ނައިފަރު މެޖިސްޓްރޭޓް ކޯޓު އައު ޢިމާރާތަށް ބަދަލުކުރުމުގެ މަސައްކަތް ކުރިއަށްދަނީ

naifaru0100

ޅ. ނައިފަރު މެޖިސްޓްރޭޓް ކޯޓު ހިންގުމަށްޓަކައި ޢިމާރާތްކޮށްފައިވާ އެ ކޯޓުގެ އައު ޢިމާރާތަށް ކޯޓުގެ ހިންގުން ބަދަލުކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ފަށައިގެން ކުރިއަށް އެބަދެއެވެ.

ކޯޓުގެ ހިންގުން އައު ޢިމާރާތަށް ބަދަލުކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް މި ޑިޕާޓްމަންޓްގެ ޓީމެއް ޅ. ނައިފަރަށްގޮސް އެމަސައްކަތުގައި ދަނީ ޙަރަކާތްތެރިވަމުންނެވެ.

naifaru000

2 ބުރިއަށް ޢިމާރާތްކޮށްފައިވާ ނައިފަރު މެޖިސްޓްރޭޓް ކޯޓަކީ ޝަރީޢަތްކުރުމަށް ޚާއްޞަ 2 ކޯޓު ރޫމާއި، 2 މެޖިސްޓްރޭޓް ރޫމާއި، އިދާރީ މަސައްކަތްކުރުމަށް ޚާއްޞަ ބަޔަކާއި، ކޮންފަރެންސް ހޯލެއްގެ އިތުރުން، އަރުޝީފަކާއި ސްޓޯރ ރޫމެއްވެސް ހިމެނޭގޮތަށް ފަރުމާކޮށްފައިވާ ކޯޓެކެވެ.

އަދި މީގެއިތުރުންވެސް، ވަކީލުންނަށް ޚާއްޞަކުރެވިފައިވާ ބަޔަކާއި، ކޯޓަށް ޙާޟިރުކުރެވޭ ފަރާތްތައް ބޭތިއްބުމަށް ޚާއްޞަ ކުރެވިފައިވާ ބައެއްގެ އިތުރުން އެކޮމަޑޭޝަން ރޫމެއްވެސް ޅ. ނައިފަރު މެޖިސްޓްރޭޓް ކޯޓުގެ އައު ޢިމާރާތުގައި ހިމެނެއެވެ.

naifaru01

ނައިފަރު މެޖިސްޓްރޭޓް ކޯޓުގެ އައު ޢިމާރާތުގެ ތިރީބައި ޚާއްޞަކުރެވިފައިވަނީ ކޯޓުގައި ހިންގާ ޝަރީޢަތްތައް ހިންގުމަށެވެ. އަދި މަތީބައި ޚާއްޞަކުރެވިފައިވަނީ އިދާރީ މަސައްކަތްތަކަށާއި ކޯޓުގެ އަރުޝީފަށެވެ.

ކޯޓު މިހާރު ހިންގަމުންދާ 4 ކޮޓަރީގެ ޢިމާރާތުން އައު ޢިމާރާތަށް ކޯޓު ބަދަލުކޮށް، އަންނަ އާދީއްތަ ދުވަހުން ފެށިގެން ކޯޓުގެ ޚިދުމަތްތައް ދިނުމަށް ހަމަޖެހިފައިވަނީ ކޯޓުގެ އައު ޢިމާރާތުގައެވެ.