ކޯޓެއް ޤާއިމްކުރެވިފައިވާ ރަށުން ބޭރުގައި އެ ކޯޓެއްގެ ޑިވިޜަނެއް ނުވަތަ ފެސިލިޓީއެއް ޤާއިމްކުރުމާގުޅޭ ސަރކިއުލަރ

supreme

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2009/01/SC ސަރކިއުލަރގެ ދަށުން ޝަރުޢީ ދާއިރާގެ ބޭނުމަށްޓަކައި ހޯދަންޖެހޭ އިމާރާތްތައް ހޯދުމާއި އިމާރާތްކުރަންޖެހޭ ތަންތަން ކަނޑައަޅާ އިމާރާތްކުރުމާއި މަރާމާތުކުރަންޖެހޭ ތަންތަން މަރާމާތުކޮށް ބެލެހެއްޓޭނެ އިންތިޒާމު ހަމަޖެއްސުމަކީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ކަނޑައަޅާ އުޞޫލެއްގެ ދަށުން، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ މަސްއޫލިއްޔަތެއްކަމަށް އެ ސަރކިއުލަރގައި ކަނޑައަޅާފައިވާތީ، ކޯޓެއް ޤާއިމްކުރެވިފައިވާ ތަން ފިޔަވައި އެހެންތަނެއްގައި، ޝަރީޢަތް ހިންގުމަށްޓަކައި ކޯޓުގެ ޑިވިޜަނެއް ނުވަތަ ފެސިލިޓީއެއް ހަމަޖެހިފައިވާ އުޞޫލުން ބޭރުން އެއްވެސް ފަރާތަކުން ޤާއިމްކޮށްގެން ނުވާނެކަމަށާއި އެ ފެސިލިޓީއެއް ޤާއިމްކުރާނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނިންމާ ނިންމުމެއްގެ މައްޗަށް ކަމުގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2016/01/SC (19 ޖަނަވަރީ 2016) ސަރކިއުލަރ އިން އަންގަވައިފިއެވެ.

އިތުރަށް ވިދާޅުވުމަށް...

އިސްތިއުނާފުކުރުމަށް އެދި ހުށަހެޅުމުން އެ މައްސަލައިގެ ފައިލް ލިޔުންތަކާއެކު، ސީދާ ހައިކޯޓުގެ ދެކުނު ގޮތްޕަށް ހުށަހަޅަމުން ގެންދިއުމަށް އަންގަވައިފި

highcourtsouth

16 ޑިސެމްބަރު 2015 އިން ފެށިގެން، ހައިކޯޓުގެ ދެކުނު ގޮފީގެ މަސައްކަތްތައް ރަސްމީކޮށް ފެށިފައިވާތީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2015/SC/07 ސަރކިއުލަރގައި ބަޔާންކުރެވިފައިވާ ގޮތުގެމަތިން ދިވެހިރާއްޖޭގެ ދެކުނުގައި ޤާއިމްކުރެވިފައިވާ ހައިކޯޓުގެ ގޮތްޕަށް ނިސްބަތްވާ ސަރަޙައްދުތަކުގެ ކޯޓުތަކާއި ޓްރައިބިއުނަލްތަކުން ނިންމާ މައްސަލަތައް، އިސްތިއުނާފުކުރުމަށް އެދި އެ މައްސަލައެއް ނިންމި ކޯޓަށް ނުވަތަ ޓްރައިބިއުނަލަށް ހުށަހެޅުމުން އެ މައްސަލައިގެ ފައިލް ލިޔުންތަކާއެކު، ސީދާ ހައިކޯޓުގެ ދެކުނު ގޮތްޕަށް ހުށަހަޅަމުން ގެންދިއުމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން އަންގަވައިފިއެވެ. މިގޮތަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން އަންގަވާފައިވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 04/2016 (19 ޖަނަވަރީ 2016) ޢާއްމު ސިޓީންނެވެ.

