ޖުޑީޝަލް އެކަޑަމީ އިފްތިތާޙްކޮށްދެއްވައިފި

ImageLLt

ޖުޑީޝަލް އެކަޑަމީ މިއަދު އިފްތިތާޙްކޮށްދެއްވައިފިއެވެ. ޖުޑީޝަލް އެކަޑެމީ އިފްތިތާޙްކޮށްދެއްވީ އެކަމަށްޓަކައި މިއަދު ހެނދުނު ވިލިމާލޭގައި ހުންނަ ކުރީގެ ޖުޑީޝަލް ޓްރޭނިންގ ސެންޓަރުގައި ބޭއްވި ރަސްމިއްޔާތުގައި ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަބްދުﷲ ސަޢީދުއާއި، އެމަނިކުފާނުގެ ދަޢުވަތަކަށް މިހާރު ރާއްޖެއަށް ޒިޔާރަތް ކުރައްވަމުންގެންދަވާ ސަޢޫދީ ޢަރަބިއްޔާގެ މިނިސްޓްރީ އޮފް ޖަސްޓިސްގެ ވަފުދުގެ ރައީސް، ސަޢޫދީ ޢަރަބިއްޔާގެ މިނިސްޓްރީ އޮފް ޖަސްޓިސްގެ މުޝްރިފުލް ޢާންމު އަލްމުސްތަޝާރު މަޢާލީ އައްޝެއިޚް ޔޫސިފް ބިން ޢަބްދުލްއަޒީޒް އަލްފައްރާޖް އެވެ.

ޤުރުއާނުގެ ބަރަކާތުން ފެށުނު މި ރަސްމިއްޔާތުގައި، ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަބްދުﷲ ސަޢީދުއާއި ސަޢޫދީ ޢަރަބިއްޔާގެ މިނިސްޓްރީ އޮފް ޖަސްޓިސްގެ މުޝްރިފުލް ޢާންމު އަލްމުސްތަޝާރު މަޢާލީ އައްޝެއިޚް ޔޫސިފް ބިން ޢަބްދުލްއަޒީޒް އަލްފައްރާޖް، ޖުޑީޝަލް އެކަޑަމީގެ ނަން ބޯޑުގެ ފަރުދާ ކައްސަވައިދެއްވައި، ދިވެހިރާއްޖޭގެ ޤައުމީ ދިދައާއި ޖުޑީޝަރީގެ ދިދަ، ޖުޑީޝަލް އެކަޑަމީގެ އިމާރާތުގައި ނަންގަވައިދެއްވިއެވެ.

ޖުޑީޝަލް އެކަޑަމީ އިފްތިތާޙްކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަބްދުﷲ ސަޢީދު ދެއްކެވި ވާހަކަފުޅުގައި، ޢަރަބި އިސްލާމީ ޤައުމުތަކުން ދިވެހިރާއްޖޭގެ ޝަރުޢީ ދާއިރާއަށް ލިބެމުންދާ، އަދި ލިބިފައިވާ އެހީތެރިކަން ފާހަގަކުރެއްވިއެވެ. އަދި ޚާއްޞަގޮތެއްގައި، ސަޢޫދީ ޢަރަބިއްޔާއިން ދިވެހިރާއްޖޭގެ ޝަރުޢީ ދާއިރާއަށް ވޭތުވެދިޔަ ތަނުގައި ލިބިފައިވާ އެހީތެރިކަން ފާހަގަކުރައްވައި، އެކަމަށްޓަކައި ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްއަޒީޒް އަލްސުޢޫދު އަށް ޝުކުރު އަދާކުރެއްވިއެވެ. ރާއްޖޭގެ ޝަރުޢީ ދާއިރާއަކީ ޒަމާނުއްސުރެ ޢަރަބިކަރައިން ދަންނަ ބޭކަލުން ވަޑައިގެން ޚިދުމަތްކުރެއްވި ދާއިރާއެއްކަން ފާހަގަކުރައްވައި، ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަބްދުﷲ ސަޢީދު، އެބޭކަލުންގެ ޒިކުރާ އައު ކުރެއްވިއެވެ.

