގެ ފަރާތްތަކާއެކު ޝަރުޢީ ދާއިރާގެ ކޯޓްތަކުގެ ފަނޑިޔާރުން ބާއްވަވާ ބައްދަލުވުމެކެވެ. މި ބައްދަލުވުން އޮންނާނީ 20 ޖުލައި 2016 ވާ ބުދަ ދުވަހު، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުގެ ޓްރޭނިންގ ހޯލްގައެވެ. މިބައްދަލުވުމަށް، ޓީވީ، ރޭޑިއޯ، އޮންލައިން އަދި ޕްރިންޓް މިޑިއާގެ ތެރެއިން 12 މީޑިއާއަކަށް ވަނީ ދަޢުވަތު އެރުވިފައެވެ.

މީޑީއާގެ ފަރާތްތަކަށް ބާއްވާ މަސައްކަތު ބައްދަލުވުން

މި މަސައްކަތު ބައްދަލުވުމަކީ، ޝަރުޢީ ދާއިރާގެ ޚަބަރާއި މަޢުލޫމާތު ގެނެސްދިނުމުގައި މީޑިއާގެ ވަޞީލަތްތަކުން މިހާރު ޢަމަލުކުރަމުންދާ ގޮތްތަކަށް ރިޢާޔަތްކޮށް، މީޑިއާގެ މިނިވަންކަން ދެމެހެއްޓުމަށާއި، ބިނާކުރަނިވި މީޑިއާގެ ވެއްޓެއް ގާއިމްކުރުމަށް ބޭނުންވާ މާޙައުލެއް ގާއިމްކޮށް ދެމެހެއްޓުމަށްޓަކައި، ޝަރުޢީދާއިރާގެ ފަރާތުން މީޑިއާގެ ފަރާތްތަކަށް މަޢުލޫމާތު ޙިއްޞާކުރުމަށްޓަކައި ބާއްވާ މަސައްކަތު ބައްދަލުވުމެކެވެ. މި ބައްދަލުވުން އޮންނާނީ 21 ޖުލައި 2016 ވާ ބުރާސްފަތި ދުވަހު، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުގެ ޓްރޭނިންގ ހޯލްގައެވެ. މިބައްދަލުވުމުގައި، 12 މީޑިއާއަކުން، ކޮންމެ މީޑިއާއަކުން އެޑިޓަރަކާއި، ލިޔުންތެރިއެއް ހިމެނޭގޮތުން ޖުމްލަ 24 ފަރާތުން ބައިވެރިވާނެއެވެ.

މި މަސައްކަތު ބައްދަލުވުމުގައި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ އަލީގައި، ކޯޓުތަކުގެ އިޚްތިޞާޞްއާ ގުޅޭ މަޢުލޫމާތު ޙިއްޞާކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި ޝަރުޢީ ދާއިރާގެ ޚަބަރާއި މަޢުލޫމާތު ގެނެސްދިނުމުގައި މީޑިއާގެ ވަޞީލަތްތަކުން މިހާރު ޢަމަލުކުރަމުންދާ ގޮތްތަކާއި، ބިނާކުރަނިވިގޮތެއްގައި ޝަރުޢީދާއިރާގެ ޚަބަރާއި މަޢުލޫމާތު ފެތުރުމަށް ޝަރުޢީދާއިރާއިން އުއްމީދުކުރާ ހަމަތަކާގުޅޭ މަޢުލޫމާތު ޙިއްޞާކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން، ކޯޓުގެ ޙުރުމަތް ރައްކާތެރިކުރުމާބެހޭ ޤަވާޢިދަށް މީޑިއާގެ ފަރާތްތަކުގެ އަހުލުވެރިކަން އިތުރުކޮށް، ޝަރުޢީދާއިރާގެ ޚަބަރާއި މަޢުލޫމާތު ފެތުރުމުގައި ކުރިއަރާފައިވާ ޑިމޮކްރެޓިކް މުޖުތަމަޢުތަކުގައި ޢަމަލުކުރާ ގޮތްތަކާއި، ހަމަތައް ބުނެދިނުމާއި، މީޑިއާގެ ވަޞީލަތްތައް މެދުވެރިކޮށް ގެނެސްދޭ ޚަބަރާއި މަޢުލޫމާތަށް މީޑިއާގެ ވަޞީލަތްތަކުގެ ޒިންމާދާރު ފަރާތްތަކުން ޒިންމާވާންޖެހޭ މިންވަރާ ގުޅޭ މަޢުލޫމާތު ޙިއްޞާކުރުމަށް ވަނީ ހަމަޖެހިފައެވެ.

ޝަރުޢީދާއިރާގެ އޯޕަން ހައުސް މީޑިއާ ވީކް 2016 ގައި ހިމެނޭ ކޮންމެ ބައްދަލުވުމެއްވެސް ފެށުމުގެ ކުރިން މީޑިއާ ކަވަރޭޖް ހެދުމުގެ ފުރުޞަތު މީޑިއާގެ ފަރާތްތަކަށް ވަނީ ހުޅުވާލެވިފައެވެ.

މިހަފްތާގެ 17، 18 އަދި 19 ވަނަ ދުވަހު ކަނޑައެޅޭ ވަގުތުތަކެއްގައި، މީޑިއާގެ ފަރާތްތަކުން ކޯޓުތަކަށް ޒިޔާރަތްކޮށް، ކޯޓުތަކުން ހުއްދަ ދޭ ގޮތެއްގެ މަތިން، ކޯޓުތައް ވީޑިއޯކޮށް ފޮޓޯ ނެގުމުގެ ފުރުޞަތު ހުޅުވާލުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

ޝަރުޢީދާއިރާގެ އޯޕަން ހައުސް މީޑިއާ ވީކް 2016 ނިމިގެން ދާއިރު ޝަރުޢީ ދާއިރާގެ އަމާޒަކީ، ޝަރުޢީ ދާއިރާއާއި މީޑިއާ ގުޅިގެން މަސައްކަތްކުރުމުގެ އެކުވެރި މާޙައުލެއް އުފެދުމެވެ.