އިތުރަށް ވިދާޅުވުމަށް...

ޖުޑީޝަލް އެކަޑަމީ އިފްތިތާޙްކޮށްދެއްވައިފި

ImageLLt

ޖުޑީޝަލް އެކަޑަމީ މިއަދު އިފްތިތާޙްކޮށްދެއްވައިފިއެވެ. ޖުޑީޝަލް އެކަޑެމީ އިފްތިތާޙްކޮށްދެއްވީ އެކަމަށްޓަކައި މިއަދު ހެނދުނު ވިލިމާލޭގައި ހުންނަ ކުރީގެ ޖުޑީޝަލް ޓްރޭނިންގ ސެންޓަރުގައި ބޭއްވި ރަސްމިއްޔާތުގައި ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަބްދުﷲ ސަޢީދުއާއި، އެމަނިކުފާނުގެ ދަޢުވަތަކަށް މިހާރު ރާއްޖެއަށް ޒިޔާރަތް ކުރައްވަމުންގެންދަވާ ސަޢޫދީ ޢަރަބިއްޔާގެ މިނިސްޓްރީ އޮފް ޖަސްޓިސްގެ ވަފުދުގެ ރައީސް، ސަޢޫދީ ޢަރަބިއްޔާގެ މިނިސްޓްރީ އޮފް ޖަސްޓިސްގެ މުޝްރިފުލް ޢާންމު އަލްމުސްތަޝާރު މަޢާލީ އައްޝެއިޚް ޔޫސިފް ބިން ޢަބްދުލްއަޒީޒް އަލްފައްރާޖް އެވެ.

އިތުރަށް ވިދާޅުވުމަށް...

ސަޢޫދީ ޢަރަބިއްޔާގެ ވަފުދާއެކު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ބާއްވަވާ ރަސްމީ މަޝްވަރާތައް ކުރިޔަށް ދަނީ

image7

ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަބްދުﷲ ސަޢީދުގެ ދަޢުވަތަކަށް ރާއްޖެއަށް ޒިޔާރަތް ކުރައްވާ ސަޢޫދީ ޢަރަބިއްޔާގެ މިނިސްޓްރީ އޮފް ޖަސްޓިސްގެ ވަފުދުގެ ބޭފުޅުންނާއެކު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ބާއްވަވާ ރަސްމީ މަޝްވަރާތައް ފަށައިފިއެވެ.

ސަޢޫދީ ޢަރަބިއްޔާގެ މިނިސްޓްރީ އޮފް ޖަސްޓިސްގެ ގެ ވަފުދުގެ ބޭފުޅުންނާ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަބްދުﷲ ސަޢީދު ބައްދަލު ކުރައްވައިފި

image1 4

ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަބްދުﷲ ސަޢީދު ގެ ދަޢުވަތަކަށް ރާއްޖެއަށް ޒިޔާރަތް ކުރައްވާ ސަޢޫދީ ޢަރަބިއްޔާގެ މިނިސްޓްރީ އޮފް ޖަސްޓިސްގެ ގެ ވަފުދުގެ ބޭފުޅުންނާ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަބްދުﷲ ސަޢީދު ބައްދަލު ކުރައްވައިފިއެވެ. މި ބައްދަލުވުން އޮތީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައެވެ.

އިތުރަށް ވިދާޅުވުމަށް...

ސަޢޫދީ ޢަރަބިއްޔާގެ މިނިސްޓްރީ އޮފް ޖަސްޓިސްގެ ވަފުދު ދިވެހިރާއްޖެއަށް ވަޑައިގަތުމާ ގުޅޭ

