ދިވެހިރާއްޖޭގައި ޤާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތްކުރުމުގެ ހުއްދަ ދިނުމަށްޓަކައި މިއަހަރު ބާއްވާ ފުރަތަމަ ރަސްމިއްޔާތު މިރޭ ބާއްވައިފި

LawyersOathtaking20181

ދިވެހިރާއްޖޭގައި ޤާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތްކުރުމުގެ ހުއްދަ ދިނުމުގެ ޤަވާޢިދު (ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2015/SC-RU/03 ރޫލިންގ) ގެ 4 ވަނަ މާއްދާ އާއި 5 ވަނަ މާއްދާ އާ އެއްގޮތްވާ ގޮތުގެމަތީން 173 ފަރާތަކުން މިރޭ ޤާނޫނީ ވަކީލުކަމުގެ ހުވާ ކުރައްވައިފިއެވެ.

Oathtaking Justice Areef

ޤާނޫނީ ވަކީލުކަމުގެ ހުއްދައަށް އެދި ހުށަހެޅި ފަރާތްތަކުން ޤާނޫނީ ވަކީލުކަމުގެ ހުވާކުރުން އޮތީ އެކަމަށްޓަކައި ދަރުބާރުގޭގައި މިރޭ ބޭއްވުނު ޚާއްޞަ ރަސްމިއްޔާތުގައެވެ. މި ރަސްމިއްޔާތަކީ ދިވެހިރާއްޖޭގައި ޤާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތްކުރުމުގެ ހުއްދަ ދިނުމުގެ ޤަވާޢިދުގެ ދަށުން ދިވެހިރާއްޖޭގައި ޤާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތްކުރުމުގެ ހުއްދަ ދިނުމަށްޓަކައި ބޭއްވި ދެވަނަ ރަސްމިއްޔާތެވެ.

Oathtaking AG Anil

މިރޭގެ ރަސްމިއްޔާތުގެ ބައިވެރިންނަށް ޤާނޫނީ ވަކީލުކަމުގެ ހުވާ ލައިދެއްވީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު އާދަމް މުޙައްމަދު ޢަބްދުﷲ އެވެ. އަދި މި ރަސްމިއްޔާތުގައި ޤާނޫނީ ވަކީލުކަމުގެ ހުވާ ކުރެއްވި ބޭފުޅުންނަށް ދިވެހިރާއްޖޭގައި ޤާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތްކުރުމުގެ ހުއްދަ ޙަވާލުކޮށްދެއްވީ ދައުލަތުގެ ބަންޑާރަނައިބު އަލްއުސްތާޛު މުޙައްމަދު އަނިލް އާއި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަބްދުﷲ ޢަރީފް އާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު އާދަމް މުޙައްމަދު ޢަބްދުﷲ ގެ އިތުރުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ އެވެ.

މި ރަސްމިއްޔާތުގެ ޝަރަފުވެރި މެހުމާނު ދައުލަތުގެ ބަންޑާރަނައިބު އަލްއުސްތާޛު މުޙައްމަދު އަނިލް އާއި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ޢަރީފް ޤާނޫނީ ވަކީލުކަމުގެ ހުވާކުރެއްވި ވަކީލުންނާ މުޚާތަބުކުރައްވައި ވާހަކަފުޅުދެއްކެވިއެވެ.

މިރޭގެ ރަސްމިއްޔާތުގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާއި، ދައުލަތުގެ ބަންޑާރަނައިބުގެ އިތުރުން، ދިވެހިރާއްޖޭގެ ހައިކޯޓާއި ސުޕީރިއަރ ކޯޓުތަކުގެ އިސް ފަނޑިޔާރުންނާއި، ދައުލަތުގެ ބަންޑާރަނައިބު އޮފީހުގެ ޤާނޫނީ ވަކީލުންނާއި، ޝަރުޢީ ދާއިރާގެ މުވައްޒަފުން ބައިވެރިވެވަޑައިގެންނެވިއެވެ.