ކަނބަލުން ބާރުވެރިކުރުމުގައްޔާއި، ވަޒީފާގެ ކުރިއެރުން ލިބުމުގައްޔާއި، ތަމްރީނުގެ ފުރުޞަތުތައް ހޯދައި ދިނުމުގައި ޝަރުޢީ ދާއިރާއިން ދަނީ ބޮޑެތި ކުރިއެރުންތައް ހޯދަމުންނެވެ.
ޝަރުޢީ ދާއިރާގެ ކޯޓުތަކާއި އިދާރާތަކުގައި މަސައްކަތްކުރައްވާ މުވައްޒަފުންގެ %45 ހިއްސާކުރައްވަނީ ކަނބަލުންނެވެ. ޝަރުޢީ ދާއިރާގެ ކޯޓުތަކާއި އިދާރާތަކުގެ އިސް މަޤާމުތަކުގައި މިއަދު ކަނބަލުން ގެންދަވަނީ ހީވާގި ކަމާއި މުރާލިކަމާއެކު ނަމޫނާ ދައްކަވަމުންނެވެ.
އަޅުގަނޑުމެންގެ ސިޔާސަތަކީ ކަނބަލުންގެ އާއިލީ ޒިންމާތައް އަދާކުރުމަށް ފަހި ދާއިރާއެއްގެ ގޮތުގައި ޝަރުޢީ ދާޢިރާގެ ކޯޓުތަކާއި އިދާރާތައް ދެމިއޮތުމެވެ.
ދިވެހިރާއްޖޭގައި ޤާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތްކުރުމުގެ ހުއްދަ ދެވިފައިވާ ޤާނޫނީ ވަކީލުންގެ ދަފްތަރުގައި ޖުމްލަ 1075 ޤާނޫނީ ވަކީލުން މިއަދު ހިމެނޭއިރު، އޭގެތެރެއިން 423 ވަކީލުންނަކީ ކަނބަލުންކަން ފާހަގަކުރަމެވެ.
އަޅުގަނޑުމެން މިއަދު ފާހަގަކުރަމުން މިދާ ބައިނަލް އަގުވާމީ އަންހެނުންގެ ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ އެންމެހައި ކަނބަލުންނަށް ނުހަނު އިޚްލާޞްތެރިކަމާއެކު އަރިސްކުރަމެވެ.