image2

ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަބްދުﷲ ސަޢީދު ގެ ދަޢުވަތަކަށް ސަޢޫދީ ޢަރަބިއްޔާގެ މިނިސްޓްރީ އޮފް ޖަސްޓިސްގެ ވަފުދެއް މިއަދު ރާއްޖެ ވަޑައިގެންފިއެވެ. މިވަފުދުގެ ރައީސަކީ ސަޢޫދީ ޢަރަބިއްޔާގެ މިނިސްޓްރީ އޮފް ޖަސްޓިސްގެ މުޝްރިފުލް ޢާންމު އަލްމުސްތަޝާރު މަޢާލީ އައްޝެއިޚް ޔޫސިފް ބިން ޢަބްދުލްއަޒީޒް އަލްފައްރާޖް އެވެ. މި ވަފުދުގައި، ވަފުދުގެ ރައީސް މަޢާލީ އައްޝެއިޚް ޔޫސިފް ބިން ޢަބްދުލްއަޒީޒް އަލްފައްރާޖް އާއެކު ޖުމްލަ 7 ބޭފުޅުން ހިމެނިވަޑައިގަންނަވައެވެ. އެ ބޭފުޅުންނަކީ:

އިތުރަށް ވިދާޅުވުމަށް...

ޢުމުރު ބަދަލުކުރުމަށް އެދި ހުށަހަޅާ މައްސަލަތަކުގައި ޢަމަލުކުރާނެ ގޮތުގެ އުޞޫލު

ރާއްޖޭގެ ކޯޓުތަކަށް ހުށަހެޅޭ މައްސަލަތަކުގެ ތެރެއިން ޢުމުރު ބަދަލުކުރުމަށް އެދި ހުށަހަޅާ މައްސަލަތައް ބެލުމުގައި ޢަމަލުކުރާނެ ގޮތުގެ އުޞޫލު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2016/03 ޢާއްމު ސިޓީން 11 ނޮވެމްބަރު 2016 ވަނަ ދުވަހު ވަނީ ޢާއްމުކުރައްވާފައެވެ. ޢުމުރު ބަދަލުކުރުމަށް އެދި ހުށަހަޅާ މައްސަލަތައް ޝަރީޢަތުން ބެއްލެވުމުގައި ޢަމަލުކުރަންވީ ގޮތާގުޅޭ ގޮތުން މި އުޞޫލުގައި ބަޔާންކޮށްފައިވާ ކަންތައްތައް ތިރީގައި އެވަނީއެވެ.

1. އުފަން ތާރީޚް އަންގައިދޭ ރަސްމީ ލިޔުމެއް އޮތްނަމަ، އުފަންދުވަސް ކަނޑައެޅުމުގައި ހެއްކެއްގެ ގޮތުގައި ބަލާނީ (ހެއްކާބެހޭ ޤާނޫނުގެ 5 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން) އުފަންތާރީޚްއަންގައިދޭ ރަސްމީ ލިޔުމަކަށެވެ. އެހެން ނަމަވެސް، ރަސްމީ ލިޔުމެއްގައި އޮތް ޢުމުރަކީ އަޞްލު ޢުމުރުނޫންކަމަށް ސަލާމަތް ބުއްދިއަށް ޤަބޫލުކުރެވޭނަމަ (މިސާލަކަށް ބޭބެއަށްވުރެ ކޮއްކޮގެ ޢުމުރު ދޮށިވުން ނުވަތަ މައިންބަފައިންނާ ދަރިފުޅުގެ ޢުމުރު ދާދި އެއްވަރުވުން) އެފަދަ މައްސަލައެއްގައި ޢުމުރާބެހޭ ގޮތުން ގޮތެއް ނިންމާނީ ޢުމުރު ބަދަލުކުރަން ހުށަހަޅާފައިވާ ސަބަބަށް ރިޢާޔަތްކުރުމަށްފަހު ހެކިންގެ ހެކިބަހުންނެވެ.

