އަލްއުސްތާޛު ޙުސްނުއްސުޢޫދު ކޯޓުތަކުގައި ވަކާލާތުކުރުން ވަގުތީގޮތުން މަނާކުރުމަށް ނިންމި ނިންމުމާގުޅޭ

2016 އޮކްޓޫބަރު 31 ވަނަ ދުވަހުން ފެށިގެން ސ.މީދޫ، ހަސަންކާރިގޭ އަލްއުސްތާޛު ޙުސްނުއްސުޢޫދު، ދިވެހިރާއްޖޭގެ ކޯޓުތަކުގައި ވަކާލާތުކުރުން ވަގުތީ ގޮތުން މަނާކޮށްފައިވަނީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އިޖުރާއާތުތަކާއި އެންގުންތަކާ ޚިލާފަށް ތަކުރާރުކޮށް ޢަމަލުކުރަމުންދާތީއާއި، ޝަރުޢީދާއިރާގެ ތަޞައްވުރު ގެއްލޭގޮތަށް ކޯޓުގެ ނިންމުންތަކާ ގުޅިގެން އަލްއުސްތާޛު ޙުސްނުއްސުޢޫދު ކުރައްވާފައިވާ ޓްވީޓްތަކާއި، ޙުސްނުއްސުޢޫދު ޙަވާލާދީ މީޑިއާގައި ޢާއްމުކޮށްފައިވާ ޚަބަރުތަކަކީ، ކޯޓުގެ ޙުރުމަތް ކެނޑޭފަދަ ޢަމަލުތަކެއް ކަމަށްވުމާއެކު، އެ ޢަމަލުތަކަކީ ދިވެހިރާއްޖޭގެ ކޯޓުތަކުގައި ވަކާލާތުކުރާ ޤާނޫނީ ވަކީލުންނާބެހޭ ޤަވާޢިދުގެ 3 ވަނަ މާއްދާގެ 3.2 ގެ (ހ)، (ނ) އަދި (ރ) އާ ޚިލާފު ޢަމަލުތަކެއްކަމަށްވާތީ، އެމައްސަލަ ބަލައި ވަކިގޮތެއް ނިމެންދެނެވެ.

މި މައްސަލާގައި އަލްއުސްތާޛު ޙުސްނުއްސުޢޫދު ކޯޓުތަކުގައި ވަކާލާތުކުރުން ވަގުތީގޮތުން މަނާކުރުމަށް ނިންމި ނިންމުމާ ގުޅޭ މަޢުލޫމާތު އެފަރާތާ ޙިއްޞާކޮށް، މިފަދަ ޢަމަލުތައް ތަކުރާރުނުކުރުމަށް އަންގައި ނަޞޭޙަތާއި އިންޒާރު ވަނީ ދެވިފައެވެ.