ޑިސްޕިއުޓް ރިޒޮލިއުޝަން ޑިވިޜަނަށް ހުށަހެޅުނު މައްސަލަތަކުގެ ތެރެއިން %40 މައްސަލަ ޙައްލުވި – ސިވިލް ކޯޓު

civilc

ސިވިލް ކޯޓުގެ ޑިސްޕިއުޓް ރިޒޮލިއުޝަން ޑިވިޜަނަށް ހުށަހެޅުނު މައްސަލަތަކުގެ %40 މައްސަލަ ނިމިފައިވަނީ ޞުލްޙަވެރިކަމާއެކު ޙައްލުވެގެން ކަމަށް ސިވިލް ކޯޓުގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. "ސިވިލް ކޯޓުގެ ތުޅުދަނޑި" ގެ ނަމުގައި 31 ޖަނަވަރީ 2016 ގައި ސިވިލް ކޯޓުން ޝާއިޢުކޮށްފައިވާ ސިވިލް ކޯޓުގެ 2015 ވަނަ އަހަރުގެ ތަފާސްހިސާބަށް ބަލާއިރު، ސިވިލް ކޯޓުގެ ޑިސްޕިއުޓް ރިޒޮލިއުޝަން ޑިވިޜަނަށް 2015 ވަނަ އަހަރު ހުށަހެޅިފައިވަނީ 1568 މައްސަލައެވެ.

civil1

ސިވިލް ކޯޓަށް 2015 ވަނަ އަހަރު ހުށަހެޅުނު މައްސަލަތަކާއި ނިމުނު މައްސަލަތައް

ސިވިލް ކޯޓުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި 2015 ވަނަ އަހަރު ސިވިލް ކޯޓަށް ހުށަހެޅުނު މައްސަލަތަކުގެ އަދަދަކީ 2377 އެވެ. 2015 ވަނަ އަހަރު ހުށަހެޅުނު މައްސަލަތަކުގެ އިތުރުން 2014 ވަނަ އަހަރު ނުނިމި ހުރި މައްސަލަތަކާއެކު ޖުމްލަ 3663 މައްސަލައިގެ ތެރެއިން 2015 ވަނަ އަހަރު 2283 މައްސަލަ ސިވިލް ކޯޓުން ނިންމާފައިވެއެވެ.

ސިވިލް ކޯޓުގެ އިދާރީ ހިންގުމުގެ ނިޒާމަށް 15 ފެބުރުވަރީ 2015 ވަނަ ދުވަހުން ފެށިގެން ގެނެވުނު ބަދަލާއެކު ސިވިލް ކޯޓުން ކުރިން ބަލަމުންދިޔަ މައްސަލަތަކުގެ ތެރެއިން ބައެއް މައްސަލަތައް ފެމިލީ ކޯޓަށް ބަދަލުކުރުމާ ގުޅިގެން، 137 މައްސަލައެއް 2015 ވަނަ އަހަރު ފެމިލީ ކޯޓަށް ތަޙްވީލްކޮށްފައިވެއެވެ.

civil2

2015 ވަނަ އަހަރު ނިމުނުއިރު ސިވިލް ކޯޓުގައި ނުނިމި ބާކީ ހުރި މައްސަލަތަކުގެ އަދަދަކީ 1243 އެވެ. ސިވިލް ކޯޓުގައި ހުރި 5 އަހަރަށް ވުރެ ގިނަދުވަސްވީ މައްސަލަތަކުގެ %78.6 މައްސަލަ 2015 ވަނީ ނިންމާފައެވެ. އަދި 3 އަހަރާއި 5 އަހަރާ ދެމެދުގެ މައްސަލަތަކުގެ %64.5 މައްސަލައާއި 1 އަހަރާއި 3 ދެމެދު ހޭދަވެފައިވާ މައްސަލަތކުގެ %46.4 މައްސަލަ 2015 ވަނަ އަހަރު ވަނީ ސިވިލް ކޯޓުން ނިންމާފައެވެ.

civil3

ރަޖިސްޓްރީ ކުރެވުނު ލިޔުންތަކުގެ އަދަދު

ސިވިލް ކޯޓުގެ 2015 ވަނަ އަހަރުގެ ތަފާސްހިސާބު ދައްކާގޮތުން 2015 ވަނަ އަހަރު 1278 އެގްރިމެންޓް ސިވިލް ކޯޓުގައި ރަޖިސްޓްރީކޮށްފައިވެއެވެ. އަދި އެހެނިހެން ލިޔުންތަކުގެ ގޮތުގައި 445 ލިޔުން ރަޖިސްޓްރީކޮށްދީފައިވެއެވެ.

civil4

ދަރަނީގެ ގޮތުގައި ސާބިތުވި އަދަދު އަދި ދަރަނީގެ ގޮތުގައި ބަލައިގަތް އަދަދު

2015 ވަނަ އަހަރު ދަރަނީގެ ގޮތުގައި 178،362،724.37 ރުފިޔާއާއި 10،767،703.04 ޑޮލަރު ސިވިލް ކޯޓުގައި ސާބިތުވެފައިވާއިރު، ސިވިލް ކޯޓުން 2015 ވަނަ އަހަރު 19،967،328.15 ދިވެހި ރުފިޔާއާއި 191،996.67 ޑޮލަރު ދަރަނި ފައިސާގެ ގޮތުގައި ވަނީ ބަލައިގެންފައިވެއެވެ.

civil5