25 ސެޕްޓެމްބަރ 2016 އިން 1 އޮކްޓޯބަރ 2016 ވަނަ ދުވަހުގެ ނިޔަލަށް ކޯޓުތަކުން ނިންމި މައްސަލަތަކުގެ އަދަދު އިތުރުވެއްޖެ

case

25 ސެޕްޓެމްބަރ 2016 އިން 1 އޮކްޓޯބަރ 2016 ވަނަ ދުވަހުގެ ނިޔަލަށް މެޖިސްޓްރޭޓު ކޯޓުތަކުން ނިންމި މައްސަލަތަކުގެ އަދަދު އޭގެ ކުރީ ހަފްތާއާ އަޅާ ބަލާއިރު 81 މައްސަލަ އިތުރުވެއްޖެއެވެ. މެޖިސްޓްރޭޓު ކޯޓުތަކުން 290 މައްސަލަ ނިންމާފައި ވާއިރު އޭގެ ކުރީ ހަފްތާގައި ނިންމާފައިވަނީ 209 މައްސަލައެވެ. ހައިކޯޓު އަދި މާލޭގެ ސުޕީރިއަރ ކޯޓުތަކުން މިދިޔަ ހަފްތާގައި 364 މައްސަލަ ނިންމާފައިވެއެވެ.

މެޖިސްޓްރޭޓުން ގެ ހާޟިރީ
މެޖިސްޓްރޭޓު ކޯޓުތަކުގައި ޖުމުލަ 137 މެޖިސްޓްރޭޓުން މަސައްކަތް ކުރައްވަމުން ގެންދަވާއިރު ، މިދިޔަ ހަފްތާގައި ހުރިހާ ދުވަހެއްގައި ކޯޓުތަކަށް ހާޟިރު ވެފައިވަނީ 107 މެޖިސްޓްރޭޓުންނެވެ. މިދިޔަ ހަފްތާގައި ސަލާމުގައި 16 އަދި ޗުއްޓީގައި 14 މެޖިސްޓްރޭޓުން ތިއްބެވިއެވެ.

އަޑުއެހުން ބޭއްވުނު އަދަދު އަދި ކޭސް ކްލިއަރެންސް ރޭޓު
މިދިޔަ ހަފްތާގައި މެޖިސްޓްރޭޓު ކޯޓުތަކުގައި މައްސަލަތަށް ހިންގައި މައްސަލަތައް ނިންމުމަށްޓަކައި ޖުމުލަ 573 އަޑުއެހުން ބާއްވާފައިވެއެވެ. އެހެންކަމުން މިދިޔަ ހަފްތާގެ މައްސަލަތަކުގެ ކޭސް ކްލިއަރެންސް ރޭޓް 86% އިން 139% އަށްވަނީ މަތިވެގެން ގޮސްފައެވެ.