ދިވެހިރާއްޖޭގައި ޤާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތްކުރުމުގެ ހުއްދަދޭ ކޮމިޓީގެ ދެވަނަ ބައްދަލުވުން ބާއްވައިފި

ދިވެހިރާއްޖޭގައި ޤާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތްކުރުމުގެ ހުއްދައަށް އެދި ހުށަހަޅާފައިވާ ބައެއް އެޕްލިކޭޝަންތަކާމެދު ގޮތެއް ނިންމަވައި، އަދި ހުވާކުރުމުގެ ރަސްމިއްޔާތު ބާއްވާނެ ތާރީޚެއް ކަނޑައެޅުމަށްޓަކައި ދިވެހިރާއްޖޭގައި ޤާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތްކުރުމުގެ ޤަވާޢިދުގައި ބަޔާންކޮށްފައިވާ ހުއްދަދޭ ކޮމިޓީގެ ދެވަނަ ބައްދަލުވުން 05 އޮކްޓޫބަރު 2016 ވީ ބުދަދުވަހުގެ ރޭ 21:00 ގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ބާއްވައިފިއެވެ.

މި ބައްދަލުވުމުގައި ދިވެހިރާއްޖޭގައި ޤާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތްކުރުމުގެ ހުއްދައަށް އެދި ހުށަހަޅާފައިވާ އެޕްލިކޭޝަންތަކުގެތެރޭގައި ހިމެނޭ އިތުރު މަޢުލޫމާތު ބޭނުންވާ އެޕްލިކޭޝަންތަކުގެ ތެރެއިން، އެ މަޢުލޫމާތު ހުށަހަޅާފައިވާ ފަރާތްތަކުގެ އެޕްލިކޭޝަންތަކަށް ހުއްދަދޭން ފެންނަކަމަށް ކޮމިޓީގެ ދެވަނަ ބައްދަލުވުމުގައި ވަނީ ނިންމަވާފައެވެ. އަދި 16 ފަރާތެއްގެ އެޕްލިކޭޝަންއާމެދު ގޮތެއް ނިންމުމަށްޓަކައި އިތުރަށް މަޢުލޫމާތު ހޯދައި ދިރާސާކުރުމަށް އެދިވަޑައިގަތެވެ.

ދިވެހިރާއްޖޭގައި ޤާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތްކުރުމުގެ ހުއްދައަށް އެދި 160 ފަރާތަކުން އެޕްލިކޭޝަން ހުށަހަޅާފައިވެއެވެ. އަދި ލިޔެކިޔުންތައް ފުރިހަމަ ނުވާތީ ބަލައިގަނެވެން ނެތް 03 އެޕްލިކޭޝަން ފިޔަވައި، 23 ފަރާތެއްގެ އެޕްލިކޭޝަން އިތުރަށް ދިރާސާކުރައްވަން ފެނިވަޑައިގަންނަވާކަމަށް ކޮމިޓީގެ ފުރަތަމަ ބައްދަލުވުމުގައި ވަނީ ނިންމަވާފައެވެ.

ދިވެހިރާއްޖޭގައި ޤާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތްކުރުމުގެ ހުއްދަދިނުމަށްޓަކައި ބާއްވާ ރަސްމިއްޔާތު، 2016 އޮކްޓޫބަރު 17 ވާ ހޯމަ ދުވަހު ބާއްވާގޮތަށް ކޮމިޓީން ވަނީ ފާސްކުރައްވާފައެވެ.

ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަބްދުﷲ ސަޢީދު ރިޔާސަތު ބެލެހެއްޓެވި މި ބައްދަލުވުމުގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަބްދުﷲ ޢަރީފް އާއި، ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު އާދަމް މުޙައްމަދު ޢަބްދުﷲ އާއި، ފަނޑިޔާރު އޮނަރަބަލް ޑރ. އަޙްމަދު ޢަބްދުﷲ ދީދީ ގެ އިތުރުން ދިވެހިރާއްޖޭގެ ބަންޑާރަ ނައިބު އޮނަރަބަލް އަލްއުސްތާޛު މުޙައްމަދު އަނިލް ބައިވެރިވެވަޑައިގެންނެވިއެވެ.