އޯޑިއޯ ނުވަތަ އޯޑިއޯ ވީޑިއޯ މެދުވެރިކޮށް ޝަރީޢަތް ހިންގުމުގައި ޢަމަލުކުރާނެ ގޮތުގެ ޤަވާޢިދު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން 21 ޖަނަވަރީ 2014 ވަނަ ދުވަހު ޢާއްމުކުރައްވައިފިއެވެ. މި ޤަވާޢިދަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 7 ވަނަ މާއްދާއާއި 141 ވަނަ މާއްދާއާއި 156 ވަނަ މާއްދާއާއި ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 96 ވަނަ މާއްދާގެ ދަށުން، ޚަސްމުން ނުވަތަ ހެކިން ޝަރީޢަތުގެ މަޖިލިހަށް ޙާޟިރުކޮށް، ބަޔާން ނެގުމަށް އުޒުރުވެރިވާ ޙާލަތްތަކުގައި ޝަރީއަތް ހިންގުމުގައި ޢަދުލު އިންޞާފުގެ ހަމަތައް ނުގެއްލޭނެގޮތުގެ މަތިން އަވަސްކަމާއި ރައްކާތެރިކަމާއެކު އިންޞާފު ފޯރުކޮށްދިނުމުގެ ގޮތުން އޯޑިއޯ ނުވަތަ އޯޑިއޯ ވީޑިއޯ މެދުވެރިކޮށް ޝަރީޢަތް ހިންގާނޭ އުޞޫލުތައް ކަނޑައެޅުމަށްޓަކައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ޢާއްމުކުރައްވާފައިވާ ޤަވާޢިދެކެވެ.
ދަށު ކޯޓުތަކުގެ ފަނޑިޔާރުން އެއް ކޯޓުން އަނެއް ކޯޓަށް ބަދަލުކުރުމާ ބެހޭ އުޞޫލު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ވަނީ 20 ޖަނަވަރީ 2016 ގައި ޢާއްމުކުރައްވާފައެވެ. މި އުޞޫލަކީ ޤާނޫނު ނަންބަރު 2010/03 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) ގެ 47 ވަނަ މާއްދާގެ ދަށުން ފަނޑިޔާރުން އެއް ކޯޓުން އަނެއް ކޯޓަށް ބަދަލުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ އުޞޫލެވެ.
ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 47 ވަނަ މާއްދާ: ފަނޑިޔާރަކު މަސައްކަތް ކުރަމުން އައި ކޯޓު އުވިގެންދާ މަރުޙަލާ ފިޔަވައި، އެހެން ޙާލަތްތަކުގައި، އެއްވެސް ފަނޑިޔާރަކު އޭނާ ޢައްޔަންކުރެވޭ ކޯޓު ނޫން އެހެން ކޯޓަކަށް ބަދަލުކުރަންވާނީ، ޖުޑީޝަލް ކައުންސިލްގެ ހުށަހެޅުމަކަށެވެ. މިގޮތުން ފަނޑިޔާރަކު އެހެން ކޯޓަކަށް ބަދަލުކުރާނަމަ، ބަދަލުކުރެވޭނީ އެ ފަނޑިޔާރަކު މަސައްކަތްކުރަމުން އައި ކޯޓާ އެއްފަދަ، އެއް ދަރަޖައެއްގެ ކޯޓަކަށެވެ.
