ބަންދުގެ މުއްދަތު އިތުރުކުރުމަށް 15006 މައްސަލަ 2015 ވަނަ އަހަރު ހުށަހަޅާފައިވޭ

unnamed

ޝަރުޢީ ކޯޓުތަކުގެ 2015 ވަނަ އަހަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ޖިނާއީ ކުށުގެ ތުހުމަތުގައި ބަންދުގެ މުއްދަތު އިތުރުކުރުމަށް 15006 މައްސަލަ 2015 ވަނަ އަހަރު ވަނީ ހުށަހަޅާފައިވެއެވެ. މި މައްސަލަތަކުގެ ތެރެއިން އެންމެ ގިނަ މައްސަލަ ހުށަހަޅާފައިވަނީ ކްރިމިނަލް ކޯޓަށެވެ. އެކޯޓަށް 8795 މައްސަލަ ހުށަހަޅާފައިވާއިރު، ޖުވެނައިލް ކޯޓަށް 597 މައްސަލަ، އަދި މެޖިސްޓްރޭޓް ކޯޓުތަކަށް 5614 މައްސަލަ ހުށަހަޅާފައިވެއެވެ.

ބަންދު މުއްދަތު އިތުރުކުރުމަށް ހުށަހެޅުނު މައްސަލަތަކުގެ ތެރެއިން މުއްދަތު އިތުރުކޮށްދީފައިވަނީ 11752 މައްސަލާގައެވެ. އެއީ ކްރިމިނަލް ކޯޓުން މުއްދަތު އިތުރު ކޮށްދިން 6993 މައްސަލަ އާއި ޖުވެނައިލް ކޯޓުން މުއްދަތު އިތުރުކޮށްދިން 461 މައްސަލަ އާއި، މެޖިސްޓްރޭޓް ކޯޓުތަކުން މުއްދަތު އިތުރުކޮށްދިން 4298 މައްސަލައެވެ.

މުއްދަތު އިތުރުކޮށްދިނުމަށް އެދި ހުށަހެޅި މައްސަލަތަކުގެ ތެރެއިން ކްރިމިނަލް ކޯޓުން 1802 މައްސަލައާއި، ޖުވެނައިލް ކޯޓުން 136 މައްސަލަ އާއި މެޖިސްޓްރޭޓް ކޯޓުތަކުން 1393 މައްސަލަ ހިމެނޭގޮތުން ޖުމްލަ 3331 މައްސަލާގައި މުއްދަތު އިތުރުނުކުރުމަށް ވަނީ ނިންމާފައެވެ.

ކުށްކުށަށް ތުހުމަތު ކުރެވިފައިވާ ފަރާތްތަކުގެ ބަންދާ މެދު ގޮތެއް ނިންމުމަށްޓަކައި ހުށަހަޅާ މައްސަލަތަކުގައި އެފަރާތެއް ބަންދުގައި އިތުރަށް ބެހެއްޓުމާމެދު ޝަރުޢީ ކޯޓުތަކުން ގޮތެއް ނިންމަނީ ދިވެހިރައްޖޭގެ ޖުމްހޫރިއްޔާ ޤާނޫނުއަސާސީ ގެ 49 ވަނަ މާއްދާއާއި، ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ގަވާއިދުގެ ތެރެއިން، ކަމާ ގުޅޭ އުޞޫލުތަކަށް ރިޢާޔަތްކޮށެވެ. އެގޮތުން ތުހުމަތު ކުރެވިފައިވާ ފަރާތް ބަންދުގައި ބެހެއްޓުމަށް ކޯޓުން ނިންމާނި އެމީހަކާ މެދު ތުހުމަތުކުރެވިފައިވާ މައްސަލައެއްގައި ހެކި ފޮރުވުމަށް ނުވަތަ ހެކިބަސް ދޭން ހުރިމީހަކަށް ނުފޫޒެއް ފޯރުވުމަށް މަސައްކަތްކޮށްފާނެ ކަމަށްޓަކައި، ނުވަތަ ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށްޓަކައި، ނުވަތަ ކޯޓަށް ޙާޟިރުނުވެދާނެކަމަށް ނުވަތަ ފިލާފާނެ ކަމަށްޓަކައެވެ. އެފަދަ ސަބަބެއް އޮތް ނަމަ ގިނަވެގެން 15 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމުގެ އަމުރު ނެރުމުގެ އިޚްތިޔާރު ފަނޑިޔާރަށް ލިބިދެއެވެ.