އަލަށް ގްރެޖުއޭޓް ވާ ފަރާތްތަކަށް ލަސްތަކެއް ނުވެ ހުވާ ކުރެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެ: އުއްތަމަ ފަނޑިޔާރު

Oathtaking 2018 01

އިދާރީ ބައެއް ދަތިތަކާ ހުރެ، ޝަރުޢީ އަދި ޤާނޫނީ ތަޢުލީމުގެ ދާއިރާއިން ކިޔަވައިވިދާޅުވެގެން ނުކުމެވަޑައިގަންނަވާ ބޭފުޅުންނަށް، ޤާނޫނީ ވަކީލުކަމުގެ ހުވާ ނުކުރެއްވެވި ދުވަސްތަކެއް ފާއިތު ވެގެން ގޮސްފައިވީނަމަވެސް، ކުރިޔަށް އޮތް ތަނުގައި، އަލަށް ގްރެޖުއޭޓް ވެވަޑައިގަންނަވާ ބޭފުޅުންނަށް ލަސްތަނެއް ނުވެ ހުވާ ކުރެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމުގައި ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އޮނަރަބަލް ޑރ. އަޙްމަދު ޢަބްދުﷲ ދީދީ ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހިރާއްޖޭގައި ޤާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތްކުރުމުގެ ހުއްދަ ދިނުމަށްޓަކައި 2018 ޖުލައި 30 ވަނަ ދުވަހުގެ ރޭ ދަރުބާރުގޭގައި ބޭއްވުނު ޚާއްޞަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އޭގެ އިތުރުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2015/SC-RU/03 ރޫލިންގ އަށް އަލިއަޅުއްވާލައްވައި، ޤާނޫނީ ވަކީލުންގެ ޕްރޮފެޝަނުގެ ކަންކަން ބެލެހެއްޓުން ސުޕްރީމް ކޯޓުން ކުރާ ކަމެއްގެ ގޮތުގައި ހަމަޖައްސަންޖެހުނީ، ދިވެހިރާއްޖޭގައި ޤާނޫނީ ވަކީލުކަމުގެ ޕްރޮފެޝަންއާ ބެހޭ އެންމެހައި ކަންތައް އިންތިޒާމްކޮށް ބަލަހައްޓާނޭ ޤާނޫނަކުން އުފައްދާ މިނިވަން ބާރ ކައުންސިލެއް ޤާއިމުކުރެވެންދެން، މިނިވަން ޝަރުޢީ ނިޒާމެއްގެ ތެރޭގައި އިންތިޒާމްކުރެވިފައިވާ ޤާނޫނީ ވަކީލުކަމުގެ ޕްރޮފެޝަން، ޒަމާނުއްސުރެ ދިވެހިރާއްޖޭގައި ޤާއިމުވެ އޮތްގޮތަށް އިންތިޒާމްކޮށް ބެލެހެއްޓުމަށްޓަކައި ކަމުގައި ވެސް އެމަނިކުފާނު ވިދާޅުވިއެވެ.