ކޯޓުތަކަށް ހުށަހެޅޭ މައްސަލަތައް އަވަސްކުރުމަށްޓަކައި ބެލެނިވެރިކަމުގެ އިޙްތިޞާޞްގެ ދަށުން ފިޔަވަޅު އެޅުމާގުޅޭ ސަރކިއުލަރ (ނަންބަރު: 2016/02/SC) 20 ޖަނަވަރީ 2016 ވަނަ ދުވަހު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ވަނީ ޢާއްމުކުރައްވާފައެވެ.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2009/01/SC ސަރކިއުލަރގެ ދަށުން ޝަރުޢީ ދާއިރާގެ ބޭނުމަށްޓަކައި ހޯދަންޖެހޭ އިމާރާތްތައް ހޯދުމާއި އިމާރާތްކުރަންޖެހޭ ތަންތަން ކަނޑައަޅާ އިމާރާތްކުރުމާއި މަރާމާތުކުރަންޖެހޭ ތަންތަން މަރާމާތުކޮށް ބެލެހެއްޓޭނެ އިންތިޒާމު ހަމަޖެއްސުމަކީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ކަނޑައަޅާ އުޞޫލެއްގެ ދަށުން، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ މަސްއޫލިއްޔަތެއްކަމަށް އެ ސަރކިއުލަރގައި ކަނޑައަޅާފައިވާތީ، ކޯޓެއް ޤާއިމްކުރެވިފައިވާ ތަން ފިޔަވައި އެހެންތަނެއްގައި، ޝަރީޢަތް ހިންގުމަށްޓަކައި ކޯޓުގެ ޑިވިޜަނެއް ނުވަތަ ފެސިލިޓީއެއް ހަމަޖެހިފައިވާ އުޞޫލުން ބޭރުން އެއްވެސް ފަރާތަކުން ޤާއިމްކޮށްގެން ނުވާނެކަމަށާއި އެ ފެސިލިޓީއެއް ޤާއިމްކުރާނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނިންމާ ނިންމުމެއްގެ މައްޗަށް ކަމުގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2016/01/SC (19 ޖަނަވަރީ 2016) ސަރކިއުލަރ އިން އަންގަވައިފިއެވެ.
16 ޑިސެމްބަރު 2015 އިން ފެށިގެން، ހައިކޯޓުގެ ދެކުނު ގޮފީގެ މަސައްކަތްތައް ރަސްމީކޮށް ފެށިފައިވާތީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2015/SC/07 ސަރކިއުލަރގައި ބަޔާންކުރެވިފައިވާ ގޮތުގެމަތިން ދިވެހިރާއްޖޭގެ ދެކުނުގައި ޤާއިމްކުރެވިފައިވާ ހައިކޯޓުގެ ގޮތްޕަށް ނިސްބަތްވާ ސަރަޙައްދުތަކުގެ ކޯޓުތަކާއި ޓްރައިބިއުނަލްތަކުން ނިންމާ މައްސަލަތައް، އިސްތިއުނާފުކުރުމަށް އެދި އެ މައްސަލައެއް ނިންމި ކޯޓަށް ނުވަތަ ޓްރައިބިއުނަލަށް ހުށަހެޅުމުން އެ މައްސަލައިގެ ފައިލް ލިޔުންތަކާއެކު، ސީދާ ހައިކޯޓުގެ ދެކުނު ގޮތްޕަށް ހުށަހަޅަމުން ގެންދިއުމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން އަންގަވައިފިއެވެ. މިގޮތަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން އަންގަވާފައިވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 04/2016 (19 ޖަނަވަރީ 2016) ޢާއްމު ސިޓީންނެވެ.
ޖުޑީޝަލް އެކަޑަމީ މިއަދު އިފްތިތާޙްކޮށްދެއްވައިފިއެވެ. ޖުޑީޝަލް އެކަޑެމީ އިފްތިތާޙްކޮށްދެއްވީ އެކަމަށްޓަކައި މިއަދު ހެނދުނު ވިލިމާލޭގައި ހުންނަ ކުރީގެ ޖުޑީޝަލް ޓްރޭނިންގ ސެންޓަރުގައި ބޭއްވި ރަސްމިއްޔާތުގައި ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަބްދުﷲ ސަޢީދުއާއި، އެމަނިކުފާނުގެ ދަޢުވަތަކަށް މިހާރު ރާއްޖެއަށް ޒިޔާރަތް ކުރައްވަމުންގެންދަވާ ސަޢޫދީ ޢަރަބިއްޔާގެ މިނިސްޓްރީ އޮފް ޖަސްޓިސްގެ ވަފުދުގެ ރައީސް، ސަޢޫދީ ޢަރަބިއްޔާގެ މިނިސްޓްރީ އޮފް ޖަސްޓިސްގެ މުޝްރިފުލް ޢާންމު އަލްމުސްތަޝާރު މަޢާލީ އައްޝެއިޚް ޔޫސިފް ބިން ޢަބްދުލްއަޒީޒް އަލްފައްރާޖް އެވެ.
ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަބްދުﷲ ސަޢީދުގެ ދަޢުވަތަކަށް ރާއްޖެއަށް ޒިޔާރަތް ކުރައްވާ ސަޢޫދީ ޢަރަބިއްޔާގެ މިނިސްޓްރީ އޮފް ޖަސްޓިސްގެ ވަފުދުގެ ބޭފުޅުންނާއެކު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ބާއްވަވާ ރަސްމީ މަޝްވަރާތައް ފަށައިފިއެވެ.
ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަބްދުﷲ ސަޢީދު ގެ ދަޢުވަތަކަށް ރާއްޖެއަށް ޒިޔާރަތް ކުރައްވާ ސަޢޫދީ ޢަރަބިއްޔާގެ މިނިސްޓްރީ އޮފް ޖަސްޓިސްގެ ގެ ވަފުދުގެ ބޭފުޅުންނާ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަބްދުﷲ ސަޢީދު ބައްދަލު ކުރައްވައިފިއެވެ. މި ބައްދަލުވުން އޮތީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައެވެ.
ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަބްދުﷲ ސަޢީދު ގެ ދަޢުވަތަކަށް ސަޢޫދީ ޢަރަބިއްޔާގެ މިނިސްޓްރީ އޮފް ޖަސްޓިސްގެ ވަފުދެއް މިއަދު ރާއްޖެ ވަޑައިގެންފިއެވެ. މިވަފުދުގެ ރައީސަކީ ސަޢޫދީ ޢަރަބިއްޔާގެ މިނިސްޓްރީ އޮފް ޖަސްޓިސްގެ މުޝްރިފުލް ޢާންމު އަލްމުސްތަޝާރު މަޢާލީ އައްޝެއިޚް ޔޫސިފް ބިން ޢަބްދުލްއަޒީޒް އަލްފައްރާޖް އެވެ. މި ވަފުދުގައި، ވަފުދުގެ ރައީސް މަޢާލީ އައްޝެއިޚް ޔޫސިފް ބިން ޢަބްދުލްއަޒީޒް އަލްފައްރާޖް އާއެކު ޖުމްލަ 7 ބޭފުޅުން ހިމެނިވަޑައިގަންނަވައެވެ. އެ ބޭފުޅުންނަކީ:
ރާއްޖޭގެ ކޯޓުތަކަށް ހުށަހެޅޭ މައްސަލަތަކުގެ ތެރެއިން ޢުމުރު ބަދަލުކުރުމަށް އެދި ހުށަހަޅާ މައްސަލަތައް ބެލުމުގައި ޢަމަލުކުރާނެ ގޮތުގެ އުޞޫލު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2016/03 ޢާއްމު ސިޓީން 11 ނޮވެމްބަރު 2016 ވަނަ ދުވަހު ވަނީ ޢާއްމުކުރައްވާފައެވެ. ޢުމުރު ބަދަލުކުރުމަށް އެދި ހުށަހަޅާ މައްސަލަތައް ޝަރީޢަތުން ބެއްލެވުމުގައި ޢަމަލުކުރަންވީ ގޮތާގުޅޭ ގޮތުން މި އުޞޫލުގައި ބަޔާންކޮށްފައިވާ ކަންތައްތައް ތިރީގައި އެވަނީއެވެ.
