ވަރިކައިވެނީގެ ތަފާސްހިސާބު 2016

vari2

ދިވެހިރާއްޖޭގެ ޤާނޫނީ ނިޒާމް ހަމަޖެހިފައިވާ ގޮތުން ކާވެނި ރަޖިސްޓްރީކޮށްދިނުމާއި، ވަރިއާއި، އަނބިދަރިންނަށް ޚަރަދު ދިނުމާއި، ކުދިންގެ ޙަޟާނާތާއި އަދި އެނޫންވެސް ޢާއިލީ ދިރިއުޅުމާ ގުޅިފައިވާ ކަންކަމާގުޅޭގޮތުން އުފެދޭ މައްސަލަތައް ބަލަމުންދަނީ ޝަރުޢީ ކޯޓުތަކުންނެވެ. އެގޮތުން ކާވެނި ރަޖިސްޓްރީކޮށްދިނުމާއި، ޢާއިލީ ދިރިއުޅުމާ ގުޅިފައިވާ އެފަދަ މައްސަލަތައް ބަލަމުންދަނީ، މާލޭގައި ނަމަ، ސުޕީރިއަރ ކޯޓުތަކުގެ ތެރެއިން ފެމިލީ ކޯޓުން، އަދި އަތޮޅުތެރޭގައި ނަމަ ކޮންމެ ރަށެއްގައި ޤާއިމުކުރެވިފައިވާ މެޖިސްޓްރޭޓް ކޯޓުތަކުންނެވެ. މިފަދަ މައްސަލަތައް ކޯޓުތަކުން ބަލަމުންދަނީ ޢާއިލާއާ ބެހޭ ޤާނޫނާއި އެ ޤާނޫނުގެ ދަށުން ހެދިފައިވާ ޢާއިލާ އާ ބެހޭ ޤަވާޢިދުގައި ބަޔާންކޮށްފައިވާ އުޞޫލުތަކާ އެއްގޮތްވާގޮތުގެ މަތިންނެވެ.