 

2. އުފަންތާރީޚް އަންގައިދޭ އެއް ލިޔުމަށްވުރެ ގިނަ ލިޔުން ހުރެ އަދި އެ ލިޔުންތަކުގައިވާ މަޢުލޫމާތު ތަފާތުނަމަ، އުފަންތާރީޚް ކަނޑައެޅުމުގައި ބަލާނީ އެތަނުން އެންމެ ޞައްޙަކަން ބޮޑު ލިޔުމަކަށެވެ. ނަމަވެސް، އެތަނުން އެއް ލިޔުމަކީ ޤާނޫނީ ހަމަތަކާ އެއްގޮތްވާ ގޮތުގެމަތިން ޝަރީޢަތުން އުފަންތާރީޚާބެހޭ ގޮތުން ގޮތެއް ކަނޑައަޅާފައިވާ ލިޔުމެއްކަމަށްވާނަމަ، އުފަންތާރީޚް ކަނޑައަޅާނި ޝަރީޢަތުން ގޮތެއް ކަނޑައަޅާފައިވާ ލިޔުމުގެ މައްޗަށް ބިނާކޮށެވެ.

3. އުފަންތާރީޚް އަންގައިދޭ އެއްވެސް ރަސްމީ ލިޔުމެއް ނެތްކަން ޝަރީޢަތަށް ސާބިތުވާ ޙާލަތެއްގައި، އުފަންތާރީޚާބެހޭ ގޮތުން ގޮތެއް ކަނޑައަޅާނީ ހެކިންގެ ހެކިބަހުންނެވެ.

ޢުމުރު ބަދަލުކުރުމަށް އެދި ހުށަހަޅާ މައްސަލަތަކުގައި ޝަރީޢަތުން ގޮތެއް ކަނޑައަޅަންވާނީ، ބުނެވިދިޔަ ކަންތައްތަކުގެ އިތުރުން، އެ މައްސަލައެއްގެ ބާވަތަށާއި ހުށަހަޅާފައިވާ ލިޔުންތަކަށް ރިޢާޔަތްކުރުމަށްފަހު އޭނާ ރަށްވެހިވެފައިވާ ރަށެއްގެ ރަށު ކައުންސިލަށް ނުވަތަ މާލޭ ސިޓީ ކައުންސިލަށް، ނުވަތަ ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަނަށް ނުވަތަ މިނޫނަސް މިފަދަ މަޢުލޫމާތު ރައްކާތެރިކޮށް ބެލެހެއްޓުމަށް ޚާއްޞަކުރެވިފައިވާ އިދާރާތަކަށް ޢުމުރާބެހޭ ގޮތުން ލިޔެ އިތުރަށް މަޢުލޫމާތު ސާފުކޮށް ކަށަވަރުކުރުމަށްފަހު އެ ލިބުނު މަޢުލޫމާތަކަށާއި އަދި މިނޫނަސް ކޯޓުން ޤަބޫލުކުރާ، ރަސްމީ ލިޔުންތަކަށް ރިޢާޔަތްކުރުމަށްފަހުގައި ކަމަށް އުޞޫލުގައި ބަޔާންކޮށްފައިވެއެވެ.

ޢުމުރު ބަދަލުކުރުމަށް އެދި ހުށަހަޅާ މައްސަލަތަކުގައި ޢަމަލުކުރާނެ ގޮތުގެ އުޞޫލު ވިދާޅުވުމަށް

