ޤާނޫނީ ވަކީލުކަމުގެ ހުވާކުރުން މިރޭ. އަލަށް ހުވާ ކުރައްވާ ވަކީލުންގެ %60 އަކީ އަންހެނުން

fai

ޤާނޫނީ ވަކީލުކަމުގެ ހުވާކުރުމަށް މިރޭ ދަރުބާރުގޭގައި ބާއްވާ ރަސްމިއްޔާތުގައި 139 ޤާނޫނީ ވަކީލުން ހުވާ ކުރައްވާނެއެވެ. މިރޭގެ މިޙަފްލާއަކީ ދިވެހިރާއްޖޭގައި ޤާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތްކުރުމުގެ ހުއްދަ ދިނުމުގެ ޤަވާޢިދު (ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2015/SC-RU/03 ރޫލިންގ) ގެ 4 ވަނަ މާއްދާ އާއި 5 ވަނަ މާއްދާ އާ އެއްގޮތްވާ ގޮތުގެމަތީން ދިވެހިރާއްޖޭގައި ޤާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތްކުރުމުގެ ހުއްދަ ދިނުމަށްޓަކައި ބާއްވާ ފުރަތަމަ ރަސްމިއްޔާތެވެ. މިރަސްމިއްޔާތުގައި އަލަށް ހުވާ ކުރައްވައި ލީގަލް ޕްރޮފެޝަނާ ގުޅިވަޑައިގަންނަވާ ވަކީލުންގެ %60 އަކީ އަންހެން ބޭފުޅުންނެވެ. އެގޮތުން 83 އަންހެން ބޭފުޅުންނާއި 56 ފިރިހެން ބޭފުޅުން މިރޭ ހުވާކުރައްވާނެއެވެ.

ޝަރުޢީ ދާއިރާއަކީ ޖިންސުގެ ހަމަހަމަ ކަމަށް އިސްކަންދޭ ދާއިރާއެއްގެ ގޮތުގައި ތަރައްޤީކޮށް، އަންހެން ކަނބަލުންނަށް ހަމަހަމަ ފުރުޞަތުތަކެއް ފަހިކޮށްދިނުމަކީ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަބްދުﷲ ސަޢީދުގެ ވިޜަންއެކެވެ. އެގޮތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓާއި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގައި މަސައްކަތްކުރާ މުވައްޒަފުންގެ %60 އަށް ވުރެ ގިނައީ އަންހެން ބޭފުޅުންނެވެ.

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން އަންހެން ބޭފުޅުންނަށް ޚާއްޞަކޮށް ދޭތެރެދޭތެރޭން ތަމްރީންތައް ބާއްވައެވެ. އެގޮތުން ދާދި ފަހުން ޑޮމެސްޓިކް ވަޔަލެންސް އާ ގުޅޭ ތަމްރީން ޕްރިގްރާމެއްވެސް ހިންގާފައިވެއެވެ. އަދި ބައިނަލްއަޤުވާމީ އަންހުނުންގެ ދުވަސް ވެސް ކުލަގަދަގޮތެއްގައި ފާހަގަކޮށްފައިވެއެވެ.