ޝަރުޢީ ދާއިރާގެ ކޯޓުތަކާއި އިދާރާތަކުގެ ފަނޑިޔާރުންނާއި މުވައްޒަފުންގެ އެއްދުވަހުގެ މުސާރަ ރޮހިންޔާގެ މުސްލިމު އަޚުންނާއި އުޚުތުންނަށް ހަދިޔާކުރުން

ROHINGYA-2017

މިޔަންމާގެ ރޮހިންޔާ ދަރިކޮޅުގެ މުސްލިމުންނާ ދެކޮޅަށް، އެ ޤައުމުގައި ހިންގަމުންދާ ލާއިންސާނީ، ދަށުދަރަޖައިގެ ޢަމަލުތަކާއި ހަމަނުޖެހުންތަކުގައި އަނިޔާލިބެމުންދާ ރޮހިންޔާ ދަރިކޮޅުގެ މުސްލިމުންނަށް އެހީތެރިވުމުގެގޮތުން، ދައުލަތުގެ އެކި މުއައްސަސާތަކާއި، އަމިއްލަ އެކި ފަރާތްތަކުން ކުރިއަށްގެންދާ ޙަރަކާތްތަކުގައި ޝަރުޢީ ދައިރާއިންވެސް ބައިވެރިވެ،ރޮހިންޔާ ދަރިކޮޅުގެ މުސްލިމުންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން، ޝަރުޢީ ދާއިރާގެ ކޯޓުތަކާއި އިދާރާތަކުގެ ފަނޑިޔާރުންނާއި މުވައްޒަފުންގެ އެއްދުވަހުގެ މުސާރަ ހަދިޔާ ކޮށްފިއެވެ.

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އިން ކުރިއަށް ގެންދަވާ "ރޮހިންޔާގެ މުސްލިމުންނާއެކު ދިވެހިން" މި ޙަރަކާތަށް ޝަރުޢީ ދާއިރާއިން ވަނީ، 325,615.67 (ތިންލައްކަ ފަންސަވީސްހާސް ހަސަތޭކަ ފަނަރަ ރުފިޔާ ފަސްދޮޅަސްހަތް ލާރި) ހަދިޔާކޮށްފައެވެ. މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް ގެ ފަރާތުން މި ފައިސާއާ ޙަވާލުވެވަޑައިގެންނެވީ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒިޔާދު އެވެ.

އަޅުގަނޑުމެންގެ ދުޢާއަކީ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އަނިޔާވެރިންގެ ޝިކާރައަކަށް ވެފައިވާ ފަރާތްތަކަށް ކެތްތެރިކަންދެއްވައި، މިފަދަ ލާއިންސާނީ ޢަމަލުތައް ހިންގާ ފަރާތްތަކުގެ ހިތްތަކަށް އޯގާތެރިކަން ވައްދަވައި،ދުނިޔެއަކީ އެންމެނަށް އަމާންތަނެއްކަމުގައި މިންވަރުކުރެއްވުމެވެ.