ހައިކޯޓުގެ އިސްފަނޑިޔާރުކަމުގެ މަޤާމަށް އަލްއުސްތާޛު ޢަބްދުﷲ ދީދީ ހަމަޖައްސަވައިފި

didi

ދިވެހިރާއްޖޭގެ ހައިކޯޓުގެ އިސްފަނޑިޔާރުކަމުގެ މަޤާމަށް ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ދީދީ ހަމަޖެއްސުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން މިއަދު ނިންމައިފިއެވެ. ހައިކޯޓުގެ އިސްފަނޑިޔާރުކަމުގެ މަޤާމަށް އެކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ދީދީ ހަމަޖެއްސުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން ނިންމަވާފައިވަނީ އެ މަޤާމަށް ކުރިމަތިލެއްވި ހައިކޯޓުގެ ފަނޑިޔާރުންގެ ތެރެއިން “ފަނޑިޔާރުން ޢައްޔަންކުރުމުގައި ކޮމިޝަނަށް ލަފާދޭ ކޮމިޓީ” އިން ކަނޑައަޅުއްވާފައިވާ ކްރައިޓީރިއާ އާ އެއްގޮތަށް މާކްސް ދެއްވައި، އިންޓަރވިއު ކުރެއްވުމަށްފަހު އެކޮމިޓީން ކޮމިޝަނަށް ހުށަހެޅުއްވި ކަރުދާހުގައިވާ ފަރާތްތަކުގެ ތެރެއިން، ހައިކޯޓުގެ އިސްފަނޑިޔާރަކު ހަމަޖެއްސުމަށް މިއަދު އެ ކޮމިޝަނުގައި ނެގުނު ސިއްރު ވޯޓުންނެވެ. އަލްއުސްތާޛު ޢަބްދުﷲ ދީދީއަކީ، ޝަރީޢަތާއި ޤާނޫނުގެ ރޮނގުން މަތީ ތަޢުލީމު ޙާޞިލު ކުރައްވައިގެން ހުންނެވި ބޭފުޅެކެވެ. އެމަނިކުފާނު ހައިކޯޓުގެ ފަނޑިޔާރުކަމުގެ ހުވާ ކުރެއްވީ 2015 ވަނަ އަހަރުގެ ޖޫން މަހުގެ 8 ވަނަ ދުވަހުއެވެ. ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް ޢައްޔަން ކުރެއްވުމާ ހަމައަށް އެމަނިކުފާނު ހުންނެވީ ކްރިމިނަލް ކޯޓުގެ ޤާޟީކަމުގެ މަޤާމުގައެވެ. އަލްއުސްތާޛު ޢަބްދުﷲ ދީދީ ކުރިން ފުރުއްވާފައިވާ މަޤާމްތަކުގެ ތެރޭގައި ޖުވެނައިލް ކޯޓުގެ ޤާޟީކަމާއި ގއ. ދެއްވަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ކަމާއި ކ. ދިއްފުށީ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ކަމާއި، ކޯޓު ނަންބަރު 2 ގެ ޤާޟީކަން ހިމެނެއެވެ. މީގެ އިތުރުން ޖުޑީޝަލް ކައުންސިލްގެ މެންބަރު ކަމާއި ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރު ކަމާއި އެ ކޮމިޝަންގެ ނާއިބު ރައީސް ކަން ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ދީދީ ކުރައްވާފައިވެއެވެ.