ކޯޓު ކޮމްޕްލެކްސް އިމާރާތުގެ ކުރެހުމުގެ މަސައްކަތްނިމި ފެށޭއަހަރުގެ ޖެނުއަރީމަހުގެ ފުރަތަމަ ހަފްތާގެ ތެރޭގައި ޓެންޑަރ ބޯޑަށް ފޮނުވާލެވޭނެ

ސުޕީރިއަރ ކޯޓުތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމަށްޓަކައި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުގެ ފަރާތުން އިމާރާތްކުރަން ހަމަޖެހިފައިވާ 14 ބުރީގެ ކޯޓު ކޮމްޕްލެކްސް ޢިމާރާތުގެ ކުރެހުމާއި ބީއޯކިއު އަދި ޓެންޑަރ ޑޮކިއުމަންޓްސްގެ މަސައްކަތް ނިންމުމަށް ކުރަންޖެހޭ އެންމެ ފަހުގެ މަސައްކަތްތައް ކުރިޔަށްދާކަމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން މަޢުލޫމާތު ދެއްވައިފިއެވެ.
މި ޢިމާރާތުގެ ކޮންސެޕްޓް ޑިޒައިންގެ މަސައްކަތް ނިމި މިނިސްޓްރީ އޮފް ހައުސިން އެންޑް އިންފްރާސްޓްރަކްޗަރއިން އެޕްރޫވް ކުރުމާ ގުޅިގެން ޑީޓެއިލްޑް ޑްރޯވިންއާއި އެހެނިހެން ޑޮކިއުމަންޓްސް ތަކުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާކަމަށް މަސައްކަތް ޙަވާލުކުރެވިފައިވާ ފަރާތް ކަމަށްވާ ރިޔަން ޕްރައިވެޓް ލިމިޓެޑުން މަޢުލޫމާތު ދެއްވިއެވެ. އަދި މިއަހަރު ޑިސެމްބަރ މަހުގެ ފަހު ހަފްތާގެ ތެރޭގައި މަސައްކަތް ނިންމާ ޙަވާލުކުރާނެކަމަށްވެސް މަޢުލޫމާތު ދެއްވިއެވެ.

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުގެ ފަރާތުން ވިދާޅުވެފައި ވަނީ، 2015 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި މަސައްކަތް ނިމި ޓެންޑަރ ބޯޑަށް ފޮނުވޭނެކަމަށެވެ.