ކައިވެނީގެ ތަފާސްހިސާބު

  • 2016 ވަނަ އަހަރު ޖުމްލަ 5488 ކައިވެނި ރަޖިސްޓްރީކުރެވިފައިވެއެވެ. 2016 ވަނަ އަހަރު ރަޖިސްޓްރީކުރެވުނު ކައިވެނީގެ ތެރެއިން، ފެމިލީ ކޯޓުގައި ރަޖިސްޓްރީކޮށްފައިވަނީ 2304 ކައިވެންޏެވެ. އަދި މެޖިސްޓްރޭޓް ކޯޓުތަކުގައި ރަޖިސްޓްރީކޮށްފައިވާ 3184 ކައިވެންޏެވެ. 2015 ވަނަ އަހަރަށް ބަލާއިރު، 2015 ރަޖިސްޓްރީކޮށްފައިވަނީ 5763 ކައިވެންޏެވެ.
  • 2016 ވަނަ އަހަރު ރަޖިސްޓްރީކުރެވުނު ކައިވެނިތަކުގެ ތެރެއިން، 5273 ކައިވެންޏަކީ އެއްއަންބަށް ދިވެހިން ކޮށްފައިވާ ކައިވެންޏެވެ. މިއީ 2015 ވަނަ އަހަރާ އަޅާބަލާއިރު %5 ދަށްވުމެކެވެ. 2015 ވަނަ އަހަރު އެއްއަންބަށް ދިވެހިން ކޮށްފައިވާ ކައިވެނީގެ އަދަދަކީ 5541 އެވެ.
  • 2015 ވަނަ އަހަރާ އަޅާބަލާއިރު، ދެ އަންބަށް ކުރި ކައިވެނީގެ އަދަދު 2016 ވަނަ އަހަރު ވަނީ %5 ދަށްވެފައެވެ. އެގޮތުން 2015 ވަނަ އަހަރު 165 ކައިވެނި ދެ އަންބަށް ކޮށްފައިވާއިރު، 2016 ވަނަ އަހަރު ދެއަންބަށް ކޮށްފައިވަނީ 157 ކައިވެންޏެވެ.
  • 2016 ވަނަ އަހަރުކުރި ކައިވެނީގެ ތެރެއިން ބިދޭސީ އަންހެނުންނާ ކޮށްފައިވާ 34 ކައިވެންޏެއް ރަޖިސްޓްރީ ކޮށްފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. އަދި ބިދޭސީ ފިރިހެނުންނާކޮށްފައިވާ 24 ކައިވެންޏެއް ރަޖިސްޓްރީކޮށްފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.
  • 2016 ވަނަ އަހަރު ކައިވެނި ކުރި މީހުންގެ އުމުރުފުރާއަށް ބަލާއިރު، ފިރިހެނުންގެ ތެރެއިން އެންމެ ގިނައިން ކައިވެނިކޮށްފައިވަނީ އުމުރުން 26 އަހަރާއި 39 އަހަރާ ދެމެދުގެ އުމުރުފުރާގެ މީހުންނެވެ. އަދި އަންހެނުންގެ ތެރެއިން އެންމެ ގިނައިން ކައިވެނިކޮށްފައިވަނީ 18 އަހަރާއި 25 އަހަރާ ދެމެދުގެ އަންހެނުންނެވެ.
  • އުމުރުން 18 އަހަރުން ދަށުގެ ކުދިންގެ ކައިވެނީގެ ތަފާސްހިސާބަށް ބަލާއިރު 2015 ވަނަ އަހަރަށް ވުރެ 2016 ވަނަ އަހަރު އުމުރުން 18 އަހަރުން ދަށުގެ ކުދިން ކައިވެނި ކުރި އަދަދު މަދުވެފައިވާކަން ފާހަގަކުރެވެއެވެ. އެގޮތުން 2016 ވަނަ އަހަރު އުމުރުން 18 އަހަރުން ދަށުގެ 16 ކުއްޖަކު ކައިވެނިކޮށްފައިވާއިރު، 2016 ވަނަ އަހަރު ކައިވެނި ކޮށްފައިވަނީ 18 އަހަރުން ދަށުގެ 10 ކުދިންނެވެ. އެއީ 5 އަންހެންކުދިންނާއި 5 ފިރިހެން ކުދިންނެވެ.
  • 2016 ވަނަ އަހަރު ރަޖިސްޓްރީކުރެވުނު 5488 ކައިވެނީގެ ތެރެއިން، ކައިވެނި ކުރި ފިރިހެނުންގެ %50 ކައިވެންޏަކީ އެމީހުންގެ އަލަތު ކައިވެންޏެވެ. އެއީ ޖުމްލަ 2773 ކައިވެންޏެވެ. އަދި އަންހެނުންގެ މި ނިސްބަތް އުޅެނީ %49.5 ގައެވެ. އެއީ 2716 ކައިވެންޏެވެ.
  • ފިރިހެނުންގެ %11 އަދި އަންހެނުންގެ ވެސް %11 މީހުންގެ 2016 ވަނަ އަހަރު ރަޖިސްޓްރީކުރެވިފައިވާ ކައިވެންޏަކީ އެމީހުންގެ 4 ވަނަ ކައިވެނި ނުވަތަ އެއަށް ވުރެ މަތީ ވަނައެއްގެ ކައިވެނި ކަން ފާހަގަކުރެވެއެވެ. 