ImageLL

ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަބްދުﷲ ސަޢީދުގެ ވާހަކަފުޅުގައި، ޖުޑީޝަލް އެކަޑަމީ ހިންގުމަށް ބޭނުންވާ ފަންނީ އަދި މާއްދީ އެހީތެރިކަން ސަޢޫދީ ޢަރަބިއްޔާއިން ލިބޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ވިދާޅުވިއެވެ. އަދި ސަޢޫދީ ޢަރަބިއްޔާގެ މިނިސްޓަރ އޮފް ޖަސްޓިސް، ދިވެހިރާއްޖެއަށް ރަސްމީ ޒިޔާރަތެއްކުރެއްވުމަށް ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު އަބުދުﷲ ސަޢީދު ދެއްވާފައިވާ ދަޢުވަތު ތަކުރާރުކުރެއްވިއެވެ.

imageE

ސަޢޫދީ ޢަރަބިއްޔާގެ އިމާމް މުޙައްމަދު ބިން ސުޢޫދު ޔުނިވަރސިޓީގެ ފަނޑިޔާރުން ތަމްރީން ކުރާ މަރުކަޒުގައި ދިވެހިރާއްޖޭގެ ފަނޑިޔާރުން ތަމްރީން ކުރުމަށް ފުރުޞަތު ލިބިގެން ދިޔުމަކީ ދެކެވަޑައިގަންނަވަން ބޭނުންފުޅުވާ ހުވަފެނެއް ކަމުގައި އުއްތަމަ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު އަބުދުﷲ ސަޢީދު ވިދާޅުވިއެވެ.

ސަޢޫދީ ޢަރަބިއްޔާގެ މިނިސްޓްރީ އޮފް ޖަސްޓިސްގެ މުޝްރިފުލް ޢާންމު އަލްމުސްތަޝާރު މަޢާލީ އައްޝެއިޚް ޔޫސިފް ބިން ޢަބްދުލްއަޒީޒް އަލްފައްރާޖް، މި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައި ޚާދިމުލް ހަރްމައިން އައްޝަރީފައިން ކިންގް ޢަބްދުﷲ ބިން ޢަބްދުލްއަޒީޒް އަލްސުޢޫދު ހުންނެވީ ރާއްޖޭގެ ޝަރުޢީ ދާއިރާއަށް އެހީތެރިކަން ބޭނުންވާ ދާއިރާތަކުން އެޙީތެރިކަން ދެއްވުމަށްކަން ހާމަކުރެއްވިއެވެ. އަދި ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު އަބުދުﷲ ސަޢީދު އެދިވަޑައިގެންނެވި ފަދައިން، ފަނޑިޔާރުން ތަރައްޤީކޮށް ތަމްރީން ދިނުމުގައި މެދުއިރުމަތީގައި ކުރިއަރާފައިވާ އިމާމް މުޙައްމަދު ބިން ސުޢޫދު ޔުނިވަރސިޓީގެ ފަނޑިޔާރުން ތަމްރީން ކުރާ މަރުކަޒުން ރާއްޖޭގެ ފަނޑިޔާރުންނާއި ފަނޑިޔާރުންނަށް އެހީތެރިވާ ފަރާތްތައް ތަމްރީން ކޮށްދިނުމުގެ މަސައްކަތް ކޮށްދެއްވާނެކަމަށް ވިދާޅުވިއެވެ. އަދި ސަޢޫދީ ޢަރަބިއްޔާގެ މިނިސްޓްރީ އޮފް ޖަސްޓިސް ގެ ފަރާތުން ވަކީލުންނާއި އެފަދަ ފަރާތްތަކަށް ތަމްރީން ދިނުމަށް ހިންގަވާ މަރުކަޒުގެ އެހީތެރިކަން، ރާއްޖޭގެ ޝަރުޢީ ދާއިރާ ތަރައްޤީކުރުމަށް ލިބޭނެކަން ވެސް ސަޢޫދީ ޢަރަބިއްޔާގެ މިނިސްޓްރީ އޮފް ޖަސްޓިސްގެ މުޝްރިފުލް ޢާންމު އަލްމުސްތަޝާރު މަޢާލީ އައްޝެއިޚް ޔޫސިފް ބިން ޢަބްދުލްއަޒީޒް އަލްފައްރާޖް ފާހަގަކުރެއްވިއެވެ. ސަޢޫދީ ޢަރަބިއްޔާގެ މިނިސްޓްރީ އޮފް ޖަސްޓިސްގެ ވަފުދު ދިވެހިރާއްޖެއަށް މިކުރެއްވި ޒިޔާރަތުގައި ބޭއްވެވި ބައްދަލުވުންތަކުގައި، ރާއްޖޭގެ ޝަރުޢީ ދާއިރާއާ ގުޅޭގޮތުން ނުހަނު ގިނަ މަޢުލޫމާތު ލިބިވަޑައިގެންކަން ފާހަގަކުރައްވައި، އެކަމަށްޓަކައި އެމަނިކުފާނު ޝުކުރުއަދާކުރެއްވިއެވެ. އަދި މިއީ ދެޤައުމުގެ ޝަރުޢީ ދާއިރާގެ ގުޅުން ބަދަހިކުރުމަށްޓަކައި ހުޅުވައިލެވުނު މުޅިން އައު ޞަފްޙާއެއް ކަމަށާއި މީގެ ސަބަބުން ތަމްރީނުގެ ފުރުޞަތުތަކާއި ތަޖުރިބާ ބަދަލުކުރުމުގެ ފުރުޞަތުތައް ދިވެހިރާއްޖޭގެ ޝަރުޢީ ދާއިރާއަށް ފަހިވެގެންދާނެކަމަށް ވިދާޅުވިއެވެ. އަދި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓާއި ސަޢޫދީ ޢަރަބިއްޔާގެ މިނިސްޓްރީ އޮފް ޖަސްޓިސްއާ ދެމެދު ދާދި އަވަހަށް މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިންގ އެއްގައި ސޮއިކުރެވިގެންދާނެ ކަމުގެ އުފާވެރި ޚަބަރުވެސް އެމަނިކުފާނު ދެއްވިއެވެ.

