ސިންގަޕޯރ ކޯޕަރޭޝަން ޕްރޮގްރާމް ޓްރެއިނިންގ އެވޯޑްސް އިން އިންތިޒާމު ކޮށްގެން، ލީޑަރޝިޕް އިން ކޯޓް ގަވަރނަންސް ކޯހެއް ފަށައިފިއެވެ. 05 ދުވަހުގެ މުއްދަތަށް އޮންލައިންކޮށް ހިންގުމަށް ހަމަޖެހިފައިވާ މި ކޯސް ކުރިއަށްދާނީ 2020 އޮކްޓޫބަރު 05 އިން 09 އަށެވެ.
މި ކޯހަކީ ފަނޑިޔާރުންނާއި ކޯޓް އެޑްމިނިސްޓްރޭޓަރުންނަށް އަމާޒުކޮށްގެން ހިންގާ ކޯހެކެވެ. ޝަރުޢީ ދާއިރާގެ ހުރިހާ ފަނޑިޔާރުންނާއި ކޯޓް އެޑްމިނިސްޓްރޭޓަރުންނަށް ހުޅުވާލެވިގެން ކުރެވުނު އިއުލާނާ ގުޅިގެން 11 ފަރާތަކުން ކުރިމަތިލެއްވިއެވެ. ކުރިމަތިލެއްވި ފަރާތްތަކުގެ އެޕްލިކޭޝަންތައް ޖުޑީޝަރީގެ އެޗް.އާރ ކޮމިޓީން އެނަލައިޒްކުރައްވާ، ކޯހަށް ހޮވިފައިވަނީ އެންމެ މަތިން ޕޮއިންޓް ލިބުނު ފަރާތެވެ. މިގޮތުން މި ކޯހުގައި ބައިވެރިވުމަށް ލިބިފައިވާ ފުރުޞަތުގައި ބައިވެރިވެވަޑައިގަންނަވަނީ ސިވިލް ކޯޓުގެ ޤާޟީ އަލްއުސްތާޛު ޒުބައިރު މުޙައްމަދެވެ.
މި ކޯހުގައި މައިގަނޑު ގޮތެއްގައި ހިމެނިފައިވާ މައުޟޫތަކަކީ؛
- ކޯޓް އެޑްމިނިސްޓްރޭޝަން
- ކޯޓް އިނޮވޭޝަން އެންޑް ޓެކްނޮލޮޖީ
- އޯލްޓަރނޭޓިވް ޑިސްޕިއުޓް ރިޒޮލިއުޝަން
- ޖުޑީޝަލް އެޑިޔުކޭޝަން އެންޑް ރީފޯމް
މިއީ މި އަހަރުގެ މާރިޗު މަހު ސިންގަޕޫރުގައި ހިންގުމަށް ޕްލޭންކުރެވުނު ކޯހެއް ނަމަވެސް، ދުނިޔެއަށް ކުރިމަތިވި ކޮވިޑްގެ ޙާލަތާގުޅިގެން ފަސްކުރެވި، އޮންލައިންކޮށް ކުރިއަށްގެންދާ ކޯހެކެވެ.