ވަރީގެ ތަފާސްހިސާބު

  • 2016 ވަނަ އަހަރު ޖުމްލަ 3417 ވަރި ރަޖިސްޓްރީކުރެވިފައިވެއެވެ. މިއީ 2015 ވަނަ އަހަރަށް ވުރެ 59 ވަރީގެ މަދުވުމެކެވެ. 2015 ވަނަ އަހަރު ރަޖިސްޓްރީކޮށްފައިވަނީ 3358 ވަރިއެވެ. 2016 ވަނަ އަހަރު ރަޖިސްޓްރީކުރެވުނު ވަރީގެ ތެރެއިން، ފެމިލީ ކޯޓުގައި ރަޖިސްޓްރީކޮށްފައިވަނީ 1341 ވަރިއެވެ. އަދި މެޖިސްޓްރޭޓް ކޯޓުތަކުގައި 2076 ވަރި ރަޖިސްޓްރީކޮށްފައިވެއެވެ.
  • 2016 ވަނަ އަހަރު އެންމެ ގިނައިން ވަރިވެފައިވަނީ 26 އަހަރާ 39 އަހަރާ ދެމެދުގެ އުމުރުފުރާގެ މީހުންކަން ފާހަގަކުރެވެއެވެ.
  • 2016 ވަނަ އަހަރު ރަޖިސްޓްރީކުރެވުނު ޖުމްލަ 3417 ވަރީގެ ތެރެއިން ޤާނޫނާ އެއްގޮތަށް ކޮށްފައިވަނީ 1460 ވަރިއެވެ. އަދި  ޤާނޫނާ ޚިލާފަށް 1850 ވަރިކޮށްފައިވާކަން ފާހަގަކުރެވެއެވެ. ޢާއިލާއާ ބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގައިވާ ގޮތުން، ފިރިމީހާ، އަނބިމީހާ ވަރިކުރަން ބޭނުންވެއްޖެ ނަމަ ވަރިކުރަންވާނީ، ކަމާބެހޭ ކޯޓަށް އެކަން ހުށަހަޅައި، ޤާޟީ އެކަމަށް ހުއްދަ ދިނުމުންނެވެ. ޤާނޫނާ ޚިލާފަށް ކުރެވޭ ވަރިކަމަށް ބަލަނީ، މި އުޞޫލާ ޚިލާފަށް ކޯޓުން ބޭރުގައި ކުރާ ވަރިއަށެވެ. ޤާނޫނާ ޚިލާފަށް ވަރިކުރުމަކީ ކުށެކެވެ.
  • 2016 ވަނަ އަހަރު 6 ކައިވެންޏެއް ފަޞްހު ކޮށްފައިވެއެވެ. އަދި 101 ކައިވެންޏެއް ތަފްރީޤުކޮށްފައިވެއެވެ. ކައިވެނި ފަސްޚުކުރުމަކީ، ކައިވެނީގެ ޢަޤުދުކުރި އިރު، ޢަޤުދުގައި ފުރިހަމަވާންޖެހޭ ކަމެއް ފުރިހަމަ ނުވުމުގެ ސަބަބުން ނުވަތަ ޢަޤުދު ކުރިފަހުން ދިމާވާ ކަމެއްގެ ސަބަބުން އެ ކައިވެނި ދެމެހެއްޓުން މަނާކުރުމުގެ ސަބަބުން، ކައިވެނި ރޫޅާލުން ނުވަތަ ކެންސަލްކޮށްލުމެވެ. ކައިވެނި ފަސްޚުކުރެވޭނޭ ޙާލަތުތައް ޢާއިލާއާ ބެހޭ ޤާނޫނުގެ 28 ވަނަ މާއްދާގައި ބަޔާންކޮށްފައިވެއެވެ. ކައިވެނި ތަފްރީޤުކުރުމަކީ، ކައިވެނިކޮށްގެން އުޅޭ ދެމީހުންގެ މެދުގައި އޮތް ކައިވެނީގެ ގުޅުން، އިސްލާމީ ޝަރީޢަތުގައި ބަޔާންވެގެންވާ ސަބަބުތަކެއްގެ މައްޗަށް ބިނާކޮށް، އެސަބަބުތަކުގެ ތެރެއިން ސަބަބެއް ދެމިއޮތްކަން ކޯޓަށް ކަށަވަރުވާހިނދު، އެ މީހުންގެ މެދުގައި އޮތް ކައިވެނީގެ ގުޅުން ޝަރުޢީ ގޮތުން ރޫޅާލައި، އެ ކައިވެނި ނިމުމަކަށް ގެނައުމެވެ.