imageJ

މި ރަސްމިއްޔާތު ނިންމާލައްވަމުން، ޝުކުރުއަދާކުރެއްވުމަށްޓަކައި ވާހަކަފުޅު ދެއްކެވީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު އާދަމް މުޙައްމަދު އެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވި ގޮތުގައި، ޝަރުޢީ ދާއިރާގެ ތަރައްޤީއަށްޓަކައި ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ކޮށްދެއްވަމުން ގެންދަވާ ޚިދުމަތްތަކަށް ޝުކުރުއަދާކުރެއްވިއެވެ. ހަމައެއާއެކު، ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަބްދުﷲ ސަޢީދު، އުއްތަމަ ފަނޑިޔާރުކަމާ ޙަވާލުވެވަޑައިގެންނެވި ދުވަހުން ފެށިގެން ރާއްޖޭގެ ޝަރުޢީ ދާއިރާ ތަރައްޤީކުރުމަށްޓަކައި ކުރައްވަމުންގެންދަވާ މަސައްކަތްޕުޅު ފާހަގަކުރެއްވިއެވެ. އަދި ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު ސަޢޫދީ ޢަރަބިއްޔާގެ މިނިސްޓްރީ އޮފް ޖަސްޓިސްގެ ވަފުދެއް ދިވެހިރާއްޖެއަށް ފޮނުއްވިކަމަށްޓަކައި އެމަނިކުފާނަށް ވެސް ޝުކުރުއަދާކުރެއްވިއެވެ.

ޖުޑީޝަލް އެކަޑަމީ ހުޅުވުމުގެ ރަސްމިއްޔާތު އޮތީ ވިލިމާލޭގައި ހުންނަ ޖުޑީޝަލް އެކަޑަމީ އިމާރާތުގައެވެ. މި ރަސްމިއްޔާތުގައި ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަބްދުﷲ ސަޢީދުއާއި އެމަނިކުފާނުގެ ދަޢުވަތަކަށް މިހާރު ރާއްޖެއަށް ޒިޔާރަތް ކުރައްވައިގެން އުޅުއްވާ ސަޢޫދީ ޢަރަބިއްޔާގެ މިނިސްޓްރީ އޮފް ޖަސްޓިސްގެ ވަފުދުގެ ރައީސް، ސަޢޫދީ ޢަރަބިއްޔާގެ މިނިސްޓްރީ އޮފް ޖަސްޓިސްގެ މުޝްރިފުލް ޢާންމު އަލްމުސްތަޝާރު މަޢާލީ އައްޝެއިޚް ޔޫސިފް ބިން ޢަބްދުލްއަޒީޒް އަލްފައްރާޖްގެ އިތުރުން، ސަޢޫދީ ޢަރަބިއްޔާގެ މިނިސްޓްރީ އޮފް ޖަސްޓިސްގެ ވަފުދުގެ ބޭފުޅުންނާއި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާއި ދިވެހިރާއްޖޭގެ ހައިކޯޓުގެ އިސްފަނޑިޔާރާއި ހައިކޯޓުގެ ފަނޑިޔާރުންނާއި، ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ އާއި ބައެއް ސުޕީރިއަރ ކޯޓުތަކުގެ އިސްޤާޟީންނާއި ސުޕީރިއަރ ކޯޓުތަކުގެ ޤާޟީންނާއި ޝަރުޢީ ދާއިރާގެ މުވައްޒަފުން ބައިވެރިވެވަޑައިގެންނެވިއެވެ.

imageCimageHimageIimageKimageLimageM