ހައި ކޯޓު / އުތުރު ގޮތްޕާއި، ހައި ކޯޓު / ދެކުނު ގޮތްޕަށް ފަނޑިޔާރުން ހަމަޖެއްސުމާބެހޭ

ދިވެހިރާއްޖޭގެ އުތުރާއި ދެކުނުގައި ޤާއިމްކޮށްފައިވާ ހައި ކޯޓުގެ ގޮފިތަކަށް އެކޯޓުގެ ފަނޑިޔާރުންގެ ތެރެއިން ފަނޑިޔާރުން ހަމަޖެއްސުމުގައި ޢަމަލު ކުރާނެ ގޮތުގެ ޤަވާޢިދު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ވަނީ ޝާއިޢުކުރައްވާފައެވެ.

މި ޤަވާޢިދުގައި ބަޔާންކޮށްފައިވާގޮތުން ހައިކޯޓާއި ހައިކޯޓުގެ ގޮފިތަކަށް ފަނޑިޔާރުން ހަމަޖައްސާނީ ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) އަށް 1 ވަނަ އިޞްލާޙް ގެނައުމުގެ ޤާނޫނުގެ 35 ވަނަ މާއްދާގެ ދަށުން، ހައިކޯޓަށް ޢައްޔަންކުރެވިފައިވާ ފަނޑިޔާރުންގެ ތެރެއިން ކޮންމެ ގޮތްޕަކަށް ތިން ފަނޑިޔާރުންނެވެ.

ހައިކޯޓު އުތުރު ގޮތްޕާއި، ހައިކޯޓު ދެކުނު ގޮތްޕަށް ހައިކޯޓުގެ ފަނޑިޔާރުންގެ ތެރެއިން ހަމަޖައްސާ ފަނޑިޔާރަކީ ހައިކޯޓުގައި ކުރިއްސުރެ މަސައްކަތް ކުރަމުންއައި ފަނޑިޔާރެއްނަމަ އެ ފަނޑިޔާރަކު ހަމަޖައްސާނީ ރޮޓޭޓް އުޞޫލުންނެވެ. އަދި މިގޮތުން ހަމަޖައްސާ ފަނޑިޔާރަކު ހަމަޖައްސާތާ މަދުވެގެން 01 އަހަރު ވުމުން އެ ފަނޑިޔާރަކު ބޭނުންނަމަ ހައިކޯޓަށް ނުވަތަ ހައިކޯޓުގެ އެހެން ގޮތްޕަކަށް އެ ފަނޑިޔާރަކު އަލުން ހަމަޖެއްސިދާނެއެވެ.

ހައި ކޯޓު / އުތުރު ގޮތްޕާއި، ހައި ކޯޓު / ދެކުނު ގޮތްޕަށް ފަނޑިޔާރުން ހަމަޖެއްސުމާބެހޭ ޤަވާޢިދު ވިދާޅުވުމަށް