1. އުފަން ތާރީޚް އަންގައިދޭ ރަސްމީ ލިޔުމެއް އޮތްނަމަ، އުފަންދުވަސް ކަނޑައެޅުމުގައި ހެއްކެއްގެ ގޮތުގައި ބަލާނީ (ހެއްކާބެހޭ ޤާނޫނުގެ 5 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން) އުފަންތާރީޚްއަންގައިދޭ ރަސްމީ ލިޔުމަކަށެވެ. އެހެން ނަމަވެސް، ރަސްމީ ލިޔުމެއްގައި އޮތް ޢުމުރަކީ އަޞްލު ޢުމުރުނޫންކަމަށް ސަލާމަތް ބުއްދިއަށް ޤަބޫލުކުރެވޭނަމަ (މިސާލަކަށް ބޭބެއަށްވުރެ ކޮއްކޮގެ ޢުމުރު ދޮށިވުން ނުވަތަ މައިންބަފައިންނާ ދަރިފުޅުގެ ޢުމުރު ދާދި އެއްވަރުވުން) އެފަދަ މައްސަލައެއްގައި ޢުމުރާބެހޭ ގޮތުން ގޮތެއް ނިންމާނީ ޢުމުރު ބަދަލުކުރަން ހުށަހަޅާފައިވާ ސަބަބަށް ރިޢާޔަތްކުރުމަށްފަހު ހެކިންގެ ހެކިބަހުންނެވެ.
2. އުފަންތާރީޚް އަންގައިދޭ އެއް ލިޔުމަށްވުރެ ގިނަ ލިޔުން ހުރެ އަދި އެ ލިޔުންތަކުގައިވާ މަޢުލޫމާތު ތަފާތުނަމަ، އުފަންތާރީޚް ކަނޑައެޅުމުގައި ބަލާނީ އެތަނުން އެންމެ ޞައްޙަކަން ބޮޑު ލިޔުމަކަށެވެ. ނަމަވެސް، އެތަނުން އެއް ލިޔުމަކީ ޤާނޫނީ ހަމަތަކާ އެއްގޮތްވާ ގޮތުގެމަތިން ޝަރީޢަތުން އުފަންތާރީޚާބެހޭ ގޮތުން ގޮތެއް ކަނޑައަޅާފައިވާ ލިޔުމެއްކަމަށްވާނަމަ، އުފަންތާރީޚް ކަނޑައަޅާނި ޝަރީޢަތުން ގޮތެއް ކަނޑައަޅާފައިވާ ލިޔުމުގެ މައްޗަށް ބިނާކޮށެވެ.
3. އުފަންތާރީޚް އަންގައިދޭ އެއްވެސް ރަސްމީ ލިޔުމެއް ނެތްކަން ޝަރީޢަތަށް ސާބިތުވާ ޙާލަތެއްގައި، އުފަންތާރީޚާބެހޭ ގޮތުން ގޮތެއް ކަނޑައަޅާނީ ހެކިންގެ ހެކިބަހުންނެވެ.
ޢުމުރު ބަދަލުކުރުމަށް އެދި ހުށަހަޅާ މައްސަލަތަކުގައި ޝަރީޢަތުން ގޮތެއް ކަނޑައަޅަންވާނީ، ބުނެވިދިޔަ ކަންތައްތަކުގެ އިތުރުން، އެ މައްސަލައެއްގެ ބާވަތަށާއި ހުށަހަޅާފައިވާ ލިޔުންތަކަށް ރިޢާޔަތްކުރުމަށްފަހު އޭނާ ރަށްވެހިވެފައިވާ ރަށެއްގެ ރަށު ކައުންސިލަށް ނުވަތަ މާލޭ ސިޓީ ކައުންސިލަށް، ނުވަތަ ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަނަށް ނުވަތަ މިނޫނަސް މިފަދަ މަޢުލޫމާތު ރައްކާތެރިކޮށް ބެލެހެއްޓުމަށް ޚާއްޞަކުރެވިފައިވާ އިދާރާތަކަށް ޢުމުރާބެހޭ ގޮތުން ލިޔެ އިތުރަށް މަޢުލޫމާތު ސާފުކޮށް ކަށަވަރުކުރުމަށްފަހު އެ ލިބުނު މަޢުލޫމާތަކަށާއި އަދި މިނޫނަސް ކޯޓުން ޤަބޫލުކުރާ، ރަސްމީ ލިޔުންތަކަށް ރިޢާޔަތްކުރުމަށްފަހުގައި ކަމަށް އުޞޫލުގައި ބަޔާންކޮށްފައިވެއެވެ.