ފަނޑިޔާރުން މައްސަލަތަކުން ތަނާޒުލްވުމާގުޅޭ

ދިވެހިރާއްޖޭގެ އެއްވެސް ކޯޓެއްގެ ފަނޑިޔާރަކާ ޙަވާލުވެފައިވާ މައްސަލައަކުން ތަނާޒުލުވާންވާނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 02/2014 ޢާއްމު ސިޓީގައި ބުނެފައިވާ ގޮތުގެމަތިން، ސުޕްރީމް ކޯޓުގެ ހުއްދަ ޤަވާޢިދުން ލިބިގެން ކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2016/02 ޢާއްމު ސިޓީން އަންގަވައިފިއެވެ. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން މިގޮތަށް އަންގަވާފައި މިވަނީ މިހާރަކަށް އައިސް ގިނަ ޢަދަދެއްގެ ފަނޑިޔާރުން މަޤުބޫލު ސަބަބެއްނެތި މައްސަލަތައް ބެލުމުން ތަނާޒުލުވަމުން ދިއުމާ ގުޅިގެން، އަވަސްކަމާއެކު ފޯރުކޮށްދޭންޖެހޭ ޢަދުލު އިންޞާފް ޤާއިމްކުރުމުގެ މަސައްކަތަށް ހުރަސްތަކެއް ކުރިމަތިވަމުންދާކަން ފާހަގަކުރެވިފައިވާތީ އެވެ.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 02/2014 ޢާއްމު ސިޓީގައި ފަނޑިޔާރުން މައްސަލަތަކުން ތަނާޒުލްވުމާގުޅޭ ގޮތުން އަންގަވާފައިވަނީ، މައްސަލަ ބަލަމުންދާ މެޖިސްޓްރޭޓަކު މައްސަލައަކުން ތަނާޒުލްވެއްޖެނަމަ އެ މައްސަލައެއް ބެލުމަށް މެޖިސްޓްރޭޓަކު ހަމަޖެއްސުމަށް ލިޔާނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ކަމަށެވެ.

އެކިއެކި ސަބަބުތަކާ ހުރެ ފަނޑިޔާރުން ތަނާޒުލްވުމާ ބެހޭ ޤަވާޢިދުތަކާއި އެފަދަ މައްސަލަތައް ބަލާނެ ފަރާތެއް ހަމަޖައްސާނެ އުޞޫލު ކަނޑައެޅުމަކީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މަސްއޫލިއްޔަތެއް ކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2011/03/SC (10 އޯގަސްޓް 2011) ސަރކިއުލަރ އިން  2011 ވަނަ އަހަރު ވަނީ ކަނޑައަޅުއްވާފައެވެ.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2016/02 ޢާއްމު ސިޓީ ވިދާޅުވުމަށް

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 02/2014 ޢާއްމު ސިޓީ ވިދާޅުވުމަށް

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2011/03/SC (10 އޯގަސްޓް 2011) ސަރކިއުލަރ ވިދާޅުވުމަށް

ފަނޑިޔާރުން ޗުއްޓީ ނެންގެވުމާ ގުޅޭ

ދިވެހިރާއްޖޭގެ އެއްވެސް ކޯޓެއްގެ ފަނޑިޔާރަކު ޗުއްޓީ ހަމަޖައްސަންވާނީ އެކަން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހަޅައި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ހުއްދަ ލިބިގެން ކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 01/2016 ޢާއްމު ސިޓީން ކޯޓުތަކަށާއި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށާއި ކަމާބެހޭ ދައުލަތުގެ އިދާރާތަކަށް އަންގަވައިފިއެވެ.

މިގޮތަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން އަންގަވާފައި މިވަނީ، މިހާރަކަށް އައިސް އެއްފަހަރަކާ ގިނަ އަދަދެއްގެ ފަނޑިޔާރުން ޗުއްޓީގައި ތިއްބަވާތީ ކޯޓުތަކުގައި ޝަރީޢަތް ބޭއްވުމަށް ހަމަޖެހިފައިވާ ޖަދުވަލުތަކާ އެއްގޮތަށް ޝަރީޢަތް ބޭއްވުމަށް ހުރަސް އެޅެމުންދާ ކަން ފާހަގަކުރެވިފައިވާތީ ކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޢާއްމު ސިޓީގައި ފާހަގަކުރައްވާފައިވެއެވެ.

ޢާއްމު ސިޓީ ވިދާޅުވުމަށް

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓާއި ދިވެހިރާއްޖޭގެ އެންމެހައި ކޯޓުތައް ރިސެސްއަށް ދިއުން ފަސްކުރުން

01 ޑިސެމްބަރ 2015 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ރިސެސް، 2015 ވަނަ އަހަރުގެ ޑިސެމްބަރ މަހުގެ އެހެން ތާރީޚެއްގައި ފަށާގޮތަށް ފަސްކުރުމަށާއި ރިސެސް ފަށާ ތާރީޚެއް ފަހުން އިޢުލާންކުރުމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ވަނީ ކަނޑައަޅުއްވާފައެވެ.

