ފަނޑިޔާރުންގެ މަހާސިންތާ 2016 ނިންމުމުގެ ރަސްމިއްޔާތުގައި، ޝަރުޢީ ދާއިރާއަކީ އެއްބަޔަކު އަނެއްބަޔަކަށް އިޙްތިރާމްކުރާ، އަދި މުވައްޒަފުންގެ އަގު ވަޒަންކުރާ އެކުވެރި ބަޔަކު އުޅޭ ދާއިރާއަކަށް ހެއްދެވުމަށް، ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަބްދުﷲ ސަޢީދު އެދިވަޑައިގެންފައިވެއެވެ.
މިގޮތުން، ރަމަޟާންމަހާ ދިމާކޮށް އެކި ކޯޓުތަކުން ބާއްވަމުން ގެންދާ މާހެފުމުގެ ޙަރަކާތަކީވެސް އިސްވެ ދެންނެވުނު މަޤުޞަދު ޙާޞިލްކުރެވޭނޭހެން، އެންމެން ގުޅިގެން އާއިލީ ޙަރަކާތެއްގެ ގޮތުގައި ބޭއްވޭ ކަމަކަށް ހެއްދެވުމަށްވެސް ވަނީ އެދިވަޑައިގެންފައެވެ.
ލ. ފޮނަދޫ މެޖިސްޓްރޭޓް ކޯޓުގެ މުވައްޒަފުން އިންތިޒާމުކުރި، 1437 ވަނަ އަހަރުގެ ރަމަޟާންމަހުގެ އާއިލީ މާހެފުން މިއަދު އެކޯޓުގައި ވަނީ ބާއްވާފައެވެ. މިއަދު ހަވީރު ބޭއްވުނު އާއިލީ މާހެފުން ރަމްޒުކޮށްދޭ ގޮތަށް މުވައްޒަފުންވަނީ ކޭކެއްވެސް ތައްޔާރުކޮށްފައެވެ.
ފޮނަދޫ މެޖިސްޓްރޭޓް ކޯޓުގެ މުވައްޒަފުން އިންތިޒާމުކޮށްގެން ބޭއްވި މި މާހެފުމުގައި، އެ ކޯޓުގެ ހުރިހާ މެޖިސްޓްރޭޓުންނާއި، މުވައްޒަފުންނާއި، މެޖިސްޓްރޭޓުންނާއި މުވައްޒަފުންގެ އާއިލާގެ މެންބަރުންގެ އިތުރުން، ލ. ގަމު މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓުންނާއި މެޖިސްޓްރޭޓުންގެ އާއިލާތަކުންވެސް މި މާހެފުމުގައި ބައިވެރިވެފައި ވެއެވެ.