ރ. ވާދޫ ކޯޓަށް ދިމާވެފައިވާ ދަތިތަކާ މެދު މަޝްވަރާ ކުރައްވައިފި

vaadhoo 33

މާޅޮސްމަޑުލު އުތުރުބުރީ ވާދޫ ކޯޓަށް ދިމާވެފައިވާ ދަތިތަކާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވުމަށް ވާދޫ ކައުންސިލްގެ ރައީސް ޙުސެއިން ޢަލީ، ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ ޙަސަން ސަޢީދާ މިއަދު ބައްދަލު ކުރައްވައިފިއެވެ. ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގައި މިއަދު އޮތް ބައްދަލުވުމުގައި މާޅޮސްމަޑުލު އުތުރުބުރީ ވާދޫ ކައުންސިލްގެ ރައީސް ޙުސައިން ޢަލީ ވަނީ، ވާދޫގެ ތަރައްޤީއަށް ކައުންސިލުން ގެންގުޅުއްވާ ތަޞައްވުރު ޙިއްސާ ކުރައްވާފައެވެ. އަދި ރަށު ކައުންސިލްގެ އިދާރާއާ އެއްއިންވެގެން ހިނގަމުން އަންނަ ކޯޓަށް ދިމާވެފައިވާ ދަތިތަކާއި، އަދި ރަށު ކައުންސިލްގެ ތަޞައްވުރާ އެއްގޮތަށް ރަށުގައި ޒަމާނީ ފެންވަރުގެ ކޯޓެއް ގާއިމް ކުރުމަށް ރައްޔިތުންނާއި ކައުންސިލުން ބޭނުންފުޅުވާކަމަށާއި، އެކަމަށް ކައުންސިލުން މިހާރު ބިމެއް ކަނޑައަޅާފައިވާ ކަމުގައިވެސް އޭނާ މަޢުލޫމާތު ދެއްވިއެވެ.

ކޯޓު އިމާރާތް ކުރުމަށް ކައުންސިލުން ބިމެއް ދެއްވައިފިނަމަ، ކައުންސިލާއި ރައްޔިތުންގެ އުންމީދުތައް ޙަގީގަތަށް ހަދައިދެވޭނެކަމަށް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރގެ ވާހަކަފުޅުގައި ވިދާޅުވިއެވެ. އަދި 2016 ވަނަ އަހަރަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ހިންގުމަށް ހުށަހަޅާފައިވާ ޕީއެސްއައިޕީގެ ޕްރޮޖެކްޓްކުގެ މަޢްލޫމާތުވެސް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ މި ބައްދަލުވުމުގައި ޙިއްސާ ކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި، މާޅޮސްމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލް އުނގޫފާރު ދާއިރާގެ މެންބަރު ޢަބްދުﷲ ޝިހާމްއާއި އަތޮޅު ކައުންސިލްގެ އެސިސްޓެންޓް ޑައިރެކްޓަރ މުޙައްމަދު ޝިހާމްވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.