ޢުމުރު ބަދަލުކުރުމަށް އެދި ހުށަހަޅާ މައްސަލަތަކުގައި ޢަމަލުކުރާނެ ގޮތުގެ އުޞޫލު ވިދާޅުވުމަށް
ދިވެހިރާއްޖޭގެ އެއްވެސް ކޯޓެއްގެ ފަނޑިޔާރަކާ ޙަވާލުވެފައިވާ މައްސަލައަކުން ތަނާޒުލުވާންވާނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 02/2014 ޢާއްމު ސިޓީގައި ބުނެފައިވާ ގޮތުގެމަތިން، ސުޕްރީމް ކޯޓުގެ ހުއްދަ ޤަވާޢިދުން ލިބިގެން ކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2016/02 ޢާއްމު ސިޓީން އަންގަވައިފިއެވެ. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން މިގޮތަށް އަންގަވާފައި މިވަނީ މިހާރަކަށް އައިސް ގިނަ ޢަދަދެއްގެ ފަނޑިޔާރުން މަޤުބޫލު ސަބަބެއްނެތި މައްސަލަތައް ބެލުމުން ތަނާޒުލުވަމުން ދިއުމާ ގުޅިގެން، އަވަސްކަމާއެކު ފޯރުކޮށްދޭންޖެހޭ ޢަދުލު އިންޞާފް ޤާއިމްކުރުމުގެ މަސައްކަތަށް ހުރަސްތަކެއް ކުރިމަތިވަމުންދާކަން ފާހަގަކުރެވިފައިވާތީ އެވެ.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 02/2014 ޢާއްމު ސިޓީގައި ފަނޑިޔާރުން މައްސަލަތަކުން ތަނާޒުލްވުމާގުޅޭ ގޮތުން އަންގަވާފައިވަނީ، މައްސަލަ ބަލަމުންދާ މެޖިސްޓްރޭޓަކު މައްސަލައަކުން ތަނާޒުލްވެއްޖެނަމަ އެ މައްސަލައެއް ބެލުމަށް މެޖިސްޓްރޭޓަކު ހަމަޖެއްސުމަށް ލިޔާނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ކަމަށެވެ.
އެކިއެކި ސަބަބުތަކާ ހުރެ ފަނޑިޔާރުން ތަނާޒުލްވުމާ ބެހޭ ޤަވާޢިދުތަކާއި އެފަދަ މައްސަލަތައް ބަލާނެ ފަރާތެއް ހަމަޖައްސާނެ އުޞޫލު ކަނޑައެޅުމަކީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މަސްއޫލިއްޔަތެއް ކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2011/03/SC (10 އޯގަސްޓް 2011) ސަރކިއުލަރ އިން 2011 ވަނަ އަހަރު ވަނީ ކަނޑައަޅުއްވާފައެވެ.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2016/02 ޢާއްމު ސިޓީ ވިދާޅުވުމަށް
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 02/2014 ޢާއްމު ސިޓީ ވިދާޅުވުމަށް
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2011/03/SC (10 އޯގަސްޓް 2011) ސަރކިއުލަރ ވިދާޅުވުމަށް