ކޯޓުތަކަށް ހުށަހެޅޭ މައްސަލަތައް އަވަހަށް ނިންމުމަށްޓަކައި ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުން އިސްނަންގަވައިގެން ވަރަށްބާރަށް ކުރައްވާ މަސައްކަތުގެ ނަތީޖާ ފެންނަމުންދޭ

ރައްޔިތުންނާއި ގާތުން ޢަދުލް އިންޞާފު ޤާއިމް ކުރުމަށްޓަކައި ނުނިމިހުރި އެއްއަހަރަށްވުރެ ގިނަދުވަސްވެފައިވާ މައްސަލަތައް ނިންމެވުމަށްޓަކައި އަތޮޅުތަކަށް ޝަރުޢީވަފުދު ފޮނުވައިގެން ކުރެވެމުންދާ މަސައްކަތުގެ ދަށުން 2015 ވަނައަހަރު ނިމުނުއިރު ސުޕީރިއާ ކޯޓުތަކާއި، މެޖިސްޓްރޭޓްކޯޓުތަކުގައި ނުނިމިހުރި އަހަރުވެފައިވާ 2056 މައްސަލައިގެ ތެރެއިން، 2016 މޭ މަހުގެ ނިޔަލަށް 807 މައްސަލަ ވަނީ ނިންމިފައެވެ.

މެޖިސްޓްރޭޓްކޯޓު ތަކުގެ ތެރެއިން ށ. އަތޮޅާއި. ދ. އަތޮޅާއި، ވ. އަތޮޅުގެ މެޖިސްޓްރޭޓް ކޯޓުތަކުގައި ހުރި އެއް އަހަރުވީ ހުރިހާ މައްސަލައެއް ވަނީ ބަލައި ނިމިފައެވެ.

2015 ޑިސެމްބަރ މަހުންފެށިގެން އަތޮޅުތަކަށް ޝަރުޢީވަފުދު ފޮނުވައިގެން ކުރެވުނު  މަސައްކަތުން، މިހާތަނަށް ކޯޓުތަކުގައި ހުރި އަހަރުވީ މައްސަލަތަކާއެކު ޖުމްލަ 1854 މައްސަލަ ޝަރުޢީވަފުދުތަކުން ވަނީ ނިންމާފައެވެ.

ހއ. އަތޮޅު ދާއިރާއާއި، ބ. އަތޮޅު ދާއިރާއާއި، ސ. އަތޮޅު ދާއިރާގެ ބައެއްކޯޓުތަކުގައި ޝަރުޢީވަފުދު ފޮނުވައިގެން ދުވަސްވީ މައްސަލަތައް ބެއްލެވުމުގެ މަސައްކަތް ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުން އިސްނަންގަވައިގެން މިހާރުވެސް ގެންދަވަނީ ކުރައްވަމުންނެވެ.