ކަރަންޓުގެ ޚިދުމަތް މެދުކެނޑިފައިވީނަމަވެސް ގދ.ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ މަސައްކަތްތައް މެދުކެނޑުމެއް ނެތި ކުރިޔަށް ދިޔަ

25 ޖަނަވަރީ 2016 ވަނަ ދުވަހުގެ ދަންވަރުގެ ވަގުތެއްގައި ގދ.ތިނަދޫ އިންޖީނުގޭގައި އަލިފާން ރޯވުމުގެ ސަބަބުން ރަށުން ކަރަންޓުގެ ޚިދުމަތް މެދުކެނޑިފައިވީ ނަމަވެސް ގދ.ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ މަސައްކަތްތައް އެހެނިހެން ރަސްމީ ދުވަސްދުވަހެކޭ އެއްގޮތަށް  ވަނީ ކުރިޔަށް ގެންގޮސްފައެވެ. އެގޮތުން އެހެނިހެން ރަސްމީ ދުވަސްދުވަހެކޭ އެއްގޮތަށް ހެނދުނު 8:00 ގައި ކޯޓުގެ ރަސްމީ މަސައްކަތްތައް ފަށައި، ރައްޔިތުންނަށް ދޭންޖެހޭ ޚިދުމަތް ދެމުންގޮސްފައިވެއެވެ.

ގދ.ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް އަލްފާޟިލް އަޙްމަދު ޝަރީފް ވިދާޅުވިގޮތުގައި ޝަރީޢަތުގެ އަޑުއެހުމެއް ކުރިޔަށް ނުދިޔަކަމުގައިވީނަމަވެސް މުއްދަތު ޖެހުމުގެ މައްސަލަތައް ކޯޓުގައި ވަނީ ކުރިޔަށް ގެންގޮސްފައެވެ. ކަރަންޓުގެ ޚިދުމަތް ނެތުމާއެކު ކޯޓުގައި ކުރިޔަށް ދިޔަ މިފަދަ މައްސަލަތަކުގައި ލިޔުންތައް ތައްޔާރުކޮށްފައިވަނީ ކޮޕީ ކަރުދާސް ބޭނުންކޮށްގެން، ކުށުގެ ތުހުމަތުކުރެވިފައިވާ ފަރާތާއި މޯލްޑިވްސް ޕޮލިސް ސަރވިސްއަށާއި ކޯޓަށް ކޮޕީއެއް އޮންނާނޭ ގޮތަށް، އަތު ލިޔުމުންނެވެ.

މިގެ އިތުރުން ފޯމް ބަލައިގަތުމާއި ކޯޓަށް ހުށަހަޅާ ޝަރީޢަތާ ގުޅުންހުރި ލިޔުންތައް ބަލައިގަތުމުގެ މަސައްކަތްވެސް ކުރިޔަށް ދިޔައެވެ. އަދި މަޢުލޫމާތު ސާފުކުރުމަށް ކޯޓަށް ޙާޟިރުވާ ފަރާތްތަކަށް މަޢުލޫމާތު ފޯރުކޮށްދިނުމުގެ މަސައްކަތްވެސް ކުރިޔަށް ގެންގޮސްފައިވެއެވެ،

މިއަދުގެ މެންދުރު 1:45 ހާއިރު ގދ.ތިނަދޫ މެޖިސްޓްރޭޓް ކޯޓަށް ވަނީ ކަރަންޓުގެ ޚިދުމަތް ލިބެން ފަށާފައެވެ.

ކަރަންޓުގެ ޚިދުމަތް މެދުކެނޑިފައިވީ ދަނޑިވަޅުގައި ގދ.ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ މުވައްޒަފުން ކެއްތެރިކަމާއެކު ކުރެއްވި މަސައްކަތް ގދ.ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް އަލްފާޟިލް އަޙްމަދު ޝަރީފް ފާހަގަކުރެއްވިއެވެ.