ތަޢުލީމާއި ތަޖުރިބާ ހޯދުމަށް ޝަރުޢީ ދާއިރާގެ އިސް ވަފުދެއް ތުރުކީ ވިލާތަށް ޒިޔާރަތް ކުރައްވައިފި

Turkey01-2019.jpeg

ޝަރުޢީ ކޯޓުތަކާއި އިދާރާތަކުގެ ހިންގުން ހަރުދަނާކޮށް، ޝަރުޢީ ދާއިރާއަށް ގެންނަންޖެހޭ އިޞްލާޙީ ހެޔޮ ބަދަލުތައް ގެނައުމަށްޓަކައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން އިސް ނަންގަވައިގެން ކުރިއަށް ގެންދަވާ ޚާއްޞަ މަސައްކަތްޕުޅުގެ ދަށުން 2019 މާރިޗު 9 އިން 16 އަށް ޝަރުޢީ ދާއިރާގެ އިސް ވަފުދެއް ގެންދަވަނީ ތުރުކީ ވިލާތަށް ދަތުރެއް ކުރައްވަމުންނެވެ.

Turkey03-2019.jpeg

ދިވެހިރާއްޖޭގެ ޖުޑީޝަލް އެކަޑަމީން އިންތިޒާމްކޮށްގެން ކުރިއަށް ގެންދާ މި ދަތުރަކީ، ދިވެހިރާއްޖޭގެ މަދަނީ ޢަދުލުގެ ނިޒާމު ހަރުދަނާކުރުމާ ގުޅޭ ތަޢުލީމާއި ތަޖުރިބާ ހޯދުމަށާއި، ދިވެހިރާއްޖޭގެ ޖުޑީޝަލް އެކަޑަމީ ތަރައްޤީކުރުމާ ބެހޭގޮތުން އެކުލަވައިލެވިފައިވާ އިންސްޓިޓިޔުޝަނަލް ޑިވެލޮޕްމަންޓް ޕްލޭނުގައި ހިމެނޭ، އެކިއެކި ޤައުމުތަކުގެ ޖުޑީޝަލް އެކަޑަމީތަކަށް ޒިޔާރަތްކޮށް އެ ތަންތަނާ ގުޅުން ބަދަހިކުރުމާއި، އެ ތަންތަނާ ގުޅިގެން ކޮންޓިނިޔުޑް ޖުޑީޝަލް ލީގަލް އެޑިޔުކޭޝަނުގެ ޕްރޮގްރާމްތައް ހިންގުމަށް ބޭނުންވާ އެހީތެރިކަމާގުޅޭގޮތުން މަޝްވަރާކޮށް ތަޖުރިބާ ހޯދުމަށްޓަކައި ކުރާ ދަތުރެކެވެ.

މި ދަތުރުގެ މައިގަނޑު މަޤުޞަދުތަކުގެ ތެރޭގައި، ތުރުކީ ވިލާތުގެ މަދަނީ ޢަދުލުގެ ނިޒާމް ހިނގާގޮތް ބަލައި ދިރާސާކުރުމާއި، ތުރުކީގައި ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުގެ ކަންކަން ރޭވި ހިނގަމުންދާގޮތް ބަލައި ދިރާސާކުރުމާއި، ދިވެހިރާއްޖޭގެ ޖުޑީޝަލް އެކަޑަމީގެ ފަންނީ ޤާބިލިއްޔަތު އިތުރުކުރުމަށްޓަކައި ތުރުކީ ވިލާތުގެ ޖުޑީޝަލް ޓްރޭނިންގގެ މަސައްކަތްކުރާ މުއައްސަސާއާ ގުޅުން ބަދަހިކުރުމާއި، އެ މުއައްސަސާގެ އެހީތެރިކަން ހޯދުމާއި، ދިވެހިރާއްޖޭގެ ޖުޑީޝަލް އެކަޑަމީން ހިންގާ ޕްރޮގްރާމްތަކަށް އެ މުއައްސަސާގެ ފަންނީ އެހީތެރިކަން ހޯދުމުގެ އިންތިޒާމް ހަމަޖެއްސުން ހިމެނެއެވެ.

މި ދަތުރުގައި، ތުރުކީ ވިލާތުގެ މިނިސްޓްރީ އޮފް ޖަސްޓިސް އާއި، ތުރުކީ ވިލާތުގެ ޖަސްޓިސް އެކަޑަމީ އާއި، ކޯޓު އޮފް ކެސޭޝަން އާއި، ރީޖަނަލް ކޯޓު އޮފް އެޕީލް އާއި، ސިވިލް ކޯޓް އޮފް ފަސްޓް އިންސްޓެންސްގެ އިތުރުން، އޮފީސް އޮފް ދަ ޗީފް ޕްރޮސިކިއުޓަރ އަށް ޒިޔާރަތްކޮށް އެ ތަންތަނުގެ އިސްވެރިންނާ ބައްދަލުކުރައްވައި މަޝްވަރާތައް ވަނީ ކުރެވިފައެވެ.

Turkey02-2019.jpeg

ޝަރުޢީ ދާއިރާގެ މިނިވަންކަން ކަށަވަރުކޮށް، ޝަރުޢީ އަދި އިދާރީ ހެޔޮ ބަދަލުތައް ގެނައުމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ކުރައްވަމުންގެންދަވާ މަސައްކަތަށް ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ތުރުކީ ވިލާތުން ދެއްވާނެކަން ތުރުކީ ވިލާތުގެ ކަމާބެހޭ އިދާރާތަކުން ވަނީ ކަށަވަރުކޮށް ދެއްވާފައެވެ.  މިގޮތުން، ޝަރުޢީ ދާއިރާގެ ފަނޑިޔާރުންނާއި މުވައްޒަފުންނަށް ބޭނުންވާ ތަމްރީނާއި ތަޖުރިބާގެ ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމުގެ ކަންތައް ކައިރި މުސްތަޤުބަލެއްގައި ފައްޓަވާނެކަމަށް ތުރުކީ ވިލާތުގެ މިނިސްޓްރީ އޮފް ޖަސްޓިސް އަދި ޖަސްޓިސް އެކަޑަމީން ވަނީ ވިދާޅުވެފައެވެ.

Turkey04-2019.jpeg

މި ދަތުރުގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު އާދަމް މުޙައްމަދު ޢަބްދުﷲ އާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަބްދުﷲ ދީދީއާއި، ދިވެހިރާއްޖޭގެ ހައިކޯޓާއި ސިވިލް ކޯޓާއި ފެމިލީ ކޯޓުގެ ފަނޑިޔާރުންގެ އިތުރުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ސެކްރެޓަރީ ޖެނެރަލްއާއި، ޖުޑީޝަލް އެޑްމިނިސްޓްރޭޓަރާއި، ދިވެހިރާއްޖޭގެ ޖުޑީޝަލް އެކަޑަމީގެ ޗާންސެލަރ އާއި، ދިވެހިރާއްޖޭގެ ޖުޑީޝަލް އެކަޑަމީއާއި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުގެ އިސް ވެރިން ބައިވެރިވެވަޑައިގަންނަވައެވެ.