އަލްމަރްޙޫމް އާދަމް ޝަރީފްގެ ހަނދާނުގައި

adam

ދައުލަތަށާއި ޝަރުޢީދާއިރާއަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވަމުންގެންދެވި ހ.ވީސަންގެ އަލްމަރްޙޫމް އާދަމް ޝަރީފް، މިއަދުގެ ހެނދުނުގެ ވަގުތެއްގައި ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރައްވައިފިއެވެ. އަވަހާރަވިއިރު އުމުރުފުޅަކީ 60 އަހަރުފުޅެވެ.

އަލްމަރްޙޫމް އާދަމް ޝަރީފް ޝަރުޢީދާއިރާގެ ޚިދުމަތާ ގުޅިވަޑައިގަތީ 30 ސެޕްޓެމްބަރު 2007 ގައެވެ. މިނިސްޓްރީ އޮފް ޖަސްޓިސްގެ ޑިރެކްޓަރުކަމުގެ މަޤާމުން ޝަރުޢީދާއިރާއަށް ޚިދުމަތްކުރައްވަން ފައްޓަވައި، އަވަހާރަވި އިރު ހުންނެވީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުގެ ޑިރެކްޓަރުގެ މަޤާމުގައެވެ. އެގޮތުން މެދުކެނޑުމެއްނެތި 08 އަހަރާއި، 10 މަހާއި، 22 ދުވަހު ޝަރުޢީ ދާއިރާއަށް ޚިދުމަތް ކުރައްވާފައިވެއެވެ. އަލްމަރްޙޫމް އާދަމް ޝަރީފަކީ ޝަރުޢީ ދާއިރާގެ އުމްރާނީ ވަޞީލަތްތައް ހަރުދަނާކުރުމަށްޓަކައި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ކުރަމުންދާ މަސައްކަތްތަކުގައި ވަރަށް އިސްކޮށް މަސައްކަތް ކުރައްވަމުންގެންދަވި ބޭފުޅެކެވެ. އެގޮތުން ޝަރުޢީ ކޯޓުތަކާއި ޝަރުޢީދާއިރާގެ އިމާރާތްތައް ބެލެހެއްޓުމުގެ ޒިންމާ ފުރިހަމަކަމާއި ހަރުދަނާކަމާއެކު އަދާކުރައްވާފައިވެއެވެ. ހަމައެހެންމެ، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ސިޔާސަތުތައް އެކަށައަޅައި ތަންފީޛުކުރުމުގެ ގޮތުން ކުރަންޖެހޭ މަސައްކަތްތައް، ހަރުދަނާކަމާއި އިތުބާރާއެކު ކުރެއްވުމުގައި ސާބިތުކަމާއެކު ދެމިހުންނެވިއެވެ. އަދި އެފަދަ މަސައްކަތްތަކުގައި ޢަމަލީގޮތުން ބައިވެރިވެވަޑައިގެން، އެހެން މުވައްޒަފުންނަށް ނަމޫނާ ދައްކަވައިދެއްވާފައިވެއެވެ.

އަލްމަރްޙޫމް އާދަމް ޝަރީފް ދައުލަތަށް ޚިދުމަތް ކުރައްވަން ފެއްޓެވީ 30 އޭޕްރީލް 1974 ގައެވެ. ސ.ބޮޑު އިސްޓޯރުގެ ކުއްޔަށް ތަކެތި ދޫކުރާ ބައިގެ 2 ނަންބަރު ކާތިބުކަމުގެ މަޤާމުން ދައުލަތުގެ މުވައްޒަފެއްގެ ގޮތުގައި ހަމަޖެހިވަޑައިގަތުމަށްފަހު، މެދުކެނޑުމަކަށްފަހު ދައުލަތުގެ ޚިދުމަތާ އަލުން ގުޅިވަޑައިގަތީ 18 އޯގަސްޓް 1994 ގައެވެ. އަދި އެއަށްފަހު މެދުކެނޑުމެއްނެތި ފާއިތުވި 22 އަހަރު، އަދި ޖުމްލަ 25 އަހަރާއި، 1 މަހާއި، 16 ދުވަހު ދައުލަތަށް ޚިދުމަތް ކުރައްވާފައިވެއެވެ. އެގޮތުން އިންދިރާގާންދީ މެމޯރިއަލް ހޮސްޕިޓަލްގެ މެނޭޖަރުކަމާއި.،އެ ހޮސްޕިޓަލްގެ ޑެޕިއުޓީ ޑިރެކްޓަރުކަމާއި، ޑިޕާޓްމަންޓް އޮފް ޕަބްލިކް ހެލްތްގެ ޑެޕިއުޓީ ޑިރެކްޓަރުކަމާއި، ޑިޕާޓްމަންޓް އޮފް ކަރެކްޝަންސް ގެ ޑެޕިއުޓީ ޑިރެކްޓަރުކަމާއި، ޑިޕާޓްމަންޓް އޮފް ޕެނިޓެންޝަރީ އެންޑް ރިހިބިލިޓޭޝަން ސެންޓަރ ގެ ޑެޕިއުޓީ ޑިރެކްޓަރުގެ މަޤާމު އަދާކުރައްވާފައިވެއެވެ.

ޝަރުޢީދާއިރާއަށް، އަދި ވަކިން ޚާއްޞަކޮށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ލިބުނު މި ފުން ހިތާމައިގައި ބައިވެރިވެވަޑައިގަތުމުގެ ގޮތުން ދިވެހިރާއްޖޭގެ އުއްތަމަފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަބްދުﷲ ސަޢީދު މިއަދު ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ އިސްފަރާތްތަކާ ބައްދަލުކުރައްވައި، އަލްމަރްޙޫމް އާދަމް ޝަރީފްގެ ޒިކުރާ އައު ކުރެއްވިއެވެ.

މި ހިތާމަވެރި ދަނޑިވަޅުގައި ޝަރުޢީ ދާއިރާގެ އެންމެހައި ފަނޑިޔާރުންނާއި މުވައްޒަފުންގެ ނަމުގައި ދިވެހިރާއްޖޭގެ އުއްތަމަފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަބްދުﷲ ސަޢީދު، އަލްމަރްޙޫމް އާދަމް ޝަރީފްގެ ލޮބުވެތި ޢާއިލާއަށް ކެއްތެރިކަން ދެއްވުންއެދި އިޚްލާޞްތެރިކަމާއެކު ތަޢުޒިޔާ އަރިސްކުރައްވައެވެ.

އަލްމަރްޙޫމް އާދަމް ޝަރީފްގެ ފުރާނަފުޅަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކުރެއްވުން އެދި ދުޢާކުރަމެވެ. އާމީން !