ފަނޑިޔާރުން މައްސަލަތަކުން ތަނާޒުލްވުމާގުޅޭ

ދިވެހިރާއްޖޭގެ އެއްވެސް ކޯޓެއްގެ ފަނޑިޔާރަކާ ޙަވާލުވެފައިވާ މައްސަލައަކުން ތަނާޒުލުވާންވާނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 02/2014 ޢާއްމު ސިޓީގައި ބުނެފައިވާ ގޮތުގެމަތިން، ސުޕްރީމް ކޯޓުގެ ހުއްދަ ޤަވާޢިދުން ލިބިގެން ކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2016/02 ޢާއްމު ސިޓީން އަންގަވައިފިއެވެ. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން މިގޮތަށް އަންގަވާފައި މިވަނީ މިހާރަކަށް އައިސް ގިނަ ޢަދަދެއްގެ ފަނޑިޔާރުން މަޤުބޫލު ސަބަބެއްނެތި މައްސަލަތައް ބެލުމުން ތަނާޒުލުވަމުން ދިއުމާ ގުޅިގެން، އަވަސްކަމާއެކު ފޯރުކޮށްދޭންޖެހޭ ޢަދުލު އިންޞާފް ޤާއިމްކުރުމުގެ މަސައްކަތަށް ހުރަސްތަކެއް ކުރިމަތިވަމުންދާކަން ފާހަގަކުރެވިފައިވާތީ އެވެ.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 02/2014 ޢާއްމު ސިޓީގައި ފަނޑިޔާރުން މައްސަލަތަކުން ތަނާޒުލްވުމާގުޅޭ ގޮތުން އަންގަވާފައިވަނީ، މައްސަލަ ބަލަމުންދާ މެޖިސްޓްރޭޓަކު މައްސަލައަކުން ތަނާޒުލްވެއްޖެނަމަ އެ މައްސަލައެއް ބެލުމަށް މެޖިސްޓްރޭޓަކު ހަމަޖެއްސުމަށް ލިޔާނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ކަމަށެވެ.

އެކިއެކި ސަބަބުތަކާ ހުރެ ފަނޑިޔާރުން ތަނާޒުލްވުމާ ބެހޭ ޤަވާޢިދުތަކާއި އެފަދަ މައްސަލަތައް ބަލާނެ ފަރާތެއް ހަމަޖައްސާނެ އުޞޫލު ކަނޑައެޅުމަކީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މަސްއޫލިއްޔަތެއް ކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2011/03/SC (10 އޯގަސްޓް 2011) ސަރކިއުލަރ އިން  2011 ވަނަ އަހަރު ވަނީ ކަނޑައަޅުއްވާފައެވެ.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2016/02 ޢާއްމު ސިޓީ ވިދާޅުވުމަށް

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 02/2014 ޢާއްމު ސިޓީ ވިދާޅުވުމަށް

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2011/03/SC (10 އޯގަސްޓް 2011) ސަރކިއުލަރ ވިދާޅުވުމަށް