އަދި މީގެއިތުރުން، މިވަގުތު ކޯޓުތައް ރިސެސްއަށް ދިއުމަކީ ޤައުމީ މަޞްލަޙަތު ތަންދޭކަމަކަށްނުވާތީ، ދިވެހިރާއްޖޭގެ ޝަރުޢީ ނިޒާމުގެ ތެރޭގައި ހިމެނޭ އެންމެހައި ކޯޓުތަކުން ދިވެހި ރައްޔިތުންނަށް ފޯރުކޮށްދެމުން ގެންދާ ދުސްތޫރީ މަސްޢޫލިއްޔަތު ކުރިއެކޭ އެއްފަދައަކުން އަދާކުރުންމަތީ ދެމިތިބުމަށް 29 ނޮވެމްބަރ 2015 ވަނަ ދުވަހު ނެރުއްވާފައިވާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ކޯޓު އަމުރުން ހުރިހާ ކޯޓުތަކަށް ވަނީ އަންގަވާފައެވެ.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އަމުރު ވިދާޅުވުމަށް

ޖިނާއީ ކޯޓުގެ ނަންބަރު 132/Cr-C/2015 ޤަޟިއްޔާއާ ގުޅިގެން ޕްރޮސެކިއުޓަރ ޖެނެރަލްގެ ފަރާތުން ހުށަހަޅައިފައިވާ މައްސަލައިގެ އިޖުރާއީ އަޑުއެހުމެއް ބާއްވައިފި

ގ. ކެނެރީގެ، މުޙައްމަދު ނަޝީދުގެ މައްޗަށް ޖިނާއީ ކޯޓުގެ ނަންބަރު 132/Cr-C/2015 ޤަޟިއްޔާ އާއި އަދި އެ ޤަޟިއްޔާގައި ޙުކުމްކުރެއްވި ކުރެއްވުމުގައި ދިވެހިރާއްޖޭގެ ޤާނޫނުތަކާއި ޤަވާޢިދުތަކުގެ ދަށުން އިޖުރާއީ ގޮތުން އަޅަންޖެހޭ ފިޔަވަޅެއް ނޭޅިވޭތޯ އާއި އަދި އެ މައްސަލަ ހިންގާ ޙުކުމްކުރެއްވުމުގައި ޤާނޫނާއި ޚިލާފު އެއްވެސް ކަމެއް ހިނގާފައިވޭތޯ ކަށަވަރުކޮށްދިނުން އެދި ދައުލަތުގެ ޕްރޮސެކިއުޓަރ ޖެނެރަލްގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ އިޖުރާއީ އަޑުއެހުމެއް 25 ނޮވެމްބަރ 2015 ވީ ބުދަ ދުވަހުގެ 13:30 ގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ބޭއްވުނެވެ.

އިޖުރާއީ އަޑުއެހުމުގައި ދައުލަތުގެ ޕްރޮސެކިއުޓަރ ޖެނެރަލްގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކާ ބެހޭގޮތުން ސާފުކުރަންޖެހޭ ކަންތައްތައް ސާފުކުރުމަށްފަހު އަޑުއެހުން ނިންމާލައިފައިވަނީ މި މައްސަލައާ ގުޅިގެން އިތުރު ފަރާތްތަކެއް ޙާޟިރުކުރަންޖެހޭނަމަ، އެ ފަރާތްތަކުގެ ޙާޟިރުގައި މި މައްސަލައިގެ އިތުރު އަޑުއެހުމެއް ބޭއްވޭނެކަމަށް އިޢުލާނުކުރުމަށްފަހުއެވެ.