މެޖިސްޓްރޭޓް ކޯޓުތަކުން ނިންމި މައްސަލަތަކުގެ އަދަދު އިތުރުވެއްޖެ

MCs habaru 02

ވޭތުވެ ދިޔަ ހަފުތާގެ ނިޔަލަށް ނަގާފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މެޖިސްޓްރޭޓް ކޯޓުތަކަށް ހުށަހެޅި ނުނިމި ގިނަދުވަސްވެފައިވާ މައްސަލަތައް ނިންމުމަށްޓަކައި ކުރެވުނު މަސައްކަތުން ކުރިއެރުންތަކެއް ޙާޞިލުކުރެވެމުންދާކަން ވަނީ ފާހަގަ ކުރެވިފައެވެ.

ވޭތުވެދިޔަ ހަފުތާގެ ތެރޭގައި މެޖިސްޓްރޭޓް ކޯޓުތަކުން ނިންމާފައިވާ މައްސަލަތަކަށް ބަލާއިރު، އޭގެ ކުރީ ހަފުތާގައި ނިންމި މައްސަލަތަކަށްވުރެ %25.2 މައްސަލަ އިތުރަށް ނިންމާފައިވެއެވެ. ވޭތުވެދިޔަ ހަފުތާގައި 413 މައްސަލަ މެޖިސްޓްރޭޓް ކޯޓުތަކުން ނިންމާފައިވާއިރު، އޭގެ ކުރީ ހަފުތާގައި މެޖިސްޓްރޭޓް ކޯޓުތަކުން ނިންމާފައި މައްސަލައިގެ ޢަދަދަކީ 330 އެވެ.

މި ދިޔަ ހަފުތާގެ ތެރޭގައި މެޖިސްޓްރޭޓް ކޯޓުތަކަށް ހުށަހެޅިފައިވަނީ 169 މައްސަލައެވެ. އަދި ވޭތުވެ ދިޔަ ހަފުތާގެ ތެރޭގައި މެޖިސްޓްރޭޓް ކޯޓުތަކުގައި ޖުމްލަ 448 ހިއަރިންގ ބޭއްވިފައި ވެއެވެ. ދިވެހިރާއްޖޭގެ މެޖިސްޓްރޭޓް ކޯޓުތަކުގައި މިވަގުތު މަސައްކަތްކުރައްވާ މެޖިސްޓްރޭޓުންގެ ޢަދަދަކީ 137 އެވެ.

ވޭތުވެދިޔަ ހަފުތާގެ ތަފާސްހިސާބަށް ބަލާއިރު، އެންމެ ގިނަ މައްސަލަ ހުށަހަޅާފައިވަނީ ސ. އަތޮޅުގެ މެޖިސްޓްރޭޓް ކޯޓުތަކަށެވެ. އަދި މި މުއްދަތުގައި އެންމެ ގިނައިން މައްސަލަތައް ނިންމާފައިވަނީ ލ. އަތޮޅުގެ މެޖިސްޓްރޭޓް ކޯޓުތަކުންނެވެ. ލ. އަތޮޅުގެ މެޖިސްޓްރޭޓް ކޯޓުތަކުން މުޅި ޖުމްލަ 99 މައްސަލަ މި މުއްދަތުގައި ވަނީ ނިންމާފައެވެ.

ހަފުތާ ނިމުނު އިރު، ނުނިމިހުރި މައްސަލަތައް އެންމެ ގިނައީ ހދ. އަތޮޅުގެ މެޖިސްޓްރޭޓް ކޯޓުތަކުގައެވެ. އޭގެ ކުރީ ހަފުތާގައި ނުނިމިހުރި މައްސަލަތަކާއެކު، ވޭތުވެދިޔަ ހަފުތާގެ ނިޔަލަށް ނުނިމިހުރި މައްސަލައިގެ ޢަދަދަކީ 527 އެވެ.

މެޖިސްޓްރޭޓް ކޯޓުތަކުގެ ތެރެއިން ނުނިމި ހުރި މައްސަލަތައް އެންމެ ގިނަކަމަށް ފާހަގަކުރެވިފައިވާ 12 މެޖިސްޓްރޭޓް ކޯޓުގައި ނުނިމި ގިނަ ދުވަސްވެފައިވާ މައްސަލަތައް ނިންމުމަށްޓަކައި، ޝަރުޢީ ވަފުދުތައް ގެންދަވަނީ ކޯޓުތަކުގައި މަސައްކަތް ކުރައްވަމުންނެވެ. ކޯޓުތަކަށް ހުށަހެޅިފައިވާ މައްސަލަތައް ކުޑައަޑިވަންދެން މި ވަފުދުތަކުން އަތޮޅު ތެރޭގައި މަސައްކަތްކުރައްވަމުން ގެންދަވާނެއެވެ.

ޝަރުޢީ ކޯޓުތަކުގައި އެކަށީގެންވާ ވަރަށްވުރެ މާދިގު މުއްދަތަކަށް ނުނިމި ލަސްވެފައިވާ މައްސަލަތައް ހުރިކަން ފާހަގަކުރެވިފައިވާތީ، ކޯޓުތަކުގައި ހުރި މިފަދަ މައްސަލަތައް ނިންމޭނެ ގޮތަކަށް މައްސަލަތައް މެނޭޖްކުރުމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 08/2015 ޢާއްމު ސިޓީން 12 އޮގަސްޓް 2015 ޝަރުޢީ ކޯޓުތަކަށް އަންގަވާފައި ވެއެވެ.