ފެމިލީ ލީގަލް ކްލިނިކް އިން ތައްޔާރުކޮށްފައިވާ ފޯމް ފުރުމުގެ ގައިޑްލައިން ކޯޓުތަކަށް ފޮނުވުމަށް ޙަވާލުކޮށްފި

FamilyLegalClinicGuideline2019.jpg

ފެމިލީ ލީގަލް ކްލިނިކްގެ ފަރާތުން ތައްޔާރުކޮށް، އެ ކްލިނިކްގެ ރަސްމީ ވެބްސައިޓްގައި އިފްތިތާޙްކޮށްފައިވާ "ޢާއިލާއާ ބެހޭ މައްސަލަތަކާއި ގެވެށި އަނިޔާއިން ރައްކާތެރިވުމަށް އެދި  ހުށަހަޅާ ފޯމް ފުރުމުގެ ގައިޑްލައިން" ޝަރުޢީ ކޯޓުތަކާ ޙަވާލުކުރުމަށް ފެމިލީ ލީގަލް ކްލިނިކް އިން މިއަދު ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން އާ ޙަވާލުކޮށްފިއެވެ.

FamilyLegalClinicGuideline2019-2.jpg

މި ގައިޑްލައިން ޙަވާލުކުރުމަށްޓަކައި މިއަދު ހެނދުނު ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުގައި ބޭއްވި ޙަފްލާގައި އެ ކްލިނިކްގެ ކޯ-ޗެއަރޕަރސަން އަލްއުސްތާޛާ ޝަފީޢާ ރިޟާ ވިދާޅުވީ ފެމިލީ ލީގަލް ކްލިނިކް އިން މަސައްކަތްކުރަމުން ދަނީ ރައްޔިތުންނަށް ފަސޭހަކަމާއެކީ ޢަދުލު އިންޞާފަށް ވާޞިލުވުމުގެ މަގު ފަހިކޮށްދިނުންކަމަށެވެ. އެގޮތުން މިފަދަ ގައިޑްލައިން އެއް ތައްޔާރުކުމުގެ މަޤްޞަދަކީ، ޢާއިލާއާ ބެހޭ މައްސަލަތަކާއި ގެވެށި އަނިޔާއިން ރައްކާތެރިވުމަށް އެދި ހުށަހަޅާ މައްސަލަތަކާ ގުޅިގެން ކޯޓުތަކަށް ފޯމު ހުށަހެޅުމުގައި ޢާންމު ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދީ ރައްޔިތުންނަށް ފަސޭހަކޮށްދިނުންކަމަށް ވިދާޅުވިއެވެ.

ފެމިލީ ލީގަލް ކްލިނިކް އިން ތައްޔާރުކޮށްފައިވާ ޢާއިލާއާ ބެހޭ މައްސަލަތަކާއި ގެވެށި އަނިޔާއިން ރައްކާތެރިވުމަށް އެދި ހުށަހަޅާ ފޯމް ފުރުމުގެ ގައިޑްލައިންގައި ޚަރަދުގެ މައްސަލަ ހުށަހަޅާ ފޯމް ފުރުމުގެ ގައިޑްލައިން އާއި، ޙަޟާނާތުގެ ދަޢުވާ ހުށަހަޅާ ފޯމް ފުރުމުގެ ގައިޑްލައިން އާއި، ޢާއިލީ އެހެނިހެން މައްސަލަތަކުގެ ދަޢުވާ ފޯމް ފުރުމުގެ ގައިޑްލައިން އާއި، ވަރިކުރުމަށް އެދި ހުށަހަޅާ ފޯމް ފުރުމުގެ ގައިޑްލައިން އާއި، ވަރިވުމަށް އެދި ހުށަހަޅާ ފޯމް ފުރުމުގެ ގައިޑްލައިން އާއި، ވަރި ސާބިތުކުރުމަށް އެދި ހުށަހަޅާ ފޯމް ފުރުމުގެ ގައިޑްލައިން އާއި، ވަގުތީ އަމުރުގެ ދަޢުވާ ހުށަހަޅާ ފޯމް ފުރުމުގެ ގައިޑްލައިން އަދި ގެވެށި އަނިޔާއިން ރައްކާތެރިކުރުމުގެ އަމުރަށް އެދި ހުށަހަޅާ ފޯމް ފުރުމުގެ ގައިޑްލައިން ހިމެނެއެވެ.